ޓީޗިންގް ޓިއުބް: އޮންލައިންކޮށް ޓީޗަރުންގެ އެެހީ ލިބިގެން ކިޔެވޭނެ ފަސޭހަ މަގެއް

ޓީޗިންގް ޓިއުބް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަފްރާހް

ޓީޗިންގެ ޓިއުބްގެ ނަމުގައި އޮންލައިންކޮށް ކިޔެވޭނެ ޕްލެޓްފޯމެއް ތައާރަފް ކޮށްފި އެވެ.

ދިރާގާ ގުޅިގެން އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޓީޗިންގް ޓިއުބް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިއްޔެ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމެވެ.

އެ ހިދުމަތާ އެކު ކިޔަވައިދިނުމަށް ބޭނުންކުރެވޭނެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިންޓަނެޓް ހިދުމަތް ލިބޭ ހުރިހާ ސަރަހައްދަކަށް އޭލެވެލް އަދި އޯލެވެލް މާއްދާތައް ކިޔަވައިދެވޭނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.

އެގޮތުން އޯލެވެލް ހިސާބު މާއްދާ އާއި އޭލެވެލް އަދި އޯ ލެވެލްގެ ސައިންސްގެ މާއްދާތައް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރެގެން ވެސް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު މިހާރު ޓީޗިންގް ޓިއުބް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.

ޓީޗިންގް ޓިއުބް މެދުވެރިކޮށް ކިޔަވަން ބޭނުންވާ ކުދިން ޓީޗިންގް ޓިއުބް ވެބްސައިޓަށް ވަދެ ލޮގިންކޮށް ފައިސާ ދެއްކުމުން ހިދުމަތް ލިބިގެންދާނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.

"މި އަހަރުގެ ޖުލައި މަހުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި، އިސްލާމްގެ އިތުރުން ބިޒްނަސް ސްޓްރީމްގެ މާއްދާތައް ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެ،" އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ބުނީ ތައުލީމީ ދާއިރާގައި ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޓީޗަރުންގެ އިތުރުން ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ޓީޗަރުން ޓީޗިންގް ޓިއުބް މެދުވެރިކޮށް ކިޔަވައިދޭނެ ކަމަށެވެ.

"އޭގެތެރޭން އޭލެވެލް އަދި އޯލެވެލްގައި ކިޔަވައިދިނުމަށް ބޭނުންވާ އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ޑރ. ސްޓެފޯޑް ރެޑަން ފާހަގަކޮށްލެވޭ،" އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.

ޓީޗިންގް ޓިއުބް މެދުވެރިކޮށް ކިޔަވަން ބޭނުންވާ ކުދިން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ އަހަރަކަށް ކޮންމެ މާއްދާއަކަށް 99 ޑޮލަރެވެ.

ޓީޗިންގް ޓިއުބަށް ބޭނުންވާ ހުރިހާ އެނިމޭޝަންސްގެ އިތުރުން ވެބްސައިޓް ފަރުމާކޮށް އެޕްލިކޭޝަން އުފައްދާފައި ވަނީ ޓީޗިންގް ޓިއުބުގެ އިންނޮވޭޝަން އަދި އެނިމޭޝަން ޕާޓްނާ ޕްރޯ ޑިޒައިނާސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.

އަދި ކުދިންގެ އެސަސްމަންޓްތައް ހެދުމަށް ޓަކައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ އިންޑިއާގެ ކުންފުންޏެއްކަމުގައިވާ "ރިޕޯޓް ބީ"ގެ އެހީތެރިމާ އެކު ހިމަނާ ޓެކްނޮލޮޖީއެކެވެ. އެ ކުންފުންޏަކީ އިންޑިއާގެ 33 ވަނައަށް އެންމެ އަވަހަށް ކުރިއަރަމުން އަންނަ ކުންފުންޏެވެ.

ޓީޗިންގް ޓިއުބަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މި އަހަރު ވެސް އަތޮޅުތަކަށް ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. އަދި ޓީޗިންގް ޓިއުބްގެ 50 ސެންޓަރެއް އެކި ކަންކޮޅުތަކުގައި ގާއިމް ކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް