އާއިލާއާ އެކު ފާރަހް ޚާން އަނެއްކާވެސް ރާއްޖެގައި

ފަރާ އާއި އޭނާގެ ތިން ދަރިން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓްގައި---

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ކުޅަދާނަ ޑައިރެކްޓަރު ފާރަހް ޚާން އޭނާގެ އެއްމާބަނޑު ތިން ކުދިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އޭނާ ރާއްޖެ އައި ދުވަސް ކަނޑައެޅިގެން އެނގިފައި ނުވާއިރު މި މަހުގެ 27 ވަނަ ދުވަހު އޭނާ ރާއްޖޭގައި ހުރިކަން އިންސްޓާގްރާމް ފޮޓޯތަކުން އެނގެއެވެ.

ފަރާ އޭނާގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާގެ ރިސޯޓެއްގައި ކަން އޭނާ އިންސްޓާ ކުރާ ފޮޓޯ ތަކުންނާއި ޓްވީޓްތަކުން އެނގެއެވެ. މީގެ ތިން ދުވަސް ކުރިން އޭނާ ވަނީ އެއްމާބަނޑު ތިން ކުދިން ސްވިމިން ޕޫލެއް ކައިރީގައި ނަގާފައި ހުރި ފޮޓޯއެއް ޓްވިޓާގައި އާންމު ކޮށްފައެވެ.

ފަރާ ވަނީ މިދިޔަ އަހަރުގެ މާޗް މަހުގައި ވެސް އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. އެފަހަރު އޭނާގެ ފިރިމީހާ ޝިރިޝް ކުންދަރު ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ފަރާގެ ތިން ދަރިން ރާއްޖޭގައި----

މިފަހަރުގެ ދަތުރުގައި ފަރާ ދަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް، އޭނާ ރާއްޖޭގައި ހުރިކަމާއި، އޭނާ ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް އާންމުކުރަމުންނެވެ. ގިނަ ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓް ކުރަމުންދާއިރު، ރާއްޖޭގެ ރީތިކަމުގެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

ފަރާ ދަތުރު ނިންމާލައި އެނބުރި ގައުމަށްދާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ރާއްޖެ ދޫކޮށްދާން ދެރަވާ ކަމަށް ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ރީތިކަމާއި، މިދަތުރުގައި އޭނާ ކުރަމުންދާ މަޖަލުގެ ވާހަކަ ލިޔަމުންދާ ފަރާ އަކީ އިންޑިއާގެ ބައެއް ޝޯތައް ހުށަހަޅައިދެމުން އަންނަ މަޝްހޫރު ޕްރެޒެންޓަރަކެވެ.

comment ކޮމެންޓް