ރަށުގައި ތިބެގެން ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު، އެސްއެސްޓީވީއާ އެކު އޭއެސްޕީ ސްޓޫޑީއޯއިން ސޮއިކޮށްފި

އެސްއެސްޓީވީއާއި އޭއެސްޕީ ސްޓޫޑިއޯއިން ސޮއިކުރުން: ރަށުގައި ތިބެގެން ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ

ރަށްރަށުގައި ތިބެގެން ސަން ސިޔާމް މީޑިއާއަށް ކޮންޓެންޓް އުފައްދަން ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން އެސްއެސްޓީވީއާ އެކު ކޮންޓެންޓް އުފެއްދުމުގެ އެއްބަސްވުމެއްގައި ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އޭއެސްޕީ ސްޓޫޑިއޯއިން މިއަދު ސޮއިކޮށްފިއެވެ.

އެސްއެސްޓީވީން ވަނީ ރަށްރަށުގައި ތިބެގެން ޓީވީއަށް ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އޭއެސްޕީ ސްޓޫޑިއޯއާ އެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ އެފަދައިން ކޮންޓެންޓް އުފައްދަން ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ. އޭއެސްޕީ ސްޓޫޑިއޯ އަކީ ވީޑިއޯ އާއި އޯޑިއޯ ކޮންޓެންޓް ފުޅާދާއިރާއެއްގައި އުފައްދާ އަމިއްލަ ސްޓޫޑިއޯއެކެވެ.

މި އެއްބަސްވުމުގައި އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޢާޞިފެވެ. އޭއެސްޕީ ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ސްޓޫޑިއޯގެ ސީއީއޯ ޢަލީ މާހިރެވެ.

ކުޅުދުއްފުށީގައި ހުންނަ އޭއެސްޕީ ސްޓޫޑިއޯގެ މަސައްކަތުގެ ތެރެއިން: އެ ސްޓޫޑިއޯއާއި އެސްއެސްޓީވީން ވަނީ އެކުގައި ކޮންޓެންޓް އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި --

އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ މި ފަދަ ސްޓޫޑިއޯތަކުން ކުރާ މަސައްކަތް އެސްއެސްޓީވީން ފޮނުވުމަށް ޝައުގުވެރިވާކަން އެސްއެސް މީޑިއާއިން މީގެ ކުރިން ވެސް ވަނީ އިޢުލާންކޮށްފައެވެ. އަދި، މިކަމަށް ހުޅުވިފައިވާ ދަޢުވަތެއް ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ވަނީ ދީފައެވެ.

މި ފުރުޞަތުގެ ތެރެއިން އޭއެސްޕީ ސްޓޫޑިއޯއިން އެސްއެސްޓީވީއާ ގުޅިގެން ދެ ފަރާތަށް ފައިދާ ހުރި އުޞޫލުން މަސައްކަތްކުރަން ނިންމެވީތީ އޭއެސްޕީ ސްޓޫޑިއޯއަށް ސީއީއޯ ޢާޞިފް ޝުކުރު އަދާކުރެއްވިއެވެ.

ޢަލީ މާހިރުގެ ވާހަކަފުޅުގައި މި ފުރުޞަތު އޭއެސްޕީއަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ރަމަޟާންމަހު އެސްއެސްޓީވީން ފޮނުވާ ޕްރޮގްރާމްތަކުގެ ތެރޭގައި އޭއެސްޕީގެ ކޮންޓެންޓް ފެންނާނެ ކަމުގައި ވިދާޅުވިއެވެ.

އެސްއެސްޓީވީއަކީ އަތޮޅުތެރޭގެ ކޮންޓެންޓާއި ދިވެހީންގެ ދިރިއުޅުމާގުޅޭ ކޮންޓެންޓް ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއްދޭ ޓީވީ ޗެނަލެކެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ޗެނަލުން މި ފަދަ ވަރަށް ގިނަ ކޮންޓެންޓް ވަނީ އުފައްދާ ޢާންމުކޮށްފައެވެ.

comment ކޮމެންޓް