ސޮލެރަލްގެ ބްރާންޗެއް އައްޑޫ ސިޓީގައި ހުޅުވަނީ

ބަންދު އިބްރާހިމް ސަލީމް --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރު ފެށި ދިވެހިންގެ 100 ޕަސެންޓު ހިއްސާ އޮންނަ ފުރަތަމަ އިންޝުރެންސް ކުންފުނިކަމުގައިވާ ސޮލެރަލް އިންޝޫރެންސް ކުންފުނީގެ ބްރާންޗެއް މިއަހަރު ތެރޭ އައްޑޫގައި ހުޅުވަން ހަމަޖައްސައިފިއެވެ.

އެކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އެކުންފުންޏަކީ އަދި ފައްކާ ވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުންފުނި "ފުރިހަމަ" ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތިން އަހަރަށް ލަފާ ކުރާ ޖީޑީޕީގެ ކުރިއެރުމަކީ ހަތަރު ޕަސެންޓު. ރާއްޖޭގެ އެކި ދާއިރާތަކުގެ ކުރިއެރުމާއެކު ޖީޑީޕީ ކުރިއަރާނެ. މި ކުންފުންޏަށް އަދި މިވީ އެންމެ އަހަރެއް ކަމުގައިވީ ނަމަވެސް އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ މާކެޓް ޝެއާ އިތުރު ކުރަން،" ބަންދު ސަލީމް ވިދާޅުވިއެވެ.

އެކުންފުނީގެ އާ ބްރާންޗެއް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން އައްޑޫގައި ހުޅުވަން ވަނީ ހަމަޖައްސާފައެވެ. އެ ބްރާންޗުގެ ސަބަބުން އައްޑޫ ސިޓީއަށް އިތުރު ތަރައްގީ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޮލަރެލް އިންޝުއަރަންސަށް އިންޝުއަރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ލިބުނު އިރު، އެކުންފުނީގެ ވިޔަފާރި އޭގެ މަސް ދުވަސް ފަހުން ވަނީ ފަށައިފައެވެ.

ސަރުކާރާއި އަމިއްލަ ގިނަ ކުންފުނިތަކެއްގެ ބޮޑެތި މަގާމުތައް ފުރުއްވާފައިވާ ވިޔަފާރީގެ ތަޖުރިބާކާރު ބަންދު އިބްރާހީމް ސަލީމްގެ ޗެއާމަންކަމުގެ ދަށުގައި ހިންގާ ސޮލަރެލް އިންޝުއަރަންސް ކުންފުނީގެ ވިޔަފާރިއަށް އެއް އަހަރު ފުރުނު އިރު ކުންފުނި ފުޅާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

މިރޭގެ ހަފްލާގައި ބަންދު ސަލީމް އިތުރަށް ވިދާޅުވީ ސޮލަރެލް ވުޖޫދަށް އައިސް ޚިދުމަތްދޭން ފެށީ ރާއްޖޭގެ އިގްތިސޯދު ފުޅާވުމަށް ވާދަވެރި މާކެޓެއް ބޭނުންވާތީ ކަމަށެވެ. އެގޮތުނެ މިދިޔަ އަހަރުތެރޭގައި އެކަނިވެސް ސޮލަރެލް އިންޝުރެންސްގެ އިތުރުން އިންޝުއަރެންސްގެ ޚިދުމަތްދޭ އެހެން ކުންފުންޏަކާއި އަމިއްލަ ބޭންކެއް ވެސް ހުޅުވިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިރޭގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އިގްތިސޯދީ އެޖެންޑާގެ ދަށުން މާލީ ދާއިރާ ހަރުދަނާ ކުރުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން އެންމެ ފުރަތަމަ ހިފި އަމިއްލަ ދިވެހި ކުންފުންޏަކީ ސޮލެރަލް ކަމަށެވެ.

ރާއްޖޭގައި އިންޝޫރެންސް ވިޔަފާރީގެ މުސްތަގުބަލް އޮތީ އުޖާލާކޮށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ކުރެވޭ ކޮންމެ އިންވެސްޓްމެންޓަކީ އިންޝޫރެންސް ވިޔަފާރީއާ ސީދާ ގުޅިފައިވާ އިންވެސްޓްމެންޓެއް ކަމަށެވެ.

"އިންވެސްޓްކުރަން ނިންމާ ދުވަހުން ފެށިގެން އެ އިންވެސްޓްމެންޓް ދެމިގެންދާހާ ދުވަހަކަށް އެކި ބާވަތްތަކުގެ އިންޝޫރެންސް ޕޮލިސީ ނަގަން ޖެހޭ، މިހެން މިކަން އޮތުމުން އަޅުގަނޑު ދަންނަވާނީ އިންޝޫރެންސް ވިޔަފާރީގެ މުސްތަގުބަލް އޮތީ ވަރަށް އުޖާލާކޮށްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި މިއަހަރު ތެރޭގައިވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 25 ރަށް ހުޅުވިގެންދާނެ އެވެ. އެކަމުގެ ސަބަބުންވެސް އިންޝުރެންސް ކުންފުނިތަކަށް ކުރިއެރުން ލިބި ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަފްލާގައި މިނިސްޓަރު ވަނީ، ރާއްޖެއަށް އިންޝުރެންސްގެ އެކި ޕްރޮޑަކްޓްތައް ނެރޭނެ އެފަދަ ކުންފުންޏެއް އުފައްދައި ކާމިޔާބުކަމާއެކު އެއް އަހަރު ހޭދަ ކުރުމުން އެ ކުންފުންޏަށް މަރުހަބާ ދަންނަވާފައެވެ.

comment ކޮމެންޓް