އިރާގާއި އަފްޣާނަށް އެމެރިކާ އަރައިގަތީ އެ ދެގައުމުގައި ޑިމޮކްރަސީ ފަތުރާކަށް ނޫން: ކޮންޑަލީޒާ

ކޮންޑަލީޒާ ރައިސް

ވޮޝިންޓަން (މޭ 13): އެމެރިކާއިން އިރާގަށާއި އަފްޣާނިސްތާނަށް އަރައިގަތީ އެ ދެ ގައުމުގައި ޑިމޮކްރަސީ ފަތުރަން ނޫންކަމަށް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ގައުމީ ސަލާމަތާބެހޭ ކުރީގެ މުސްތަޝާރު ކޮންޑަލީޒާ ރައިސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ބްރޫކިންގްސް އިންސްޓިޓިއުޓްގައި ވާހަކަ ދައްކަވަމުން ކޮންޑަލީޒާ ވިދާޅުވީ އެމެރިކާއިން އިރާގަށާއި އަފްޣާނިސްތާނަށް އަރައިގަނެ އެ ދެ ގައުމާ ދެކޮޅަށް ހަނގުރާމަފެށީ ސަލާމަތީ ސަބަބުތަކާ ގުޅިގެންކަމަށާ އެ ދެ ގައުމުގައި ޑިމޮކްރަސީ ގާއިމްކުރުމުގެ އެއްވެސް ވިސްނުމެއް އެމެރިކާގެ ނެތްކަމުގައެވެ.

"އެމެރިކާއިން އިރާގާ ދެކޮޅަށް ހަނގުރާމަފެށީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބެލެވިގެން، އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަކޮށް ތާލިބާނުންގެ ސަރުކާރު ވައްޓާލީ އެގައުމަށް އަލްގާއިދާ އަތްގަދަކޮށް އެޖަމާއަތުގެ މަރުކަޒަކަށް އަފްޣާނިސްތާން ހެދުމުން،" ހަރުކަށި ޚިޔާލުގެ ބޭފުޅެއްކަމަށްވާ ކޮންޑަލީޒާ ވިދާޅުވިއެވެ.

އެމެރިކާ ވަނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގުހަދައިގެން އިރާގަށް އަރައިގަނެ ވަރަށް އަނިޔާވެރިގޮތަކަށް އެގައުމުގެ ހަތަރު ލައްކަ އެއްހާ މީހުން މަރާލާފައެވެ. މީގެއިތުރުން އެމެރިކާ ވަނީ އިރާގުގައި ޓެރަރިސްޓް ޖަމާއަތްތައް އުފައްދައި ޓެރަރިޒަމްގެ ހާއްޔަކަށްވެސް އެގައުމު ހަދާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނަށް އެޓޮމް ބޮންއަޅައިގެން އެމެރިކާ ހިންގި ބިރުވެރި ގަތުލުއާންމުތަކަށްފަހު އެމެރިކާ ދުނިޔޭގައި ހިންގި އެންމެ ބޮޑު ގަތުލުއާންމެވެ.

އެމެރިކާއިން އިރާގަށް އަރައިގަތުމުގެ ކުރިން އިރާގަކީ ޓެރަރިސްޓް އެއްވެސް ޖަމާއަތެއް ހަރަކާތްތެރިވާ އަދި މަގުމަތީގައި ބޮންގޮއްވުންފަދަ ޓެރަރިޒަމްގެ އަމަލެއް ހިނގާ ގައުމެއްވެސް ނޫނެވެ. ނަމަވެސް އެމެރިކާ އިރާގަށް އަރައިގަތުމާ ގުޅިގެން އިރާގުވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފައެވެ. އަދި އިރާގާއި އިސްލާމީ އެހެން ގައުމުތައް ހަލާކުކޮށް އިސްލާމް ދީނުގެ ސޫރަ ހުތުރުކުރުމަށްޓަކައި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ސިއްރިޔާތުގައި އެހީތެރިވާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ.

އަފްޣާނިސްތާނަށް އަރައިގަނެ ތާލިބާނުންގެ ސަރުކާރު ވައްޓާލުމަށްފަހު ފާއިތުވި އަހަރުތަކުގައި އެމެރިކާއިން އަފްޣާނިސްތާނަށް ދިން ޙަމަލާތަކުގައި މަދުވެގެން ދެ ލައްކައެއްހާ މީހުން މަރުވެފައިވާނެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ. އެމެރިކާ އިރާގަށް އަރައިގަނެ އެގައުމުގެ އާންމުން މަރަމުން ގެންދިޔައިރު އެކަން އޮޅުވާލުމުގެ ގޮތުން އިރާގުގައި ޑިމޮކްރަސީ ގާއިމްކުރަން މަސައްކަތްކުރާ ކަމުގެ އަޑުތައް އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ހުޅަނގުގެ މީޑިޔާތަކުން ފެތުރިއެވެ. ނަމަވެސް އެމެރިކާއަކީ އަބަދުވެސް ޑިކްޓޭޓަރުންނަށް ވާގިވެރިވާ އަދި އެމީހުންގެ ފަހަތުގައިވާ ގައުމެއްކަން ތާރީޚު ހެކިދެއެވެ.

ކޮންޑަލީޒާ ރައިސް އަކީ އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ޚާރިޖީ ވަޒީރު ކަމާއި ގައުމީ ސަލާމަތާބެހޭ ކުރީގެ މުސްތަޝާރުކަން ކުރައްވާފައިވާ ވަރަށް ހަރުކަށި ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް