ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއާ މަރިޔަމް އުނޫޝާ (ކިޑީ) މުޅިރާއްޖެއަށް ހާއްސަ މިއުޒިކް ޓުއާއެއްގައި ދިއުމަށް ހަމަޖައްސައި އެކަން އިއުލާންކޮށްފިއެވެ.
ސައުންޑް ސްކޮޑުން އިންތިޒާމްކޮށްގެން " އުނޫޝާ ރާއްޖެ ޓުއާ"ގެ ނަމުގައި މިއަދު އިއުލާންކުރި ހާއްސަ ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ ބޮޑު އީދު ދުވަހުއެވެ.
މި ޓުއާ ފަށާކަން އިއުލާން ކުރަމުން މޯލްޑިވިއަން އައިޑަލްގެ ދެ ސީޒަންގައިވެސް ޖަޖެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައިވާ ކިޑީ ބުނެފައިވަނީ އޭނާގެ ހާއްސަ ޓުއާއެއް މުޅި ރާއްޖެއަށް ކުރުމަށް ނިންމާފައިވާކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނާ ބައްދަލުކޮށް އެ ދަތުރު ތަޖުރިބާ ކޮށްލަން ކެތްމަދުވެފައިވާ ކަމަށެވެ.

ރާއްޖޭގެެ އެހެން ފަންނާނުންނަށްވުރެ އަބަދުވެސް އުހުގައި ފިޔަޖަހާ އަދި ތަފާތު ގިނަ ކަނތައްތަކެއް އަބަދުވެސް ގެނެސްދޭ ކިޑީގެ ރާއްޖެ ޓުއާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އުތުރަށް ވަކި ދަތުރެއް ކުރަން ހަމަޖެހިފައިވާއިރު ދެކުނަށާއި މެދުރާއްޖެ ތެރެއަށްވެސް ވަކިވަކިން ވަނީ ދަތުރުކުރަން ހަމަޖެހިފައެވެ. އަދި މި ތިން ސަރަހައްދުގައިވެސް ކަނޑައެޅޭ ވަކި ރަށްތަކެއްގައި ކިޑީ ޕަފޯމް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ.
ބޮޑު އީދުގައި އެ ޓުއާ ފަށާގޮތަށް ހަމަޖެއްސި ނަމަވެސް އަދި ދާން ހަމަޖެހިފައިވަނީ ކޮންކޮން ރަށްތަކެއްކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޓުއާ އިންތިޒާމް ކުރާ ފަރާތުންވަނީ ބުނެފައެވެ.