މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިިއުމަށް ނިންމާފައިވާ މައިލޯ ފައިވް ކޭ ރަންގެ މީޑީއާ ޕާޓްނަރަަކަށް ސަން މީޑިއާ ގްރޫޕް ހަމަޖައްސައިފި އެވެ.
މިއަދު މެންދުރު ސްޕޯޓްސް ކޯޕަރޭޝަންގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ފައިވްކޭ ރަންގެ މީޑިއާ ޕާޓްނަރަކަށްސަން މީޑިއާ ގުރޫޕް ހަމަޖައްސުމުގެ އެއްބެސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުއްރައްޒާގު އިބްރާހިމެވެ. ސަން މީޑީއާ ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ މިންހާ ފާއިޒުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ ރައްޒާގު ވިދާޅުވީ ޓީމު ރޭހެއްގެ ގޮތުގައި ފައިވް ކޭ ރަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު އެ ކޯޕަރޭޝަންގެ އަމާޒަކީ ދުވުން އެހެން ހަރުފަތަކަށް ގެންދިޔުން ކަމަށެވެ.
އެމްޑީ ރައްޒާގު ވިދާޅުވީ ފައިވް ކޭ ރޭހުގެ މީޑިޔާ ޕާޓްނަރަކަށް ސަން މީޑިއާ ގުރޫޕް ހަމަޖެއްސީ އެ މީޑިއާގެ ކުޑައިގެ ދަށުގައިވާ ތަފާތު ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މިހާތަނަށް ވެސް ކަސްރަތާއި ކުޅިވަރާއި ބެހޭ މައުލޫމަތުތައް އާންމުން ބަލައިގަންނަ ވަރަށް ފޯރުކޮށްދީފައިވާތީ ކަމަށެވެ. އަދި އެ މީޑިއާއަކީ އާންމުން ތެރޭގައި މަގުބޫލު މީޑިއާއަކަށް ވީތީ މުހިއްމު މަގުސަދެއްގައި ކުރިއަށް ގެންދާ އެ ދުވުމުގެ ހަބަރު އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ އެއް މީޑިއާއަކީ ސަން މީޑިއާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ސަން މީޑިއާއަކީ އާންމުންގެ ތެރޭގައި މަގްބޫލް މީޑިޔާއެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން ކުޅިވަރާއި ކަސްރަތާއި ގުޅޭ މައުލޫމާތުތައް އާންމުންނާއި ހިސާބަށް އެންމެ ރަނގަޅު ގޮތުގައި ގެނެސްދެވޭނެ ކަމަށް. މިއީ ފެށުމެއް ކުރިއަށް އޮތްތަނުގައި ވެސް ސަންއާއެކު މި ދާއިރާއިން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރަން،" ރައްޒާގް ވިދާޅުވިއެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕްގެ ސީއޯއޯ މިންހާ ފާއިޒު ވިދާޅުވީ އެ މީޑިއާއިން ކުޅިވަރާއި ކަސްރަތު ކުރިއަރުވައި އެ ދާއިރާއަށް ވެދެވެން އޮތް އެހީތެރިކަމެއް އަބަދުވެސް ފޯރުކޮށް ދެމުންދާނެ ކަމަށާއި އަދި ޒުވާނުންނާއި ގުޅުން ހުރި ކަންކަމަކީ ސަން މީޑިއާއިން އަަދުވެސް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަންކަން ކަމަށެވެ. އަދި ވިދާޅުވީ އެ ރޭހުގެ މައުލޫމާތު އާންމުންނާއި ހިސާބަށް ގެނެސް ދިނުމުގައި އެ މީޑީއާގެ ކުޑައިގެ ދަށުގައިވާ ހުރިހާ ވަސީލަތަކުން އެންމެ ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ފުދޭވަރެއްގެ ރަނގަޅު ކަވަރޭޖެއް މީގެ ތެރެއިން ދެވޭނެ ކަމަށް ގަބޫލުކުރެވޭ. އަދި ސަންގެ ސްޕޯޓްސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން މިދަނީ. އެހެންވީމަ އުންމީދު ކުރަނީ އެ ރޭހަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް،" މިންހާ ވިދާޅުވިއެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައެވެ.
ރާއްޖޭގައި އާންމުކޮށް ބާއްވާ ރޭސް ތަކާ ޚިލާފަށް ޓީމުތައް ވާދަކުރާ ގޮތަށް ކުރިއަށް ގެންދާ ރޭހާ ގުޅޭ ގޮތުން ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ، މި ފަދަ ރޭހެއް ބޭއްވުމުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމާއި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދިމާވާ ބަލިތަކުން ރާއްކާތެރިވުމަށް ހޭލުންތެރި ކުރުމާއި އަދި އެކުވެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.
ފަސް ކިލޯމީޓަރުގެ މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ހުޅުވަލާފައިވާ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ފަސް ދުވުންތެރިން ހިމަނައިގެން ޓީމުތައް ބައިވެރި ކުރެވޭ ރޭހުގައި ޓީމްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.