މަރިޔަމް އުނޫޝާ (ކިޑީ) އަކީ މިވަގުތު ރާއްޖޭގެ މިއުޒިކީ ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ތަރިއެ އެވެ. ކިޑީގެ ކޮންމެ ލަވައަކަށް ވެސް އެހުންތެރިން އިންތިޒާރު ކުރެ އެވެ.
މިފަހަރު ދައްކަން މިއުޅެނީ ލަވަ އަލްބަމެއްގެ ވާހަކައެއްނޫނެވެ. އެކަމަކު ނާނާ އަލްބަމެއްގެ ވާހަކަ އެވެ. މިއީ މިއުޒީޝަން ބާޗީ އާއި ކިޑީގެ ފުރަތަމަ އަލްބަމެވެ. މި އަލްބަމް ހާއްސަކޮށްފައިވަނީ ކިޑީގެ އަލަތު ދަރިފުޅަށާއި ހުރިހާ ކުޑަކުދިންނަށެވެ.
"އުދުހިލާ" އަލްބަމް އާ ގުޅޭގޮތުން އުނޫޝާގެ ފިރިމީހާ އަދި މެނޭޖަރު އިބްރާހިމް ހަމީޝް (ހަމީ) ބުނީ މި އަލްބަމްގައި ހިމެނޭނީ ހުސްވެސް އަމިއްލަ ރާގުގެ ނާނާތަކެއް ކަމަށާއި އަލްބަމަކީ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށެވެ.
"އަސްލު ގިނައީ އިނގިރޭސި ނާނާތައް. ދިވެހި ނާނާ ވަރަށް މަދު. އެހެންވެ އަސްލު ބޭނުންވީ ދިވެހި ނާނާ އުފައްދަން. މި އަލްބަމްގައި ޖުމްލަ ހަތް ނާނާ ހިމެނޭ،"
ހަމީޝް ބުނީ އަލްބަމް ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
މި އަލްބަމްގެ ރިކޯޑިންގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގޮސްފައިވަނީ އުނޫޝާ އޭނާގެ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރުގައެވެ. އެހެންކަމުން މި ނާނާތަކުން މަންމައެއްގެ ލޯބި ވަރަށް ފުރިހަމައަށް ސިފަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ
މި ހޯމަދުވަހުގެ ރޭ އުދުހިލާގެ ކަވާ އާންމުންނަށް ދައްކާލާފައިވާއިރު ގިނަ ބަޔަކު އަންނަނީ ކިޑީ އާއި ބާޗީގެ މި މަސައްކަތަށް ތައުރީފުކުރަމުންނެވެ.
ދިވެހި ގިނަ ނާނާތަކެއް މިޒަމާނާއި ގުޅޭނެހެން އަޑުއިވިގެންދާނެ އުދުހިލާ އަލްބަމަކީ ސައުންޑް ސްކުއާޑް އަދި ލޫޕްކްރާފްޓްގެ ޕްރޮޑަކްޝަނެކެވެ. އުދުހުލާގެ ކަވާ އަކީ އުނޫޝާ އާއި ލޫޕްކްރާފްޓްގެ ހިޔާލެކެވެ. ކަވާ ތައްޔާކޮށްފައިވަނީ ވެސް ކުޑަކުދިންނަށް އެންމެ އެކަށޭނެ ކޮށެވެ. ކަވާ ތައްޔާރުކުރީ ލޫޕްކްރާފްގެ ޓީމެވެ.
އަލްބަމްގެ ކަވާގައި ފެނިގެންދަނީ ކުޑަ ފިރިހެން ކުއްޖެއް ދޫންޏެއްގެ މަތީ، ވިލާގަނޑުގެ ތެރޭގައި އުދުހިފައިދާ މަންޒަރެވެ.
ދާދި ފަހުން ކިޑީ ވަނީ މި އަލްބަމްގެ އެއް ނާނާ ރިލީޒްކޮށްފައެވެ. އެ ނާނާ ކިޔާފައިވަނީ އުނޫޝާއާއި އަދި އޭނާގެ މަންމަ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަފީޤާއެވެ. މި ލަވައިގެ އޮރިޖިނަލް އަކީ 80 އާއި 90ގެ ތެރޭގައި ބޮޑު މަގްބޫލްކަމެއް ހޯދައިފައިވާ ޖޭމު ދޮންކަމަނަ ކިޔާފައިވާ ލަވައެކެވެ. މި ކަވާއަށް ސައުންޑް ކްލައުޑްގައި ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި އަލްބަމްގެ ދެން ހުރި ނާނާތައް އަޑުއަހާލުމަށް އަހަރެމެން މިތިބީ ކެތްމަދުވެފައެވެ. .