މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ އެންމެހާ މައުލޫމާތުތައް އެންމެ ފުރަތަމަ އާންމުކުރި ސަރުކާރު ހިއްސާވާ ކުންފުންޏަކަށް (އެސްއޯއީ) ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކުރެއްވި މި ޕޯސްޓުގައި ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކުރުމުގެ ޒިންމާތައް އެޗްޑީސީން މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިއާއެކު އެ ކުންފުނި ވެފައިވަނީ މި މިންގަނޑަށް ވާސިލްވި ފުރަތަމަ އެސްއޯއީއަށް ކަމަށް ލިޔުއްވާފައިވެއެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް އޮންނަ މާއްދާތަކަށް އެޗްޑީސީން މިހާރު ފުރިހަމައަށް އަމަލުކުރަން ފަށައިފި. މިއާއެކު، އެ ކުންފުނި ވެފައިވަނީ މި މިންގަނޑަށް ވާސިލުވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށް." އާހިދު އެކްސްގައި ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ވާގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު ހާމަކުރަންޖެހެއެވެ.
އޭގެ ތެރޭގައި އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި ވާޖިބު، އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތައް، މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރަ، އަދި ނިންމުންތައް ނިންމުމުގައި އަމަލުކުރާ މަރުހަލާތައް ހިމެނެއެވެ.
އެޗްޑީސީން މިހާރު ވަނީ އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައި މިކަމަށް ހާއްސަ "އިންފޮމޭޝަން ޑައިރެކްޓްރީ" އެއް ގާއިމުކޮށް، އާންމުންނަށް ފަސޭހަކަމާއެކު މި މައުލޫމާތުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މިއީ ރައްޔިތުންގެ މަސްލަހަތަށް ޓަކައި މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތުތަކެކެވެ. މިގޮތަށް މައުލޫމާތު ހާމަކުރި ފުރަތަމަ އެސްއޯއީއަށް ވުމަކީ ކުންފުންޏަށް ލިބުނު ބޮޑު ފަހުރެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މަސައްކަތް ސަރުކާރުގެ ވުޒާރާތަކުން ވެސް މިހާރު ވަނީ ފަށާފައެވެ. މިއީ 2014 ވަނަ އަހަރު މި ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ދައުލަތުގެ އިދާރާތަކުން މި ފަދަ މައުލޫމާތުތައް މި މިންވަރަށް ހާމަކުރަން ފެށި ފުރަތަމަ ފަހަރެވެ.
އެސްއޯއީތަކަކީ ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ވުމުން، ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ރާވައި، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. މި ފިޔަވަޅާއެކު އެޗްޑީސީން މިވަނީ އެހެން ކުންފުނިތަކަށް ނަމޫނާއެއް ދައްކައި، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރުމުގެ އައު މިންގަނޑެއް ކަނޑައަޅާފައެވެ.