99 ގައުމެއްގެ އެތައް ހާސް ކޮމްޕިއުޓަރުތަކަށް ސައިބާ ހަމަލާތައް ދީފި

އެސައިބާ އެޓޭކުގެ ސަބަބުން ކޮމްޕިއުޓާ އެއްކޮށް 'ލޮކް'ވޭ -- ފޮޓޯ: އީޕީއޭ

ލަންޑަން (މެއި 13): އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) އިން އުފައްދާފައިވާ ކަމަށް ބެލެވޭ ހެކިން ޓޫލްއެއް ބޭނުންކޮށްގެން 99 ގައުމެއްގެ އެތައް ހާސް ކޮމްޕިއުޓަރުތަކަށް ސައިބާ ހަމަލާތައް ދީފި އެވެ.

ެއިނގިރޭސިވިލާތް، ޗައިނާ، ރަޝިއާ، ސްޕެއިން، އިޓަލީ އަދި ޓައިވާން ފަދަ ގައުމުތަކަށް އަމާޒު ކުރި އެހަމަލާތައް ދީފައި ވަނީ އީމެއިލްތަކެއް ފޮނުވައިގެންނެވެ. އެއީމެއިލް ހުޅުވުމުން ކޮމްޕިއުޓާ އެއްކޮށް 'ލޮކް'ވެ އެވެ. އަދި ޑިިޖިޓަލް ކަރެންސީއެއް ކަމަށްވާ ބިޓްކޮއިން 300 ޑޮލަރު ނުދައްކައިފި ނަމަ ކޮމްޕިއުޓަރުގައި ހުރި ހުރިހާ ޑޭޓާއެއް ގެއްލޭނެ ކަމަށް ބުނާ 'ޕޮޕް އަޕް ވިންޑޯ' އެއް ހުޅުވެ އެވެ.

އެފަދަ އެންމެ ވަރުގަދަ ހަމަލާތައް ލިބުނު ގައުމުކަމަށްވާ އިނގިރޭސިވިލާތުގެ ގިނަ އަދަދެެއްގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ކޮމްޕިއުޓަރު ބޭނުން ނުކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަލި މީހުންނަށް ފަރުވާ ނުދެވި ދިޔަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކަމާ ބެހޭ ބައެއް މާހިރުން ވިދާޅުވާ ގޮތުގައި އެ ސޮފްޓްވެއާ އަކީ 'ދި ޝެޑޯ ބްރޯކާސް' ކިޔާ ހެކަރުންތަކެއް އެންއެސްއޭއިން ވަގަށް ނެގި ސޮފްޓްވެއާއެކެވެ. އަދި އެސޮފްޓްވެއާ ވިއްކާލަން ހެކަރުން ފުރަތަމަ މަސައްކަތް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމީހުން ވަނީ އެޓޫލްތައް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. ޝެޑޯ ބްރޯކާސްގެ ބްލޮގް ޕޯސްޓެއްގައިވާ ގޮތުން އެފަދައިން އަމަލު ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ. (އަލްޖަޒީރާ)

comment ކޮމެންޓް