ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ހަތަރުު ދުވަސް އިތުރުކޮށްދީފިއެވެ.
ގާސިމްގެ ބަންދަށް ހަތަރު ދުވަސް ޖެހީ މިއަދު ހަވީރު 4:30 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހުއެވެ. ބަންދާމެދު ގޮތެއް ނިންމުމަށްފަހު މިހާރު ގާސިމް ވަނީ އަނެއްކާވެސް ދޫނިދޫ އަށް ގެންގޮސްފައެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 21 ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ކޯޓް އަމުރުގައި ގާސިމް ހައްޔަރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ 42 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ސޮއި ހޯދުމަށް އެކި މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށެވެ.
މީގެ ކުރިން ވެސް ގާސިމް ވަނީ ހައްޔަރުކޮށްފައެވެ. އެފަހަރު ގާސިމް ހައްޔަރުކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް މަސަތްކަތްކުރި ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލައިގައި ގާސިމްގެ މައްޗަށް ވަނީ، ތިން ދައުވާއެއް އުފުލައިފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.