އާސަންދަ އަދި ނުލިބޭނެ، ދެން ލިބޭނީ އެގްރިމެންޓަށް ފަހު: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލް --- ފޮޓޯ: ޕޮލިސް

އަމިއްލަ މައި ހޮސްޕިޓަލް އޭޑީކޭ އިން އާސަންދާގެ ހިދުމަތް އަނބުރާ ލިބޭނީ އެގްރިމެންޓް ހެދުމުން ކަމަށް އެހޮސްޕިޓަލްއިން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް ފަހު އަނެއްކާ ވެސް އެތަންތަނުން އާސަންދަ ދިނުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން އޭޑީކޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާސަންދައިން އެ ހޮސްޕިޓަލަށް އަލުން ހިދުމަތް ލިބޭނެކަން އަންގާފައިނުވާ ކަމަށެވެ.

"އާސަންދަ އާއި ވެފައިވާ އެއްބަސްވުން ވަނީ އިސްވެ ބަޔާންކުރެވުނު އާސަންދަގެ ސާކިއުލާއިން ބާތިލުވެފައި، ވުމާ އެކު މިހޮސްޕިޓަލުން ދެމުން ގެންދިޔަ އާސަންދައިގެ ހިދުމަތް މެދުކެނޑިފައިވާ ވާހަކަ ހިތާމަޔާ އެކު ދަންނަވަން،" އޭޑީކޭއިން ބުންޏެވެ.

އޭޑީކޭ އިން ބުނީ އާސަންދަ ކުންފުންޏާ އެކު އެއްބަސްވުން ހެދުނުހާ އަވަހަކަށް އާސަންދައިގެ ހިދުމަތް އަނބުރާ ދޭން ފަށާނެ ކަމަށެވެ.

އާސަންދަ ކަނޑާލި ސަބަބެއް ކަމަށް އޭރު އާސަންދަ އިން ބުނީ އަމިއްލަ ތަންތަނުން އެކަށޭނަ އަގަކާ ނުލައި ހިދުމަތް ދޭތީ ކަމަށެވެ.

އާސަންދަ ހެލްތު އިންޝުއަރަންސް ސުކީމުގައި ހިމެނޭ ޚިދުމަތްތައް، ދައުލަތުން ހިންގާ ސިއްޚީ ޚިދުމަތްދޭ ތަންތަނުން ހިލޭ ލިބޭ ނަމަވެސް، އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ޚިދުމަތްތައް ކަވަރު ކުރަނީ ވަކި މިންވަރަކަށެވެ.

comment ކޮމެންޓް