މެގަ މޯލްޑިވްސްގެ ހުރިހާ ބޯޓެއް ފޮނުވާލައިފި

މެގަ މޯލްޑިވްސްއިން އިއްޔެ ފޮނުވާލި ބޮއިންގް 767 މަރުކާގެ ބޯޓު

ރާއްޖޭގެ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސްގެ ފްލީޓުގައި އޮތް އެންމެ ފަހު އެއާކްރާފްޓު އޭގެ ވެރިފަރާތަށް އަނބުރާ ފޮނުވާލައިފިއެވެ. ވައިގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލި މެގަ މޯލްޑިވްސްގެ ފްލީޓުގައި މިވަގުތު އެއްވެސް އެއާކްރާފްޓެއް ނެތެވެ.

ކުންފުނީގެ އޮނިގަނޑަށާއި ކެޕިޓަލައިޒޭޝަނަށް ބަދަލުތަކެއް ގެނައުމަށްޓަކައި ކޮމާޝަލް ފްލައިޓު އޮޕަރޭޝަންތައް އިއްޔެއިން ފެށިގެން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

އިއްޔެއާ ހަމައަށް މެގަ މޯލްޑިވްސްގެ ފްލީޓުގައި އޮތީ، ކުއްޔަށް ގެނެސްގެން ބޭނުންކުރަމުން އައި ބޮއިންގް 767 މަރުކާގެ މަތިންދާބޯޓެއް އެކަންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު އިއްޔެ ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓު ޗައިނާއާ ރާއްޖެ ގުޅުވައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދިން މެގަ މޯލްޑިވްސްއިން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނި ގޮތުގައި، މިދިޔަ އަހަރުން ފެށިގެން އެކުންފުނިން ދަނީ ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، އިތުރު ރައުސުލްމާލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"މި މަސައްކަތުގެ ދަށުން އާ އިންވެސްޓްމެންޓް ހޯދައި، ކުންފުނީގެ އޯނަޝިޕު އޮނިގަނޑަށް ބަދަލު ގެނެސް، އަދި މެގަގެ ފްލީޓު ސްޓްރެޓަޖީ ރިވިއުކޮށް، މެގައިން ޚިދުމަތްދޭ ތަފާތު މާކެޓުތަކާ ގުޅޭ އާ އެއާކްރާފްޓުތައް ހޯދޭނެ. އަދި މީގެ އިތުރުން މެގަގެ ފްލައިޓު ކްރޫއިން އަލުން ޓްރެއިންކޮށް، އަދި އެކުންފުނީގެ ފެސިލިޓީތައް މަރާމާތުކުރުން ވެސް ހިމެނޭ،" މެގައިން ނެރުނު ބަޔާނުގައިވެ އެވެ.

މެގަ މޯލްޑިވްސް އިން ބުނީ އެކުންފުނިން މިހާރު ދަނީ ސަރުކާރާއި ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަން ސެކްޓަރުގައި ހިމެނޭ އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާ އެކުގައި މަސައްކަތް ކުރަމުން ކަމަށާއި، އެފަރާތްތަކުގެ އެއްބާރުލުން ކުންފުންޏަށް ފުރިހަމައަށް ލިބެމުންދާ ކަމަށެވެ.

comment ކޮމެންޓް