ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ތިންވަނަ މައިލޯ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެން ފައިނަލްގައި ތާޖުއްދީން ސްކޫލް ބަލިކޮށް، މާފުށި ސްކޫލުން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މާފުށިން ތާޖުއްދީންގެ މައްޗަށް ކުރި ހޯދީ 10-08 ލަނޑުގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މާފުށި ސްކޫލުން ހޯދީ، ފައިނަލްގައި ތާޖުއްދީން ސްކޫލާ ވާދަކޮށް 1-11 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެން ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލުންނެވެ. ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލްގައި މުހުޔުއްދީން ސްކޫލްގެ މައްޗަށް ދަރުމަވަންތަ ސްކޫލް ކުރި ހޯދީ 14-10 ލަނޑުންނެވެ.
ބުރާސް ފަތި ދުވަހާއި ހުކުރު ދުވަހު ވަނީ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ދެޖިންސުގެ 14 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފައިނަލްވެސް ކުޅެފައެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލްގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ މައްޗަށް 6-2 ލަނޑުން މުހުޔުއްދީން ކުރި ހޯދިއިރު، އެ އުމުރު ފުރައިގެ ފިރިހެންބައިގެ ފައިނަލްގައި ތާޖުއްދީން ސްކޫލް ވަނީ، 7-6 ލަނޑުގެ ނަތީޖާއަކުން ދަރުމަވަންތަ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފައެވެ.
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 12 އަހަރުން ދަށުގެ ދެ ޖިންސުގެ ޗެމްޕިއަންކަންވެސް ހޯދާފައި ވަނީ ޖަމާލުއްދީން ސްކޫލުންނެވެ. އެގޮތުން 12 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލްގައި މަޖީދިއްޔާގެ މައްޗަށް ޖޭއެސް ކުރި ހޯދީ 3-1 ލަނޑުންނެވެ. އަދި މި އުމުރުފުރައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖޭއެސް ހޯދީ 5-2 ލަނޑުން ކަލާފާނު ބަލިކުރުމަށް ފަހުއެވެ.
މާލެއާއި އަތޮޅުތެރޭގެ ސްކޫލްތައް ހިމެނޭގޮތަށް ޖުމު 14 ސްކޫލަކުން 65 ޓީމު ވާދަކުރި މި މުބާރާތުގެ ހުރިހާ މެޗެއްވެސްކުރިއަށް ގެންގޮސްފައި ވަނީ، މާލޭ ޓެނިސްކޯޓު (މޭރީބްރައުން)ގެ ފަހަތުގައި، އޮންނަ ވެލިދަނޑުގައި ހަތަރު ކޯޓެއްގައެވެ.
އޭޕްރީލް 22 ވަނަ ދުވަހުން މޭ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެކި އުމުރުފުރާތަކުން ޖުމުލަ 910 ދަރިވަރުން ބައިވެރިވިއެވެ.