މާޒިޔާއިން ބަލި ނުވެ ފަސް މެޗު ފުރިހަަމަކޮށްފި

24 ފެބްރުއަރީ: މާލޭ ލީގުގެ ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގެ ތެރެއިން: 1- 0 ގެ ނަތީޖާ އަކުން އެ މެޗު ކާމިޔާބް ކުރީ މާޒިޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި ބަލި ނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ބޮޅެއް އިތުރުކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑު ޖަހާނެ ފަހި ފުރުޞަތެއް ލިބިގެން ގޮސްފައިނުވާއިރު، ސީޒަން ފެށުނު އިރު އާދައިގެ ގޮތަކަށް ފެނިގެން ދިޔަ ޔޫވީ މި މެޗުގައި ފެނުނީ ތަފާތުކޮށެވެ.

ފުރަތަމަ ހާފަށް ބަލާއިރު އެންމެ ހުސް ފުރުޞަތެއް ލިބިގެން ގޮސްފައިވަނީ މާޒިޔާއަށެވެ. ނަމަވެސް މާޒިޔާއަށް ލިބުނު ކޯނަރަކުން އެޓީމުގެ ކުޅުންތެރިއަކު ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގައެވެ. އަދި އެ ހަމަލާއަށްފަހުވެސް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ޔޫވީގެ ޑިފެންސުން ވަނީ އެ ހަމަލާތައް ބޭކާރުކޮށްލާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ މެދުތެރެ ފެނުނީ ތަންކޮޅެއް ދައްކޮށެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނަގަޅުކޮށް ޔޫވީ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރިއިރު ދެވަނަ ހަފުގައި ކުޅެން ނުކުތް ހުސެން ނިޔާޒް ބޮކުރީގެ ހުރަހަކުން މުހައްމަދު އުމެއިރު ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އުމެއިރު ބޯޅަ ފޮނުވާލިއިރު ހުރީ އޮފްސައިޑްގައި ކަމަށް ނިންމާފައެވެ.

އެ މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހުސެން ނިޔާޒްގެ ރީތި ހުރަހަކުން މެޗުގެ 80 ވަނަ މިނިޓްގައެވެ.

މި ނަތީޖާއާއެކު މާޒިޔާއިންވަނީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. އަދި ތާވަލުގެ އެއްވަނައިގައޮ އޮތް ނިއުރޭޑިއަންޓަށް މާޒިޔާގެ މަށްޗަށް ކުރި ލިބެނީ އެ ޓީމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މިއަދު މާޒިޔާއަތުން ބަލިވި ޔޫވީ އޮތީ ތާވަލުގެ ހަވަނަ މަގާމުގައެވެ.

comment ކޮމެންޓް