ގާސިމް ބަންދުކުރި މައްސަަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

އޭޕްރީލް 23 ވަނަ ދުވަހު ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ.

ގާސިމް ހައްޔަރުކޮށް 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ވަކީލުންގެ ފަރާތުން ވަނީ ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ.

އެގޮތުން ގާސިމް އިބްރާހިމް 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރި ފަނޑިޔާރަކީ ގާސިމް ހައްޔަރު ކުރަން އަމުރު ނެރުނު ފަނޑިޔާރު ކަން ގާސިމްގެ ވަކީލުން ފާހަގަކުރި އެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވި އެވެ.

30 އޭޕްރީލް 2017: ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލުން: ގާސިމް ދޫކޮށް ލުމަށް އެދި އިދިކޮޅު ފަރާތްތަކުން ޕެޓިޝަނެއްގައި ސޮއި ކުރަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ އިތުރުން ގާސިމް 15 ދުވަހު ބަންދުގައި ބަހައްޓައި ދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނީ ފުލުހުން ކަމަށާއި ނަމަވެސް އިމްތިޔާޒު ގާނޫނުގައިވާ ގޮތުން އެ އެދުން އެދެން ޖެހޭނީ ޕީޖީން ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހެއްކެއް ނެތި ގާސިމް ބަންދުގައި ބަހައްޓަން ނިންމުމުން އެކަން ވެސް ވަކީލުން ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ.

ގާސިމް އިބްރާހިމް ހައްޔަރުކުރީ 42 މެމްބަރުންގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ޓަކައި ސޮއި ހޯދުމަށް އެކި މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށެވެ.

މީގެ ކުރިން ފުލުހުން ގާސިމް ހައްޔަރުކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތް ކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

30 އޭޕްރީލް 2017: ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލުން: ގާސިމް ކޯޓަށް ހާޒިރު ކުރި ވަގުތު އިދިކޮޅު ފަތާތްތައް ހައި ކޯޓް ސަރަހައްދުގައި އިހްތިޖާޖް ކުރަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މައްސަލާގައި ގާސިމްގެ މައްޗަށް ވަނީ، ތިން ދައުވާއެއް އުފުލައިފަ އެވެ. ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

comment ކޮމެންޓް