ގުރުއާނަށް ބޭއިހުތިރާމު ކުރިކަން ސާބިތުވެ، ޖަކާޓާގެ ގަވަރުނަރަށް ދެ އަހަރުގެ ޖަލު ހުކުމެއް

ގުރުއާނަށް ބޭއިހުތިރާމް ކުރުމުގެ ކުށުގައި ދެ އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާ ޖަކާޓާގެ ގަވަރުނަރު ބާސުކީ ޕޫރްނަމާ -- ފޮޓޯ: އޭއެފްޕީ

ޖަކާޓާ (މެއި 8): އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ގަވަރުނަރު ގުރުއާނަށް ބޭއިހުތިރާމު ކުރިކަން ކޯޓުގައި ސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއްކޮށްފި އެވެ.

ޕޫރަނަމްއާ ދެކޮޅަށް ދައުވާ ކުރީ، އަލް މާއިދާ ސޫރަތުގެ 51 ވަނަ އާޔަތް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އޮޅުވާލަން ބައެއް މުސްލިމް ލީޑަރުން މަސައްކަތް ކުރި ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވިދާޅުވުމުންނެވެ.

އެފަދައިން ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ގުރުއާނަށް ބޭއިހުތިރާމް ކުރުން ކަމަށް ބުނެ ބޮޑެތި މުޒާހަރާތައް ބާއްވާފަ އެވެ. އޭގެ ފަހުން ޕޫރަނަމް ވަނީ މާފަށް އެދިފަ އެވެ.

ނަމަވެސް އޭނާ ވަނީ ގުރުއާނަށް ބޭއިހުތިރާމު ނުކުރާ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖަކާޓާގެ ގަވަރުނަރު ބާސުކީ ޕޫރްނަމާ އަކީ އެސިޓީގެ ގަވަރުނަރުކަށްވި ފުރަތަމަ ނަސާރާ އެވެ. އޭނާ ޖަކާޓާގެ ގަވަރުނަރުކަށްވީ، އެމަގާމުގައި ކުރިން ހުންނެވި ޖޯކޯ ވިޑޯޑޯ، އިންޑޮނޭޝިއާގެ ރައީސްގެ މަގާމަށް 2014 ވަނަ އަހަރު އިންތިޚާބުވުމާ އެކުގައެވެ. ޕޫރްނަމާ އޭރު ހުރީ ވިޑޯޑޯގެ ނައިބުގެ މަގާމުގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާގެ އާބާދީގެ 85 ޕަސެންޓް ހިއްސާ ކުރަނީ މުސްލިމުންނެވެ. (ބީބީސީ)

comment ކޮމެންޓް