''މައިލޯ ފައިވް-ކޭ ޓީމް ރަން''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސަން މީޑިޔާގެ ސީއޯއޯ މިންހާ ފާއިޒު (ކ) ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ އަބްދުއްރައްޒާގު (ވ)- - ސަން ފައިލް ފޮޓޯ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން މި މަހުގެ 20 ވާ ހޮނިހިރު ދުވަހު "މައިލޯ 5K ޓީމް ރަން"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ޓީމް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައެވެ. އަދި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 4:30ގައެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ، ރޭހުގައި ބައިވެރިވުމަށް ބޭނުންވާ ރެޖިސްޓްރޭޝަން ފޯމް، ސްޕޯޓްސް ކޯޕަރޭޝަންގެ ފޭސް ބުކް ޕޭޖްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނުންވެސް ލިބެން ހުންނާނޭ ކަމަށެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ މި މޭ މަހުގެ 16 ވާ އަންގާރަ ދުވަހުގެ 14:00 ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

"މައިލޯ 5K ޓީމް ރަން" ބޭއްވުމުގެ މަގްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއް ގާއިމްކުރުމެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ތަމްރީން ސެޝަންތަކެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަަމަށެވެ.

މިއީ ރާއްޖޭގައި ބޭއްވޭ އެހެން ރޭސްތަކާއި ޚިލާފަށް، ޓީމެއްގެ ގޮތުގައި ފަސް ކިލޯމީޓަރުގެ ރޭހެއްގައި ބައިވެރިވެ، ޓީމް ވޯކްގެ ތެރެއިން ކާމިޔާބު ހޯދުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ރޭހުގައި ބައިވެރިވުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން އެންޖީއޯތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. މިގޮތުން ކޮންމެ ޓީމެއްގައި ވެސް ފަސް ދުވުންތެރިން ހިމެނޭނެއެވެ.

"މައިލޯ 5K ޓީމް ރަން"ގައި ބައިވެރިވުމަށް ސީނިއަރ ޓީމް ކެޓަގަރީން ކޮންމެ ޓީމެއްގައި މަދުވެގެން އަންހެން ދެ ބައިވެރިން ހިމަނަން ޖެހެއެވެ. ފަސް ކިލޯމީޓަރު ނިންމަންޖެހެނީ 45 މިނިޓް ތެރޭގައެވެ. ޓީމްގެ "ފިނިޝް ޓައިމް" އަކީ ޓީމްގެ ފަސް ބައިވެރިންގެ ތެރެއިން 4 ވަނަ ބައިވެރިޔާ ރޭސް ނިންމާ ގަޑިއެވެ.

މި ދުވުމުގައި ކުޑަކުދިންނަށް ޙާއްސަކޮށްގެން 14 އަހަރުން ދަށުގެ "ޖޫނިއަރ ކެޓަގަރީ" އަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައިވެއެވެ.

މިރޭހުގައި ބައިވެރިވާ ޓީމްތަކަށް އަގުބޮޑު އިނާމްތަކެއް ވަނީ ކަނޑައެޅިފައެވެ. މިގޮތުން ޖޫނިއަރ އަދި ސީނިއަރ ޓީމްތަކަށްވެސް ޝައުގުވެރިވާކަހަލަ އިނާމްތަކެއް ލިބިގެންދާނެއެވެ.

މިރޭހުގެ މެއިން ސްޕޮންސަރަކީ މައިލޯއެވެ. އަދި ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. ރޭހުގެ މީޑިޔާ ޕާޓްނަރަކީ ސަން މީޑިޔާ ގްރޫޕެވެ.

comment ކޮމެންޓް