ޖޯންސަން ފުށުން ކެންސަރު ޖެހުނު ކަމަށް ބުނެ 110.5 މިލިއަން ޑޮލަރުގެ ބަދަލު ދީފި

ލުއިސް ސްލެމްޕް ބުނާ ގޮތުގައި އޭނާއަށް ކެންސަރު ޖެހުނީ 40 އަހަރު ވަންދެން ޖޯންސަން އެންޑް ޖޯންސަން ފުށް ބޭނުން ކުރުމުން -- ފޮޓޯ: ގެޓީ

ޖޯންސަން އެންޑް ޖޯންސަން ބްރޭންޑުގެ ފުށުން ކެންސަރު ޖެހުނު ކަމަށް ބުނެ އެކުންފުންޏާ ދެކޮޅަށް އެމެރިކާގެ އަންހެނަކު ހުށަހެޅި މައްސަލައެއް ކާމިޔާބުވެ، އެކުންފުނިން އޭނާއަށް 110.5 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އުމުރުން 62 އަހަރުގެ ލުއިސް ސްލެމްޕް އަށް ރަހިމުގެ ކެންސަރު ޖެހިފައިވާ ކަން އެނގުނީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން އެކެންސަރު ވަނީ ލިވާއަށް ފެތުރިފައިވާ އިރު އޭނާ ބުނާ ގޮތުގައި އޭނާއަށް ކެންސަރު ޖެހުނީ 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޖޯންސަން އެންޑް ޖޯންސަން ފުށް ބޭނުން ކުރުމުގެ ސަބަބުންނެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެ، އެކުންފުންޏާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ސައިންޓިފިކް ހެކިތައް ދޮގުކޮށްފަ އެވެ.

މީގެ ކުރިން ވެސް ކޯޓުން ވަނީ އެފަދަ ތިން މައްސަލައަކާ ގުޅިގެން ޖޯންސަން އެންޑް ޖޯންސަން އިން މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖުމްލަ 197 މިލިއަން ޑޮލަރު ދިނުމަށް އަންގާފަ އެވެ. އަދި އެމެރިކާގައި އެކަނިވެސް، 2000 އަންހެނުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅާފަ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް