އަފްޣާނިސްތާނަށް 700 އަށްވުރެގިނަ ލޮރީގެ އިންސާނީ އެހީގެ ތަކެތި ވައްދައިފި

ކާބުލް (18 އޮގަސްޓް 2026) : އަފްޣާނިސްތާނާއި ޕާކިސްތާން އާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ދެގައުމުގެ ސަރަހައްދީ ރޮނގު ބަންދުކޮށްފައި ވަނިކޮށް ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް ގިނަ އަދަދެއްގެ އިންސާނީ އެހީ އެތެރެކޮށްފިއެވެ.

މިކަން ކުރީ އދ. މެދުވެރިއަކަށް ވެގެންނެވެ. އދ. ގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ ތަރުޖަމާނު، އޮލްގާ ޝެރެކޯ ވިދާޅުވީ އަފްޣާނިސްތާނާއި ޕާކިސްތާން އާ ދެމެދުގައިވާ ހައިވޭ ބަންދުކޮށްފައި ވުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމުގައެވެ. ނަމަވެސް އދ. މެދުވެރިއަކަށް ވެގެން ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް 700 އަށްވުރެ ގިނަ ލޮރީގެ އިންސާނީ އެހީގެ ތަކެތި ފާއިތުވި ހައެއްކަ ދުވަސްތެރޭގައި އަފްޣާނިސްތާނަށް ވަދެފައިވާ ކަމުގައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާންއާ ދެމެދު ހަމަލާތައް ބަދަލުކޮށް ދެގައުމުވަނީ ހަނގުރާމައިގެ ހާލަތަކަށް ގޮސްފައެވެ.

މިއާއެކު އެދެ ގައުމުގެ މެދުގައިވާ ސަރަހައްދީ ރޮނގުވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އަފްޣާނިސްތާނަށް ބޭނުންވާ އިންސާނީ އެހީ ބޮޑުބައެއް އެގައުމަށް ވެއްދޭގޮތްވަނީ ނުވެފައެވެ. ވައިގެ މަގުން ފޮނުވެނީ މަދުއަދަދެއްގެ އެހީއެވެ. އޭގައި ހިމެނެނީ ބޭހާއި ސިއްހަތާބެހޭ ސާމާނު ފަދަ ތަކެއްޗެވެ.

އދ. ބުނާގޮތުން އެހީގެ ސާމާނު ހިފައިގެން ޕާކިސްތާން މަގުން އަފްޣާނިސްތާނަށް ދަތުރުކުރި ގާފިލާގައި ހިމެނެނީ 704 ލޮރީ އެވެ. އެ ލޮރީތައް އަފްޣާނިސްތާނަށް އެތެރެވީ ތޫރްޚަމް ހައިވޭއިންނެވެ.

އަފްޣާނިސްތާނަށް އިސްތިއުމާރީ ގޮތުން އަރައި ހަންފަތުރައިގެން ތިބި އެމެރިކާގެ އިސްތިއުމާރީ ސިފައިން ފައްސާލީ ތާލިބާނުންގެ ވަރުގަދަ ޖިހާދީ ހަރަކާތުގެ ސަބަބުންނެވެ.

އެމެރިކާގެ އިސްތިއުމާރީ ބާރުތައް 2022 ވަނަ އަހަރު އަފްޣާނިސްތާނުން ފޭބީ ތާލިބާނުންގެ ހަމަލާތަކާއެކު އަފްޣާނިސްތާނުގައި ފައިހަރުކޮށްލައިގެން ތިބުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެ އެ ހަރަދުތައް ތަހައްމަލް ނުކުރެވިގެންނެވެ. މިކަން އެމެރިކާގެ މަސްއޫލުވެރިންގެ ވާހަކަތަކުން ހާމަވެފައިވެއެވެ.

އެމެރިކާ ސިފައިން ފައްސާލުމުގެ ކުރިން އަފްޣާނިސްތާނުގައި އެމެރިކާ ގާއިމްކުރި ގޮނޑިކޮއްކޮ ސަރުކާރާއި އެމެރިކާ އެތައް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކުރި ގޮނޑިކޮއްކޮ ސިފައިންގެ ލަޝްކަރުވަނީ ރޫޅިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އަފްޣާނިސްތާނުން އެމެރިކާ ބޭރުވާން ޖެހުނީ ވަރަށް އިހާނާތްތެރި އަދި ލަދުވެތި ގޮތަކަށެވެ.

އަފްޣާނިސްތާނުގައި އެމެރިކާ ހަތް ލައްކައަށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނާއިރު އިސްތިއުމާރީ ހަރަކާތްތަކަށް 20 އަހަރުތެރޭގައި އެމެރިކާ ދެ ޓްރިލިޔަން ޑޮލަރު ޚަރަދުކުރިކަން ރިޕޯޓްތަކުން ހާމަވެއެވެ.

އެމެރިކާ ސިފައިން ފޭބުމާއެކު އަފްޣާނިސްތާނަށްވަނީ ސުލްހައާއި ހަމަޖެހުން އައިސްފައެވެ. ނަމަވެސް އަފްޣާނިސްތާންވަނީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިއާއެކު އަފްޣާނިސްތާން އަދިވެސް ވަނީ ބޭރުގެ އިންސާނީ އެހީއަށް ބަރޯސާވާން ޖެހިފައެވެ.

comment ކޮމެންޓް