އިންޓަ އޮފީސް/ކުންފުނި ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.
ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުތައް އިއްޔެ ކުރިއަށްދިޔައިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ގްރޫޕް އޭ، ގްރޫޕް ބީ އަދި ގްރޫޕް ސީގެ އެއްވަނަ އަދި ދެވަނަ ހޯދި ޓީމުތަކެވެ.
އިއްޔެގެ މެޗުތަކަށްފަހު ގްރޫޕް އޭގެ އެއްވަނަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ހޯދިއިރު، ދެވަނަ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑެވެ. ގްރޫޕް ބީގެ އެއްވަނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދިއިރު، ދެވަނަ ހޯދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއެވެ. ގްރޫޕް ސީގެ އެއްވަނަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޯދިއިރު، ދެވަނަ ހޯދީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފްއާއި ކަރެކްޝަނެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި އެމްއޭސީއެލްއާއި އެފްއެސްއެމް ބައްދަލުކުރާއިރު، ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފުލުހުންނާއި އޭވިއޭޝަން ސެކިއުރިޓީއެވެ.
މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ލިބޭނީ ދެވަނަ ބުރުގެ މެޗުތަކުން މޮޅުވާ ތިން ޓީމަށެވެ. ދެވަނަ ބުރުގެ މެޗުތަކުން މޮޅުވާ ތިން ޓީމުގެ މެދުގައި ކުޅެވޭ ލީގު ބުރަށްފަހު، މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެންމެ ކުރި ހޯދާ ދެ ޓީމެވެ. ލީގު ބުރުގެ މެޗުތައް ކުޅޭނީ މިމަހުގެ 13، 14 އަދި 15 ވަނަ ދުވަހުގެ ހަވީރެވެ.