އަހަރެންގެ ހިތް އަނބުރާދީ

"އާން ކަމެއްވި. ހިތުން ނުފިލާވަރުގެ ކަމެއް ހިނގީ..އެނގެން ބޭނުންތަ؟ " ހައިކަލް ބޭނުންވީ ސަލްވާއާއި ދިމާލަށްވެސް އެއްޗެހި ގޮވާލާށެވެ. ސަލްވާ އެހާ ދީނަށް އުޅޭއިރުވެސް އެނގޭ އެއްޗެއް އެހެން މީހަކަށް ބުނެނުދީ އުޅެނީއެވެ. އެހެން ކުއްޖަކާއި ވާހަކަދައްކާ ގާތްވާން މަސައްކަތެއް ނުކުރެއެވެ. އިސްލާމިކް ސްޓަޑީޒްއިން ޑިގްރީއެއް ހެދުމަށް ކޮލެޖަށްގޮސްފައި ގެއަށް އަންނަގޮތަށް އަޅުކަމުގައެވެ. ސަލްވާގެ ހަޔާތުގެ މަގުސަދަކީ އެއީއެވެ. މިގެއަށް އައުމުގެ ބޭނުމަކީ އޭނަގެ ހިމާޔަތުގައި ހުރެގެން ތައުލީމު ހާސިލުކުރުމެވެ.

"ހުރިހާ ހެޑޭކެއް މަށަށް. ސަލްވާއާއި ދައްކަންޖެހޭ ވާހަކައެއްވެސް އެބައޮތް. ހިނގާބަލަ ކޮޓަރިއަށް..." ހައިކަލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ. ސަލްވާގެ ހިތް އަވަސްވުމާއިއެކު ކުރިއަށް ފިޔަވަޅެއްއެޅިއެވެ. ހައިކަލްވެސް ކޮޓަރިއާއި ދިމާލަށް ހިނގައިގަތް ވަގުތު އާޒީން މާގަދަޔަށް ކެއްސާ އަޑު އިވިފާ ދަރިފުޅުގެ ހާލު ބަލައިނުލާ ކޮޓަރިއަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އެބައަންނަމޭ ކިޔާފައި އާޒީންގެ ކޮޓަރިއަށް ވަންނާން ދިޔުމުން ފަހަތުން ދާން އުޅެފައިވެސް ސަލްވާ ޚިޔާލު ބަދަލުކުރިއެވެ. އޭނަ ކިތަންމެވަރަށް އެންމެނަށް އެހީތެރިވާން އުޅުނަސް އެހެން މީހުން އެހާ ހިތްހަމަނުޖެހޭއިރު ދިޔުމުން އިތުރަށް ފޫހިވާނީއެވެ.

ހައިކަލް ބާމުލާފައި އާވި އަރުވާހެދުމުން އާޒީންއަށް ކޮންމެވެސް ވަރަކަށް ލުއިވެ ތަންމަތީގައި އޮވެވޭވަރުވިއެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަމުގެ ތެރެއިންވެސް އެދެލޮލުން މޮޅިވެރިކަންފެނި އާޒީންގެ ހިތަށް އަސަރުކުރިއެވެ. ބައްޕައަށް ކައިވެނީގެ ހަޔާތުން އުފަލެއް ނުލިބި ދެކައިވެނި ރޫޅުނީއެވެ. ތިންވަނަ ފަހަރަށް ދީނީ ބައިވެރިޔަކު ގެނައުމުން އެންމެންގެ ފަރާތުން ކުރިމަތިކުރަނީ އުދަގޫތަކެވެ. އުފަލަކީ އޭނަގެ ބައްޕައަށްވެސް ހައްގު އެއްޗެކެވެ. މާމައާއި ބޮޑުދައިތަވެސް އެވަރު ނުވިސްނަނީބާވައޭ ހިތަށް އެރިއެވެ. ބައްޕަ އުފަލުގައި ހުންނަން އެހާ ބޭނުންވި އިރެއްނާދެއެވެ. ހައިކަލް އާޒީންގެ ގައިމަތީގައި ރީތިކޮށް ރަޖާ އަޅާލަދީފައި ބޮކީގެ އަލި ފަނޑުކޮށްލިއެވެ.

"ގުޑްނައިޓް ސްވީޓްހާޓް....." ހައިކަލް އާޒީންގެ ނިތްކުރީގައި ބޮސްދީފައި ދާންވެގެން އެނބުރުނެވެ. އާޒީން ބައްޕައަށް ގޮވައިލިއެވެ.

"ޑޭޑް. ބޭނުން ވާހަކައެއް ބުނެލަން. މެހެރީން ދައްތަ ވަރަށް ގޯސްކަމެއް ޒެލްއަށް ދަސްކޮށްދީގެން ކުރުވީ. ދައްތަ ބޭނުންވީ ދޮންމަންމަގެ ބޮލުގައި އަޅުވަން. ދައްތައަށް ހުރިހާ ވާހަކައެއް ކިޔައިދިނިން. ކޮންކަހަލަ ޕާޓީއެއްކަމާއި ކޮން އެކުވެރިންނެއްކަން ދިޔައީ. ދޮންމަންމައަށް އޯވަނައިޓަށް ދިޔަކަމެއްވެސް ނޭގޭނެ. މެހެރީން ދައްތަ ހުރިހާ ކަމެއްއެނގިހުރެ ދޮންމަންމަގެ ބޮލުގައި އެޅުވީ. ވަރަށް އެއްޗެހިވެސް ކިޔާނެ. އަބަދުވެސް ދަސްކޮށްދެނީ ދޮންމަންމައަށް އުދަގޫވާކަހަލަ ކަންތައްކުރަން. ކުރީ ދުވަހު ދޮންމަންމަ އަތަށް ތަދުވީވެސް ކޮށްޕާ ވައްޓާލީމަ. ދެވަނަފަހަރަށްވެސް ކޮފީތަށި ދޮންމަންމަ އަތަށް ބަންޑުންކުރަން އުޅެނިކޮށް ދައްތައަށް ލަނޑު ލިބުނީ. މަންމައަށް ގުޅާފައި ދައްތަ ހުރިހާ ވާހަކައެއް ކިޔަދިންއިރު ފިލާހުރެގެން އަޑުއެހީމަ ހުރިހާކަމެއް އެނގުނީ. އައި ނޯ ޝީޒް ޔޯ ސިސް ޑޭޑް، އެހެންވީމަ ކޮންމެ ކުށެއްކުރިޔަސް ބައްޕަ މާފުދޭނެ. ބަޓް ދޮންމަންމަ. އެއީ ސްޓްރޭންޖާއެއް އެހެންވީމަ ބައްޕައަށް މާ އުދަގޫވާނެ އޭނަ ކުރާ ކަންތައްތައް އިގްނޯ ކޮށްލައިގެން ހުންނަން. ބައްޕައަށް ފޮގިވް ކުރަންވެސް އުދަގޫވާނެ. ސޯ ކުށެއްނެތް އަންހެންކުއްޖެއްގެ ބޮލުގައި ހުރިހާ ކަމެއް އަޅުވާތީ ބައްޕަ ކައިރީ ބުނެލީ. ސޮރީ ޑޭޑް ހުރިހާ ކަމަކަށް، ޔޫ އާރ ދަ ބެސްޓް ޑޭޑް އިން ދަ ވާލްޑް...ލަވް ޔޫ. އެހެންވެ އަޅުގަނޑު ބޭނުންވަނީ ބައްޕަ އުފަލުގައި ހުންނަން. މި މެރިޖް ރުއިންވާކަށް ނޭދެން. ޝީޒް ޕްރިޓީ އެންޑް ބައްޕައާއި ދޮންމަންމަ ހަމަޖެހިގެން އެކީގައި ދިރިއުޅޭތަން ދެކެން މިހާރު ބޭނުންވޭ........" އާޒީން ހިތް ސާފުކަމާއިއެކު އޭނަގެ ބައްޕައަށްޓަކާ ސަލްވާއަށް ރަގަޅަށް ކަންތައް ކުރަން އަޒުމް ކަނޑައެޅިއެވެ.

ހައިކަލްއަށް ލިބުނު ހައިރާންކަމުގައި ބުނާނެ އެއްޗެއް ވެސް ނޭގުނެވެ.

މެހެރީނާގެ މަކަރުވެރިކަމުގެ ސަބަބުން ސަލްވާފަދަ ނިކަމެތި ކުއްޖަކާއިމެދު އޭނަގެ ހިތްވެސް ނުބައިކުރަން މަސައްކަތްކުރަނީއެވެ. ސަލްވާގެ އެއްވެސް ކުށެއްނެތި އޭނައާއި ދޭތެރޭ އެހެން ކަންތައް ކުރުމީ ބޭއިންސާފެކެވެ. ބައެއްފަހަރު މުއްސަދިންނަށް ލިބިފައިވާ ނިއުމަތްތަކަށް ބޮޑާވެގެން ތިބޭއިރު މިފަދަ ނިއުމަތްތައް ދެއްވާ ފަރާތްމަތިން ހަދާންނައްތާލަނީ ކޮން ސަބަބަބާހުރެކަމެއް ނޭގެއެވެ. ދެއްވާ ފަރާތުން ހުރިހާ އެއްޗެއް އަނބުރާ ގެންދަވާފާނެއެވެ. ސަލްވާގެ ކުށަކަށްވެފައިވަނީ އޭނަ ނިކަމެތި އާއިލާއަކުން އައިސްފައި ހުރިކަމެވެ. ހައިކަލްއާއި ދޭތެރޭގައި ރައުދާއާއި ކެމީލާ ކަންތައްކުރިގޮތް އޭނަގެ ކޮއްކޮ ހަނދާންނެތޭނެ ދުވަހެއް އަދި ނުވާނެއެވެ. މިހާރު އެމީހުންވެސް ގާތް އެކުވެރިންނަށް ހެދީއެވެ. އެއީ އިންސާފެއްނޫނެވެ.

އާޒީން އޭނަގެ ބައްޕައަށް ހުރިހާ ވާހަކަތަކެއް ތަފުސީލުކޮށް ކިޔާދެމުންގޮސް އޭނަ ބަލިވެގެން ހާލުދެކެލަން އައުމުގެ ނަމުގައި މަންމަ މިގެއަށް ގެނައި ވާހަކަވެސް ބުނެލިއެވެ. ހައިކަލްއަށް އެވާހަކަ އިވިފައި ކެތްތެރިކަން ކޮޅުންލައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މެހެރީނާ ގެ އަތުގައި ހިފާ ދަމާ ގެއިން ބޭރަށް ލާން ބޭނުންވިއެވެ. އެކަމަކު އާޒީންއަށްޓަކާ އޭނަ ކެތްކުރިއެވެ. އޭނަދެކެ ބޮޑުދައިތަ ރުޅިއަންނާނެ ކަމަށާއި މާއިޒްއާއި މެދު ތަފާތުކުރާގޮތަށް އޭނައަށް ކަންތައްކުރަން ފެށިއްޔާ ޑިޕްރެސްވެދާނެކަމަށް ބުނެލިއެވެ. ނަމަވެސް ހައިކަލް އޭނަގެ ކޮއްކޮއަށް އިންޒާރެއް ދޭނެއެވެ. ރައުދާއާއި އެއްވެސް ގޮތަކަށް ގުޅުމެއް ނުބާއްވަން އޭނަ އަމުރުކުރާނެއެވެ.

ފަތިސްނަމާދުގެ ބަންގީގެ ހިތްގައިމު އަޑު ކައިރީގައި ހުރި މިސްކިތަކުން އިވެންފެށިއެވެ. ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އަޑެކެވެ. ހައިކަލް މިސްކިތަށް ދާންވެގެން ގޭގެ މައިދޮރު ހުޅުވާލައިފިއެވެ. އޭރު ވާރޭ އެއްކޮށް ހުއްޓާލިޔަސް ފިނި ފިނި ވައިޖެހޭވަރުން ހީކަރުވާވަރުވެއެވެ. މެހެރީނާ ފެންޑާގެ ސޯފާއެއްގައި އިށީދެލައިގެން އިންއިރު ކުރިމަތީގައި ހުރީ ކޮފީތަށްޓެކެވެ. ކަންފަތުގައި ފޯނު ޖަހައިގެން އިނދެފައި އޭނަ އަވަހަށް ފޯނު ކަނޑައިލިއިރު ކޮންމެވެސް ވަރެއްގެ ހާސްކަމެއް މޫނުމަތިން ފެނުނެވެ.

"މޯނިން ދޮންބެ..." މެހެރީނާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ.

"މޯނިން...." ހައިކަލްގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރެވެ.

"އަހަރެން ބޭނުން ދޮންބެ ކައިރިން މާފަށް އެދެން. ސަލްވާއާއިމެދު އެގޮތަށް ކަންތައްކުރެވުނީތީ........" މެހެރީނާގެ ހިތުގައި މިހާރު އޮތް ރޭވުމަށް އަމަލުކުރެވޭނީ ބޭރުފުށުން ތަންކޮޅެއް އޯގާތެރިކަން ދައްކައިގެންނެވެ.

"ސަލްވާ ކައިރިން މާފަށް އެދޭ....." ހައިކަލް އިތުރު ވާހަކައެއް ދައްކަން ނަހަދާ ސަމާސާކުރުމެއްނެތި ދާތަން ބަލަން އިނދެފައި މެހެރީނާ އެތެރެއެތެރެއިން ހަޅޭއްލަވައިގަތެވެ. ސަލްވާގެ ސަބަބުން އޭނައަށް އޭނަގެ ބޭބެގެ ލޯތްބާއި އެކުވެރިކަންވެސް ގެއްލިއްޖެއެވެ. އެއީ ނުބައި ނުލަފާ އަންހެނެކެވެ. ފުރޭތައެކެވެ. އެ އަންހެނާގެ ފުރާނަ ވެސް ރޮއިގަންނަވަރުގެ އަދަބެއް ނުދީފިއްޔާ އޭނަ ހިނގާނީ އެކޮޅުކޮޅުންނެވެ. ރައުދާފަދަ މޮޅު ރީތި ޑޮކްޓަރަކާއި ބަލާއިރު ސަލްވާއަކީ ކާކުހެއްޔެވެ؟ ސަލްވާއަށް އޭނަގެ ފެންވަރު ދައްކަން ޖެހޭނީ ދެން އެހެން ގޮތަކަށެވެ. ހައިކަލްގެ ހަޔާތުން ނެރެ އެއްލައިލާނީ އެހެން މީހުނަށް އިބުރަތަކަށްވާފަދަ ގޮތަކަށެވެ.

އާޒީން އެހާ ބަލިވެ އުޅެމުންވެސް އަޒަލްގެ ކައިވެނީގެ ހެދުން ޑިޒައިންކޮށްލަދިނެވެ. އެހެދުން ފަހާ ނިމުނުއިރު އާޝޯޚުވާހާ ރީއްޗެވެ. އެހެދުމާއި ގުޅޭގޮތުން މެޗްވާފަދަ ގަހަނާ ސެޓެއް ގަނެދިނީ ހައިކަލްއެވެ. ހުދު ޖަވާހިރު ސެޓްގެ އެރީތި ބެބުޅުންގަދަ ސެޓާއި އެކު އަޒަލް އެހެދުން ލައިގެން ހުންނައިރު ހާދަ ފުރިހަމަވާނެއޭ ކިޔައިގެން އާޒީން ދިމާކުރިއެވެ. އަޒަލް ހުރީ ބޭރުފުށުން އުފާވެރިކަން ދައްކައިގެންނެވެ. ވިޝާމް ފުރަތަމަ އޭނައާއި އިންނަން އުޅުނީ އޭނައަށް އަޅާލާނެ އެހީތެރިވާނެ މީހެއްގެ ނަމުގައެވެ. އަޒަލްއަށް ދޮންމަންމައަކު ލިބި ބައްޕަ ޑިއުޓީގައި އަވަދިނެތި އުޅެން ފެށުމުން ވިޝާމްފަދަ މީހަކު ކައިރީގައި ހުންނަން އޭރު އަޒަލްވެސް ބޭނުންވީއެވެ. ނަމަވެސް ފަހުން ހުރީ ދެ ޚިޔާލެއްގައެވެ. މީހަކާއި އިނުމުން އޭނަގެ މިނިވަންކަން ނިގުޅައިގަނެވިދާނެއެވެ. އެހެންމީހަކާއިއެކު ކޮޓަރި ހިއްސާކުރުންވެސް ފަސޭހައެއްނުވާނެއެވެ. ވިޝާމް އޭނައަށް އެނގެނީއެއްވެސް ނޫނެވެ. އެއީ ހަމަ ބީރައްޓެއްސެކެވެ. ސިއްރުވެރިގޮތެއް ހުރެއެވެ. އެހެން ބުނެފިއްޔާ ވިޝާމް ބުނާނީ އޭނަގެ މިޒާޖުކަމަށާއި އެއްވެސްމީހަކު ފުރިހަމަ ނުވާނެކަމުގައެވެ.

މާއިޒްއާއި ވިޝާމް ލީނާ އޮތް ކޮޓަރިއަށްވަންއިރު ލީނާ އޮތީ ދެލޯ ހުޅުވާލައިގެންނެވެ. މިއަދު އޮތީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ.

"ލީނާ މަންމާ..........." ވިޝާމް ލީނާއާއި ސަލާމްކޮށްލަން އުޅުނެވެ. ލީނާ ކުއްލިއަކަށް ތެދުވެ ކަންކަށިމައްޗަށް ވީއްލާލީ ބާރު އެތިފަހަރެކެވެ. ވިޝާމްއަށް ތަދުވިކަން އެނގުނީ އޭނަ އަނގަޔަށް ހަދައިލިގޮތުންނެވެ. މާއިޒް ހުރެފައި ހޭންފެށިއެވެ.

"ޝަޓަޕް މާއިޒް. މަޖަލެއްނޫނޭ. މިވަރުން ދަންޏާ އަހަރެން މަރާލާފައިކަން ނޭގޭ ހުއްޓާލާނީ. އެހާވެސް ބާރުގަދަވިއްޔަ ދޯ ލީނާ މަމް............" ވިޝާމް އެއްމިޔަކަނުން ހީލަމުން މޫނުގައި ފިރުމައިލިއެވެ. ހަގީގަތުގައިވެސް ބުމަކައިރިން ދުޅަވެ ރަތްއަރާފައި ހުރިވަރުން ލީނާގެ ބާރުގަދަކަމާއި ދޭތެރޭ މާއިޒްވެސް ހައިރާންކުރުވިއެވެ.

"ތިނަމުން ނުކިޔާށޭ...." ލީނާ އަޑުބަރުކޮށްފައި ވާހަކަދެއްކިއެވެ.

"އޯކޭ އޯކޭ ސޮރީ. އައިމް ސޮރީ. ހަނދާންނެތުނީ......." ވިޝާމްގެ ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވާ ރީތި ދެލޮލަށް ލީނާ ބަލަންއިނީ ކަޅިވެސް ޖަހާނުލައެވެ. އެހެން އިނދެފައި ކޮށްލާނެ މޮޔަކަމެއްވެސް ނޭގޭތީ ވިޝާމް ދުރަށް ޖެހިލިއެވެ. ލީނާ އެހާ ހިތްހަމަނުޖެހުނީ ކޮންމެ ދުވަހަކު އޭނަ ގެނެސްދޭ މާތައް ނުގެނައުމުން ކަމަށްވެދާނެއެވެ. ނޫނީ ތަކުރާރުކޮށް އެނަމުން ނުގޮވަން އެދޭއިރުވެސް އެހެން ކިޔުމުން އެންމެފަހުން ކެތްނުވީއެވެ. މޮޔައިންނާއި ކުރިމަތިލާން އޭނައަށްވުރެ ރަގަޅީ މާއިޒްއެވެ. މާއިޒްއާއި ލީނާ އެހާވެސް ގާތްކޮށް ހީފައި ވާހަކަދައްކާއިރު ހީވާނީ ދެމައިންހެންނެވެ. ބައެއްފަހަރު އެފަދަ މަންޒަރުތައް ފެނުމުން ދެރަވެގެން އިސްޖެހޭފަހަރުވެސް އާދެއެވެ. އަމިއްލަ މަންމަ އޭނައާއި ދޭތެރޭ ކަންތައްކުރާގޮތް ހަނދާންވެ ހިތަށް ކިތަންމެހާވެސް އަސަރުކުރެއެވެ. ދުވަހަކު މައިވަންތަ ލޯތްބެއް އޭނައަކަށް ނުލިބޭނެއެވެ. ސޯފާގައި ޖައްސައިލިތަނާ އަޒަލް ގުޅިއެވެ. އެގެއަށް ސައިބޯން އަންނަން ދައުވަތުދިނެވެ. ވިޝާމް ބުނީ އެގެއަށް ދެވޭނީ ކައިވެންޏަށްފަހުގައި ކަމުގައެވެ. އޭނަ ލަދުގަންނަވަރުން އެފަދަ ހިތްވަރެއްނެތްކަމުގައެވެ.

ވިޝާމްއާއި އަޒަލްވެސް ޕާޓީއެއް ބާއްވާކަށް ބޭނުމެއްނޫނެވެ. އެމީހުން ބޭނުންވަނީ ބީޗް ވެޑިންއެކެވެ. އެކަނި އާއިލާއާއި ގާތް އެކުވެރިންނަށް ދެވޭ ކައިވެނީގެ ސަޔަކުން ނިންމާލާގޮތަށެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ ރިޒޯޓެއްގައެވެ. ވެޑިން ބާއްވާނެ ތަންކޮޅު ޑެކަރޭޓްކުރުމާއި ފްލާވާ ގާލްސްއިންނަށް ވެސް ހެދުން ތައްޔާރުކުރާނެ ޑިޒައިންވެސް ދަސްކޮށްދިނީ އާޒީންއެވެ. އޭރުވެސް ސަލްވާއަކަށް މާބޮޑު އެއްޗެއް އެނގިފައެއްނުވެއެވެ. އަޒަލް އިންނަން އުޅޭ ކުއްޖާގެ ނަންވެސް އެގޭތެރޭގައި ކިޔާ އަޑެއްނީވެއެވެ. ހައިކަލްވެސް އެފަދަ ވާހަކައެއް ނުދައްކައެވެ. ދެދުވަހަށްވީއިރު އެއާއިލާގެ އެހެންމީހުން މިފަހަރުވެސް ރޯޒްމެހެލް ފުރާލައިފިއެވެ. ކުރިއާ ޚިލާފަށް މިފަހަރު އެންމެންގެ ފޯރިއާއި ޖޯޝުމާ ގަދަކަން ނޭގެއެވެ. ގޭތެރެއިން ސަކަރާތް ޖެހުމާއި ހުނުމުގެ އަޑު ނުކެނޑި ހުރެއެވެ. ސަލްވާ އިނީ ކޮޓަރިން ނުކުންނަން ނުކެރިފައެވެ. ކުރީފަހަރުހެން ފިލައިގެން އުޅެން ބޭނުންވެފައެވެ. އޭނަ ނުދިޔަސް ހައިކަލްއަށްވެސް ނާސްތާ ތައްޔާރުކުރެވިފައި ހުންނާނެކަން އެނގުނަސް ސަލްވާ ހިތްހަމެޖެހެނީވެސް އޭނަގެ އަތުން ތައްޔާރުކޮށްދެވުނީމައެވެ. އެމީހުން ޖެއްސުންކުރާނެކަން ޔަގީންވެ ކޮޓަރިން ނުކުންނަން ނުކެރިފައި އިންދާ ހައިކަލް ފެންވަރާލައިގެން ނުކުތެވެ.

"އައްސަލާމް އަލައިކުމް ސަލްވާ.." ހައިކަލް އެހާ ރީތިކޮށް ސަލާމްގޮވުމުން ހިތަށް ލިބުނީ ބުނަންނޭގޭފަދަ ފިނިކަމެކެވެ. ފުރަތަމަ ފަހަރަށް އެކަނި ޖިންސްލައިގެން ފެނުމުން ސަލްވާއަށް ލަދުން ބަލައިލާކަށްވެސް ނުކެރުނެވެ. ހުސްގަޔާއި ހުރުމުން ޔަގީންވިކަމަކީ ހަށިގަނޑުގެ ރީތިކަމެވެ. ތެމިފައިވާ އިސްތަށިގަނޑާއިއެކު ތުނިކޮށް ބަހއްޓާފައިހުންނަ ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ރީތި މީހެއްކަމަށް ދައުވާ ކުރެވޭވަރުގެ މީހެކެވެ.

"ކޮފީ އެއް ނެތްދުވަހެއްތަ؟ " ހައިކަލް ހުރީ އުފާވެރި މޫޑެއްގައިހެން ހީވެއެވެ. ކުރީ ރޭގެ ހަމަނުޖެހުމަށްފަހު ހައިކަލް މުޅި ދުވާލުވެސް އޭނައަށް ފެނިފައެއްނުވެއެވެ. އެރޭ އާއިލާ މީހުން ނަގަން އެއާޕޯޓަށް ދިޔަކަން ސަލްވާއަށް އެނގުނެވެ. ސަލްވާ އެހެންވެނިދީއެވެ. ހައިކަލް ދައްކަން އުޅުނު ވާހަކަވެސް އަދި ނުނިމި އޮތީއެވެ.

"އެންމެން އުޅޭނެތީ ނުކެރިފައި މިއިނީ......" ސަލްވާ އިސްޖަހައިލަމުން ރަކިގޮތަކަށް ހީލިއެވެ.

"އެހާވެސް ލަދުގަނޭތަ؟ ބުރުގާ އަޅައިގެން ހުރީމަ މޫނު ނުފެންނާނެއްނު ސަލްވާ. ހޫމް އެކަމަކު މިފަހަރު އަޒަލްގެ ކައިވެނީގެ ޕާޓީއަށް ކޮންމެހެންވެސް ސަލްވާ ދާންޖެހޭނެ. އެންމެނަށް އިންޓްރޮޑިއުސްކޮށްދޭނީވެސް އެތަނުގައި. އަހަންނަށް ހިޔެއްނުވޭ ދައްތަމެންގެ ކުދިންނަށްވެސް އަދި އަހަރެން ސަލްވާއަކީ ކާކުކަން ބުނެދީފައިވާހެންނެއް...... " ހައިކަލް ގަމީސްލުމަށްފަހު ގޮށްއަޅަންފެށުމުން ސަލްވާއަށް ހައިކަލްގެ މޫނަށް ބަލައިލެވުނެވެ.

ސަލްވާ ހުރީ ކިޔާނެ އެއްޗެއް ނޭގިފައެވެ.

"މިހާ ދުވަސްވީއިރުވެސް އަހަންނާއިވެސް ވާހަކަ ދައްކާކަށް ނުކެރޭ، ސަލްވާ ކޮލެޖަށްގޮސްވެސް އިންނަނީ ތިހެންތަ؟ " ހައިކަލް އަހާލައިފިއެވެ.

"ނޫން. އެހެނެއްނޫން......ވާގޮތަކީ އަދި ..." ސަލްވާގެ ހިތުގައި ކިތަންމެ ވާހަކަ އެބައޮތެވެ. ހައިކަލްވެސް އޭނައާއިމެދު އަންބެއްގެ ގޮތުން ނުދެކެންޏާ މި ދުރުކަމާއި ލަދުވެތިކަން ފިލާނެގޮތެއްނެތެވެ. އެދޭތެރޭގައި ލެވިފައިވަނީ ބީރައްޓެހިކަމުގެ ފާރެކެވެ. އޭނަގެ އެކުވެރިކަމާއި ގާތްކަން އަދި ލޯބި އެހެން މީހުންނަށް ފޯރުކޮށްދެވޭނީ އެހެންމީހުންވެސް އެފަދަ ގާތްކަމެއް ބާއްވަން އެންމެ ފިޔަވަޅެއްނަމަވެސް ކުރިއަށް އަޅައިގެންނެވެ.

"މިގޭ މީހުން ކަންތައްކުރާގޮތުންތަ؟ އަހަންނަށް އެނގޭ. މެހެރީނާ ވަރަށް ޒީލަގަދަ ދޯ. ކޮއްކޮވިޔަސް އޭނަގެ ކަންތައްވެސް މާ މައްޗަށް ދަނީ. އަދި މިހިރީ އެކަމާ ވާހަކަދައްކާނެ ވަގުތެއްނުވެފައި. އަހަރެން ބިޒީކަމުން ނޭވާވެސް ނުލެވޭ މިދިޔަ ދުވަސްކޮޅު. ހުރިހާކަމެއް އެއްފަހަރާ ލައިގަތީ. އަހަރެންގެ ހިމާޔަތާއި ރައްކާތެރިކަން ދޭން ވައުދުކުރި ކުއްޖަކަށް އަނިޔާއެއްވީމަ ވަރަށް ދެރަވެއްޖެ. އަދި އެއީ އެއްނޫނޭ. އަހަންނަށްވެސް މިހުރެވެނީ ސަލްވާ ދުރުގައި ބަހައްޓާފައި. ވީއިރު އެންމެ ބޮޑަށް ކުށްވެރިވާ މީހަކީވެސް އަހަރެން. ވަރަށް ބޮޑަށް ސޮރީ. އަދި މެހެރީނާގެ ފަރާތުންވެސް މާފަށް އެދެން............." ހައިކަލް އެނދުމަތީގައި އޮތް ގަޑި ނަގަން ދަމުން ސަލްވާގެ ބޮލުގައި މަޑުމަޑުން އަތް ބީއްސައިލިއެވެ. އެވެސް ބުރުގާގެ މަތިންނެވެ. އެހަރަކާތުން ސަލްވާއަށް ލިބުނު ސިހުމުން ހައިކަލްއަށް ނެގުނީ އެހެން މާނައެކެވެ. ސަލްވާގެ ގައިގާ އެގޮތަށް އަތްލުމުންވެސް ކަންބޮޑުވީއެވެ. ބޭނުމެއްނުވަނީއެވެ. އޭނަ އަސްލު ނުބައި ނިޔަތެއްގައި ކުރިކަމެއްނޫނެވެ. ގާތްކަން އަންގައިދޭންވެގެން އޮޅިގެންނެވެ. ނަމަވެސް ސަލްވާ ވިސްނާގޮތް ތަފާތެވެ.

މާފަށް އެދެން އުޅެފައިވެސް އޭނަ ކުރީ ގޯސްކަމެއްނޫންކަން ވިސްނި އެކަނި ހީލުމާއިއެކު ސަލްވާގެ މޫނަށް ފުންކޮށް ބަލާލާފައި ގޮސް އަލަމާރި ހުޅުވާލައިފިއެވެ. ކޮންމެ އަދާއެއްގައި ހުންނަނީ އަޅައިގަންނަފަދަ ގޮތެކެވެ.

"އަދިވެސް އަހަރެން ދިން ފޯނު ބޭނުން ނުކުރަންދޯ. ރީއްޗަށް ބާއްވާކަށް ނޫނެއްނު ދިނީ. މިއަދު ސިމްލައްވާފައި ދާނީ. އޭރުން ކަން ނޭގޭ ދެން ތި ބާ ފޯނުގަނޑު އެއްލައިލާނީ. ކޮބާ ސަލްވާގެ ފޯނު...." ހައިކަލް ސަލްވާއަށް ދިން އައިފޯނު އޮތްތަން ފެނިފައި އެފޯނު ނެގިއެވެ.

"އޯވް. އެކަމަކު އަޅުގަނޑުގެ ފޯނު. ކާކޮޓަރީގައި ކަން ނޭގޭ ބޭއްވުނީ. އަޅުގަނޑު އަންނާނަން ބަލާލާފައި....." ސަލްވާ ކުއްލިއަކަށް ފޯނު ބޭއްވުނުތަން ހަދާންނުވެގެން އެތަންމިތަންހޯދަން ފެށިއެވެ. އޭނައަށް ދުވާލަކު އެތައްފަހަރު މެސެޖްކުރާ މީހަކު ހުންނައިރު އެހެން މީހެއްގެ ލޮލުގައި އަޅައިގެންފިއްޔާ އަނެއް މައްސަލަ އުފަންވީއެވެ. ސަލްވާ އަވަސް ހަރަކާތަކާއިއެކު ބޭއްވުނުހެން ހީވާތަންތަން ޗެކްކޮށްލައިފިއެވެ. އެއަށްފަހު މޫނު ފޮތިކޮޅު އަޅައިލުމަށްފަހު ކޮޓަރިން ނުކުތުމުން ހައިކަލް އެފޯނަށް ރިންގުކުރިއެވެ. ކޮންމެވެސް ތާކުން ވައިބްރޭޓްވިހެން ހީވެފައި ހައިކަލް ހޯދަނިކޮށް ފެނުނީ ބާލީސް އުރައިގެ ތެރެއަށް ލެއްވިފައި އޮތްވައެވެ. އެފޯނު ނެގިއިރު ހަބީބީ ކޯލިން އަރާފައި އޮތުމުން ހައިކަލް ހުރީ އެސްފިޔަޖަހައިލަން ނޭގިފައެވެ. ހަބީބީގެ ނަމުގައި ސަލްވާ ރައްކާކޮށްފައިވަނީ އޭނަގެ ނަމެވެ. ހަބީ ޖަހަންވީމަ އޮޅިގެން ބާވައެވެ. މެހެރީނާމެން ހަބީބު ގުޅައޭ ކިޔައިގެން އުޅުނީ ސަލްވާގެ ފޯނަށް މިހެން އެރީމަކަން ޔަގީންވިއެވެ. ދޮގު ވާހަކަތައް އުފަންވަނީ މިގޮތަށެވެ. އޭނަ އެވާހަކަ އެހުމުން ސަލްވާ އެހާ ލަދުގަތީވެސް އެހެންވީމަކަން ނޭގެއެވެ. އެދުވަހު އެދެމީހުން ދެއްކި ވާހަކަކޮޅުވެސް ސިކުނޑީގައި ރައްކާކުރެވިފައިވެއެވެ. އޭނަ އެތަންކޮޅު އަލުން ނިއުޅުވާލައިގެން ސްލޯ މޯޝަނުގައި ބަލައިލުމުން ސަލްވާ ލަދުގަތްވަރާއި ބުނި ބަސްތައް ލޮލަށް ސިފަވިއެވެ. އިރުކޮޅެއްފަހުން ސަލްވާ އައީ ކޮފީއެއްވެސް ހިފައިގެންނެވެ. ދުންއަރަ އަރާހުރި ކޮފީ ވަސް ކޮޓަރިތެރޭ ހިފައިލިއެވެ. ސަލްވާގެ ފޯނު އޮތްތަން ހައިކަލް ބުނެދިނުމުން ސަލްވާ މަޑުމަޑުން ހުނެވެ.

"ސަލްވާ. އަހަރެން ގެ ނަން އެނގޭތަ؟ " ހައިކަލް އަހައިލިއެވެ.

"ލައްބަ..." ސަލްވާ މައުސޫމްގޮތަކަށް ދެލޯ ބޮޑުކޮށްލިއެވެ.

"އެނގެންޏާ ކިޔާބަލަ..." ހައިކަލް ހިނި އައެވެ.

"ޑޮކްޓަރ ހައިކަލް..." ސަލްވާ ބުނެލިއެވެ.

"އެކަމަކު މިފޯނުގައި ސޭވްކޮށްފައި އިނީ ހަބީބީގެ ނަމުގައި. އަހަރެން ހީކުރީވެސް ހައިކަލްއާއި ހަބީބުގެ ނަން ހަމަ އޮޅުވައިލީކަމަށް......" ހައިކަލް ކޮފީތަށި ނެގިއެވެ. އެހާ ސީރިޔަސްކޮށް އަބަދު ފެންނައިރުވެސް ލާނެތްކަމެއް ހުރެއޭވެސް ސަލްވާގެ ހިތަށް އެރިއެވެ. އެލޮލުން ލާނެތްކަމެއް ފާޅުވާން ހުއްޓެވެ.

"ކުރީ ދުވަހުވެސް އެވާހަކަ އެހީމަ އަޅުގަނޑު ބުނީ.....އެގޮތަށް ސޭވްކުރީ ހަޒްބެންޑްވީމަ. އެއީ އެރެބިކް ނަމެއް........" ސަލްވާގެ ދޮންމޫނަށް ރަތްކުލަ މަޑުމަޑުން ފެތުރިގެން ދިޔައީ ހައިކަލް ބަލަބަލާހުއްޓައެވެ. ލަދުވެތިކަމަކީ ހައިކަލްއަށް ވަރަށް ހިތްގައިމު ސިފައެކެވެ. އިރުމަތީ އަންހެންކުދިންނާއި ހުޅަގު އަންހެންކުދިން އެންމެ ތަފާތުކުރާ އެއްޗަކީވެސް އެއެވެ. ވަށައިގެންވާ އެތައް ފްރެންޗް ބިއްލޫރި ދޮރުތަކުން އިރުގެ އަލިކަން ފަތުރާލާފައިވާއިރު އެހާވެސް އައްޔެވެ. އެއަލިކަމުގައި އެމޫނު ފެންނަލެއް އޮމާންކަމާއި އެންމެ ބިއްސެއް ލަފެއްނެތި އެގޮތަށް ރަތްވުމުން އެކުއްޖާގެ ރީތިކަން މީހަކު ހައިރާންކުރުވާވަރުވެއެވެ. ހައިކަލްއަށްވެސް ސަލްވާ އަލަށް ފެނުނުފަދައެކެވެ. ރީތިވާ މޭޒަށް ކުޑަކޮށް ލެނގިލައިގެން ކޮފީތަށި ތުނބުގައި ޖަހާލައިގެން ހުރެ އެތޫނު ދެލޮލުން އޭނަ ބަލަމުން ދިޔައެވެ. ދަސްކުރާފަދަ ގޮތަކަށެވެ. ސަލްވާ ރަކިވެގެން އެތަނުން ދުވެ ފިލަން ހިތް އެދުނެވެ.

"އަރަބިކުދިން އަރަބިބަހުން ވާހަކަދެއްކީމަ ކިހިނެއް އެނގޭނީ. އަރަބިބަހުން ހަޒްބެންޑަށް ކިޔާ ނަމަކީ ހަބީބީ ކަން އަދި ކިރިޔާ މިއެގުނީ...." ހައިކަލް ހީކުރީ އެގޮތަށެވެ.

"ހެހެ..." ސަލްވާ ލަދުން މޯޅިވިއެވެ.

"ހޫމް ދެން އަހަރެން ކިޔަންވީ ކީކޭ؟ އައި މީން ވައިފްވީމަ ކިޔަން ޖެހެނީ ކޮން ނަމަކުންނޭތަ އޮންނަނީ؟ " ހައިކަލް ދިމާކޮށްލިއެވެ.

"ގަލްބީ......." ސަލްވާއަށް ބުނެވުނެވެ. ހައިކަލް އެނަން މަޖާވެގެން އުޅެފައި އެއަށްވުރެ މަގޭ އަންހެނުންނޭ ކިޔަސް މާރީތިކަމަށް ބުނުމުން ސަލްވާ ވެސް ހިނިތުންވެލިއެވެ. އޭނަ ފޯނު ހިފައިގެން ބެލްކަންޏަށް ނުކުމެލީ ފޯނެއް އައުމުންނެވެ. ފޯނު ނިމިގެން ގޫގުލްކޮށްލީ ހަބީބީގެ މާނަ ބަލާށެވެ. ހައިކަލްއަށް އެދުވަހުގެ ދެވަނަ ހައިރާންކަން ލިބުނެވެ. ހިތްވެސް ސިކުންތުކޮޅަކަށް ހުއްޓުނުފަދަ އިހުސާސެއްކުރެވުނެވެ. ހަބީބީގެ މާނަ އޮތީ މަގޭ ލޯބިވާ ނޫނީ މަގޭ ލޯބި ފަދަ ގޮތަކަށެވެ. ސަލްވާ އެނަން ޖަހާފައި އެއިނީ އޭގެ މާނަ އޭނައަށް ރަގަޅަށް އެނގިގެން ހެއްޔެވެ؟ ނޫނީ އެހެން ގޮތަކަށް ހީކުރެވިގެން ބާވައެވެ.

ހައިކަލް ކޮފީތަށި ހުސްކޮށްލާފައި ބަހައްޓަން ދިޔައިރު ސަލްވާހުރީ ރީތިވާ މޭޒުމަތި ތަރުތީބުކުރާށެވެ. ސަލްވާ މިފަރާތަށް ކުއްލިއަކަށް އެނބުރިގަތް ދަނޑިވަޅުކަމުން ހައިކަލްއާއި ދެމީހުން ރީއްޗަށް މުޑިޖެހުނެވެ. ރީތިވާ މޭޒާއި ހައިކަލްއާއި ދޭތެރޭގައި އެކުޑަ ހަށިގަނޑު ނުފިތުނީ ހަމަ ކިރިޔާއެވެ. ހައިކަލް ސޮރީ ކިރިޔާ މަރުނުވީ ބުނެފައި ހީލަމުން ފަހަތަށް ޖެހުނީ އެމޫނަށް ފުންކޮށް ބަލައިލަމުންނެވެ. ސަލްވާގެ ސިކުނޑީގައި އެނބުރެމުންދާ ކަންތައްތައް ހައިކަލްއަށް އެނގޭކަހަލައެވެ. ސަލްވާއަށް ވަރަށް ގޮތްގޮތްވިއެވެ. ހައިކަލް ޖެހުމުން އޭނަގެ ހަށިގަނޑަށް އެކުރެވޭފަދަ އިހުސާސްތައް ބުނެދޭކަށްވެސް ނޭގެއެވެ. ދެމީހުންނަށް ފަޅި ސިކުންތުކޮޅަކަށް އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނެވެ. ހައިކަލް އެހާ ބޮޑުކަމަކަށް ނަހަދާ ތައްޔާރުވެގެން ނުކުމެގެން ދިޔައީމަ ސަލްވާ އާދައިގެ މަތިން ޑައިރީ ނޯޓްކޮޅު ލިޔެލީ މިއަދު ހިނިގި ކަންތައްތަކާއި އޭނަގެ އިހުސާސެވެ. ޑައިރީގައި ތަތްކުރިއެވެ. ކޮންމެވެސް ޒަމާނެއްގައި ހައިކަލްއަށް އޭނަގެ ލޯބީގެ ނޯޓްސް ފެންނާނެކަމަށް އުއްމީދުކުރާ ހާލުގައެވެ.

ސަލްވާ ކޮޓަރީގައި ހުރެފައި ނުކުމެގެން ގޮސް ހައިކަލްގެ ކުޑަ ލައިބްރަރީއަށް ވަންތަނުން ބޭރުން މާ އަޑުގަދަކުރާހެން ހީވެފައި ކުޑަދޮރުކައިރިއަށް ހުއްޓިފައި ކުޑަކޮށް ދޮރުފޮތިތައް ކައްސައިލިއިރު ކަމަކުދާކަށް ނެތެވެ. ޒުވާން ގްރޫޕްތައް ޕޫލްގައި ސަކަރާތްޖަހާ ފޯރިގަދަކުރާއިރު ބައެއް ކުދިން ބޯޅަކުޅެނީއެވެ. ޒައިތޫންއާއި އެހެން އަންހެންވެރިންވެސް އެކުދިންނާއިއެކު މަޖާކުރަމުން ދިޔައެވެ. ޒުވާންކުދިންކޮޅު ތިބީ ޓޫރިސްޓުންފަދައިން ކުރު ސޯޓުތަކާއި ޓޮޕްކޮޅުތަކުގައެވެ. އެހާ ގައިގޯޅިއެވެ. އިސްލާމީވަންތަކަން މުޅިން ނެތިގެންގޮސްފައި ވާ ތަން ފެނިފާ ސަލްވާދެރަވިއެވެ. ބޭރުގައުމުތަކުގައި ދިރިއުޅުމުގެ ބޮޑުބައި ހޭދަކޮށް އެ ސަގާފަތާއި މަސްހުނިވެ ދިވެހި އަދި އިސްލާމީ ރީތި އާދަތައްނެތި ގެއްލިގެންދާއިރު މައިންބަފައިންނަކަށްވެސް އެކަމެއް ނުފެނެއެވެ. ދީންވެސް ރަގަޅަށް ދަސްކޮށްނުދެވެނީއެވެ. އިރާދަކުރެއްވިއްޔާ އޭނަ އަޒަލްމެންނާއި އެވާހަކަދައްކާނެއެވެ. ޖަމާއަތުގައި އެންމެން އެކީގައި ނަމާދުކުރަންވެސް ބާރު އަޅާނެއެވެ. ފާޑުފާޑުގެ ބޮލަށް އުދަގޫވާ ލަވަތަކުގެ ބަދަލުގައި ހިތަށް ފިނިކަންގެނެސްދޭފަދަ ގުރުއާން ގޭތެރޭގައި އަބަދު އިވޭނެ ދުވަހަކަށް އޭނަގެ ހިތް ކެތްތެރިކަމެއްނެތި އިންތިޒާރުކުރެއެވެ. އޭރުން އެތަނުން ޝައިތާނުންތައް ރައްކާވެ ރޫހާނީ ހަމަޖެހުން ހިތްތަކަށްލިބި އީމާންތެރިކަން ވަރުގަދަވާން ފަށާފާނެއެވެ. ހުރިހާ ތަކެއްޗަށްވުރެ މާތް ﷲގެ ލޯބި ހިތްތަކުގައިވެއްޖެނަމަ އެމީހަކަށް ހުރި ދެދުނިޔޭގެ ނަސީބެވެ. މިހާރު މިއީ ބޭރުފުށުގެ ދަޅައެވެ. އެކުދިންނަށްވެސް ރޫހާނީ އުފަލެއްގެ ފޮނިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. ހިތްތަކަށް ހަގީގީ ހަމަޖެހުން ލިބޭނީ ހެއްދެވިފަރާތް ހަދާންކޮށްގެންނެވެ. އެކަހަލަ ޚިޔާލުތަކެއްގައި ހުރެފައި އޭނަ އެމަންޒަރުތައް ނުބަލަންވެގެން އަވަހަށް ފޮތިތައްވެސް ކައްސާލައިފިއެވެ. އެވަގުތު މެހެރީނާ ދޮރުމައްޗަށް އެރިއެވެ. މިއަދު މެހެރީނާ ހުރީ ތަފާތު މޫޑެއްގައެވެ.

"ސަލާމް އަލައިކުމް. ސަލްވާ...." މެހެރީނާއަށް ސަލާމުގެ ޖަވާބު ދިނީ ރީތި ހިނިތުންވުމަކާއެކުގައެވެ. އެ ރީތި ދެލޯ ރީތިކަމާއިއެކު މޫނުގެ އަލިކަމުން އޮފްއަރާފަދައެވެ. މެހެރީނާގެ ހިތް ހަސަދައިން ފުރުނެވެ. މި ކަނބުލޭގެ އަހަރެންގެ ލޯބިވާ ބޭބެވެސް ފޭރިގެންފިއޭ ހިތަށް އެރިއެވެ. މޫނު ބަނަވާން އުޅެފައި އޭނަ ގަދަކަމުން ހީލިއެވެ.

"ކުރީ ދުވަހުގެ ކަންތަކާއި މާފަށް އެދެން. އަހަންނަށްވެސް ފަހުން ވިސްނިއްޖެ. ދޮންބެދެކެ ލޯބިވަންޏާ ދޮންބެގެ އަންހެނުންނަށް ރެސްޕެކްޓްކޮށް އޯގާތެރިވާންވާނެ. އަހަރެންގެ މެންޓަލް މައްސަލައެއް ހުރެއޭ ދޮންބެވެސް ކިޔާ. އެހެންވެ ހަމަ މާފަށް އެދެން މިއައީ. އަހަރެމެންނަށް އެކީގައި އުފާވެރިކޮށް އުޅެވޭނެ ދުވަހަކަށް އުއްމީދުކުރަން. އެންމެން ޕޫލްގައި ތިބީމަ އެކަނި ޝޮޕިންއަށް ނުދެވިފައި މިހިރީ. އަހަންނާއި އެކު ދެވިދާނެތަ؟ " މެހެރީނާ އެހާ ރީތިކޮށް ވާހަކަދެއްކުމުން ނޫނެކޭ ބުނާކަށް ސަލްވާ ބޭނުމެއްނުވިއެވެ. މާފަށްވެސް އެދުނީއެވެ. ކެތްތެރިކަމާއިއެކު މިމީހުންނާއިއެކު އުޅެން ދަސްކޮށްފިއްޔާ މެހެރިނާމެންވެސް އޭނައާއި ގާތްކަން ބާއްވާނެއެވެ.

ފުދޭވަރަކަށް ކަނޑުގަދައެވެ. ހަލަބޮލި ރާޅުތަކުގެ އަޑު ފަޒާގައި ހިފާލާފައިވިއެވެ. ލޯންޗަށްއަރަންވުމުން ސަލްވާ ދަތުރު ދުޢާކުރިއެވެ. ލޮނުގަނޑުކަފާލާފައި ލޯންޗު އުދުހިލާފައި ކަހަލަގޮތަކަށް ދިޔައިރު ދޭތެރެއަކުން އަރާ ލޮޅުންތަކުން ހައިކަލްގެ ގައިގާ ސަލްވާ ކޮންމެވެސް ވަރަކަށް ޖެހުނެވެ. ސަލްވާއަށް އެއިން ކޮންމެ ސިކުންތުކޮޅެއް ފާހަގަކުރެވުނެވެ. ހައިކަލް އެހާވަރަކަށް ސަލްވާއާއިމެދު ވިސްނިހެނެއް ހިޔެއްނުވެއެވެ. އޭނަ އެވަގުތުތަކުގައިވެސް ވާހަކަދެއްކީ އޭނަގެ ބައްޕައާއި މަންމައާއިއެވެ. އެ ލޯންޗުތެރޭގައި އާއިލާގެ އެހެން ބަޔެއްމީހުންވެސް ތިއްބެވެ. ރިޒޯޓަށް ފައިބަންވުމުން ސަލްވާ ލޯންޗުން ފައިބަން އެހީވުމުގެ ގޮތުން ހައިކަލް އަތްދިއްކޮށްލިއެވެ. އެއަތުގެ ތެރެއަށް ސަލްވާގެ އަތްލެވުމާއިއެކު އެހެންމީހުން ހިތްހަމަނުޖެހިފައި ބަލަން ތިބިކަން ސަލްވާއަށް ފާހަގަކުރެވުނެވެ. ސަލްވާ ލަދުގަންނަގޮތްވިއެވެ. މިފަދަ ތަނަކަށް އަންނަން ހިތް ނުވެސްރުހެއެވެ. ކަންވީވެސް އެހެންނެވެ. ޕާޓީގައި އޮތީ ލައިވް މިއުޒިކެވެ. އަތިރިމަތީގައި އެތައް ލެންޓަންއެއް ދިއްލާއަޅާފައިވާއިރު ހުދުކުލައިގެ މޭޒުތައް މަތީގައި ކުދިކުދި ބައްތިތައްވެސް ދިއްލާލާފައިވުމުން ތަފާތުވެފައި ވަރަށް ހިތްގައިމެވެ.

ވަކިން ހަދާފައި ހުރި ކުޑަފޭލިގެއެއްކަހަލަ ތަންކޮޅުވަނީ ކައިވެނިކުރަން ތައްޔާރުކޮށްފައެވެ. ގާޒީން އެތަނަށް ވަނުމަށްފަހު އަޒަލްގެ ދެމަފިރިން ވެސް ފޭލިގެއަށް ވަންނާން ދިޔަތަން ސަލްވާއަށް ފެނުނަސް އެޒުވާނާއާއި ދިމާލަށް އޭނަ ބަލައެއްނުލައެވެ. އަޒަލްލާފައި ހުރި ހެދުން ރީތިކަމުންނާއި މޭކަޕްގެ ފުރިހަމަކަމުން އޭނަ ފެންނަނީ ތަފާތުކުއްޖެއްގެ ގޮތުގައެވެ. އެހާވެސް ފުރިހަމައެވެ. ބުޅި އިސްތަށިގަނޑުން ބޮޑު ހުޅިއެއް ޖަހާލާފައިވީއިރު ދޮންކަދުރާއާއި ބުރަކަށިންވެސް ބަޔެއް ހާމަޔަށް ފެންނާން ހުއްޓެވެ. ބުރުގާ އަޅާފައި ހުރިނަމައޭ ސަލްވާގެ ހިތަށް އެރިއެވެ. ސަލްވާ ގޮސް މޭޒެއްގައި އެކަނި އިންއިރު ހައިކަލްއަށް އިންތިޒާރުކުރެވުނެވެ. ފަނަރަވަރަކަށް މިނިޓްފަހުން ކައިވެނީގެ ރަސްމިއްޔާތު ނިމިގެން މޭޒުތަކާއި ދިމާލަށް މެހުމާނުން އަންނާންފެށިއެވެ. ސަލްވާ ކުރިމަތީގައި ހުރި ބައްތިއަށް ބަލަހައްޓައިގެން އިނެވެ. ބައްތިތެރެއަށް ވަން ކުޑަ ޕަރުވާނާއެއް ހުޅުކޮޅުގެ ޝިކާރައަކަށްވެގެން ވިތަން ފެނިފައި ސަލްވާ ދެރަވިއެވެ. އެއޮތް ލޯބި ޕަރުވާނާވެސް ހުޅުކޮޅަށް ދީވާނާވީމަ ނެތިގެން ދިޔައީއެވެ. ދުނިޔޭގެވެސް އާދައެވެ. ފާޑަކަށް ގެއްލިފައި އިންދާ ދާދިކައިރިން ދަންނަ އަޑަކުން އޭނަގެ ނަމުން ގޮވައިލުމުން ސިހިފައި ބަލައިލެވުމާއިއެކު ކޮޅަށް ތެދުވެވިއްޖެއެވެ. ޔަގީންނުވެ އެމީހަކު ސުވާލެއްކުރާފަދަ ގޮތަކަށެވެ.

"ސަލްވާ؟ "

(ނުނިމޭ)

comment ކޮމެންޓް