ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ފުލުހުން

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި ---

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި އަމަލު ހިންގި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާ އެކު ތަހުގީގު ކާމިޔާބުކުރެވުމުގެ ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ.

"މާތްﷲގެ ވާގިފުޅާ އެކު، މި ރަހުމުކުޑަ އަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ސ. ފޭދޫ، ޗަނބޭލިގެ ޔާމީން ރަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި ފެނިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅޭ ގޭގެ ސިނޑި ކައިރިންނެވެ.

އަދި އޭނާގެ މަރުގެ ތުހުމަތުގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، ފުލުހުން ބުނާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

ޔާމީންގެ މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަކީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން އެވެ. ނަމަވެސް އަނެއް ފަސް މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ.

ޔާމީން މަރުގެ މައްސަލަ ތަހުގީގް ކުރުމަށް ފުލުހުން އަންނަނީ ބޭރުގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.

comment ކޮމެންޓް