
ނޫމަރާގެ އަތިރިމަތި: މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިން ވަރަށް ބޮޑަށް ދިމާވި ރަށެއް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނޫމަރާގެ އަންހެނަކު ރޯނުވަށަނީ: ފަންގި ވިނުމާއި ރޯނުވެށުމަކީ މިރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެއް. ކުރީގައި ކެއުމަށް ބޭނުން ކުރާ ތަކެތި ގަނެ އުޅެނީ ރޯނާއި ފަން ވިއްކައިގެން. މީގެ އިތުރުން ރޯނު ބޮނޑީގެ ބަދަލެއްގެ ގޮތުން ކާޑުގެ ބާވަތްތައް ވެސް އޭރު ބަދަލުކޮށް ހަދާ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ނޫމަރާއަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުމަތީ ބިތުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދުއާ 40.2 ކިލޯ މީޓަރު ދުރުގައި އަދި ރާއްޖޭގެ ވެރިރަށް މާލެއާ 255 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ނޫމަރާ ބަނދަރު ސަރަހައްދު: އެތައް އަހަރެއްގެ ދަތި އުނދަގޫތަކަށް ފަހު މިހާރު ވަނީ ލަފާފުރުމަށް އިތުރު ފަސޭހަތަކެއް ލިބިފައި: މި ބަނދަރަކީ 27.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްޕައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ސަރުކާރުން ހަދައިފައިވާ ބަނދަރެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާ
ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ނޫމަރާގައި ބަނދަރެއް ހަދައި ބޭނުން ކުރަން ފެށީ މީގެ ހަތަރު އަހަރު ކުރިން 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން މި ރަށަކީ ލަފާފުރުމުގައި ނުހަނު ބޮޑެތި ދައްޗާ ކުރިމަތިވި ރަށެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ކުރިން ލިބިފައިވެ އެވެ. މި ރަށުގެ އާ ބަނދަރު ހަދައި ނިމުނީ 2012 އެޕްރީލް މަހު އެވެ.

ނޫމަރާގެ މަގެއްމަތިން ބަޔަކު ހިނގާފައި ދަނީ: ނޫމަރާއަކީ ގަސްގިނަ ފެހި ރަށެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންހެނަކު ވަލުން ފަންހޮވަގެން ދަނީ: ފަންގެ ވިނުމާއި ރޯނުވެށުމަކީ މިރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ކުރީޒަމާނުގައި ކެއުމަށް ބޭނުން ކުރާ ތަކެތި ގަނެ އުޅެނީ ރޯނާއި ފަންވިއްކައިގެންނެވެ. މީގެ އުތުރުން ރޯނު ބޮނޑީގެ ބަދަލެއްގެ ގޮތުން ކާޑުގެ ބާވަތްތައްވެސް ދެއެވެ. ސާންތި ވިޔުމަކީ އިހު ޒަމާނުގައި މިރަށުގައި އާއްމު ދަނީ ހޯދުމަށް ކުރި އެހެނަށް މިހާރު ހުއްޓިފައިވާ އެކަށީގެންވާ ރަނގަޅު އާއްމުދަނީއެއް ލިބުނު މަސައްކަތެކެވެ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނޫމަރާއަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށި ރަށްރަށުގެ ތެރެއިން އެއް ރަށެވެ. އެ ރަށު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު އިހުގައި މީހުންގެ ދިރިއުޅުން ބައްޓަންވެފައި ހުރި ގޮތާ ދާދި އެއްގޮތަށް މިހާރު ވެސް ދިރިއުޅެމުންދާ ކަން ފާހަގަކޮށްލެވެ އެވެ.

ނޫމަރާގެ މަގެއް ގައި އަންހެނަކު ދެ ކުދިން ގޮވައިގެން ދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކަނޑުމަސްވެރިކަމާއި ފަރުމަސްވެރި ކަމުގައި މިހާރު ގެންގުޅެނީ ޒަމާނީ ވަސީލަތްތަކެވެ. ޒަމާނީ އުޅަނދުތަކެވެ. އިހުގެ ބައްތެލިތަކާއި ބޮއްކުރާތަކުގައި މަސްވެރިކަން ކުރާތަން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ނޫމަރާގެ ގަސްކަރަ ފެނުމާ އެކު ކުދި ދޯނިތައް ރިޔަލުގައި ދުއްވާތަން ފެންނާނެ އެވެ.

ނޫމަރާ ފަޅުތެރޭގައި ކުޑަ ރިޔާ ނެގި ދޯންޔެއް ދުއްވާފައި ދަނީ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މަސްވެރިކަމަކީ ވެސް ޒަމާނުއްސުރެ މިރަށުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. މި ރަށުގެ މަސްވެރިން ތަފާތު ވައްތަރުތަކުގެ މަސްވެރިކަން ކުރެ އެވެ. އޭގެ ތެރޭގައި ވަދާ ދިއުމާއި ފާނައިގެ މަސްވެރިކަމާއި ކަނދުފަތި މަސްވެރިކަން ހިމެނެ އެވެ. ފަޅުގެ ދަތިކަން ބޮޑުކަމުން އޮޑިދޯނިފަހަރު ގެންގުޅޭވޭ ވަރުނުވާތީ، ކުރިން މަސްވެރިކަން އެންމެ އެދެވޭ ވަރަކަށް ނުކުރެވޭ ކަމަށް އެރަށު މަސްވެރިން ބެނެ އެވެ.

ނޫމަރާގެ ހިތްގައިމް އަތިރިމަތި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ކުޑަ، އާބާދީގެ ގޮތުން ވެސް އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށެވެ. ރަށުގެ ބިމުގެ ބޮޑުމިނަކީ 41.3 ހެކްޓަރެވެ. ދިގުމިނުގައި 900 މީޓަރެވެ.

ނުމާރާގެ ގެއެއްގެ ގޯތިތެރޭ އެލުވާފައި ހުރި އުދޯޔަކަށް ކުޑަކުއްޖަކު ލައިގެން ހެއްލަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ރަށުގައި ގެތައް ތެޅިގަލުން ރާނާފައި ހުންނަ އިރު ޒަމާނާ އެއްގޮތަށް ރަށް އާބާދު ނުވާކަން ފާހަގަކޮށްލެވޭ ނޫމަރާގެ އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ އިރު މައިގަނޑު ގޮތެއްގައި އެ ރަށު މީހުން ކޮށް އުޅެނީ މަސްވެރިކަމާއި ވަޑާމުގެ މަސައްކަތް، އަދި ކޮންމެ ވެސް ވަރަކަށް ދަނޑުވެރިކަން ކުރެ އެވެ.

ނޫމަރާގައި ހުރި ފަޅޫ ގެއެއް: ރަށުގެެ ގިނަ މީހުން ށ. އަތޮޅުގ ވެރިކން ކުރާ ރަށައް ވަނީ ބަދަލު ކޮށްފަ

ނޫމަރާގެ ގެއެއް: ނޫމަރާގެ ގެތައް ހާދާފައި ހުންނަނީ ތެޅި ގަލުންނެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދެހާސް ބާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނޫމަރާގެ އާބާދީގެ ޖުމުލައަކީ 426 މީހުންނެވެ. އެއީ 220 ފިރިހެނުންނާއި 206 އަންހެނުންނެވެ. މި ރަށުގެ ގިނަ އަދަދެއްގެ މީހުން ވަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫ އަށް ބަދަލު ކޮށްފަ އެވެ.

އަންހެނަކު ބަރޮލަކަށް ކުޑަކުއްޖެއް އަރުވަގެން ނޫމަރާގެ މަގެއްމަތިން ހިނގާފައި ދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޫމާގެ މަގެއްމަތި: ނޫމަރާގެ ގެތަކުގެ މަގުފާރު ރާނާފައި ހުންނަނީ ތެޅިގަލުން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސާންތި ވިޔުމަކީ އިހު ޒަމާނުގައި މިރަށުގައި އާއްމުދަނީ ހޯދުމަށް ކުރި މަސައްކަތަކަށް ވިޔަސް މިހާރު ހުއްޓިފައިވާ މަސައްކަތެކެވެ. އެއީ މި ރަށަކަށް އެކަށީގެންވާ ރަނގަޅު އާންމުދަނީއެއް ލިބުނު މަސައްކަތެކެވެ.

ނޫމަރާގެ މަގެއްމަތިން ދެ އަންހެނުން ހިނގާފައި ދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނޫމަރާއަކީ ތިން ފަހަރަށް މީހުން އާބާދުވެފައިވާ ރަށެކެވެ. މި ރަށުން ފޭބިމީހުން ކޮންމެ ފަހަރަކު ވެސް ބަދަލުވެފައި ވަނީ ށ. ނެޔޮ ކިޔާ ރަށަކަށެވެ. އެއީ މިހާރު ފަޅު ރަށެކެވެ.

ނޫމަރާ މިސްކިތް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޫމަރާގެ މަގެއްމަތި: މަގުގައި ފެހި ޖަހާފައި--ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެންމެ ފަހުން މި ރަށުގައި މީހުން އާބާދުވެފައި މި ވަނީ ދެކުނު އަތޮޅެއްގެ މީހަކު ފަންޑިތަ ހަދައިގެން ކަމަށް ބުނެވެ އެވެ. އެ މީހާ ފަންޑިތަ ހަދާފައި ވަޅުލާފައިވާ ކަމަށް ބުނާ ހިލައެއް މިހާރު ވެސް ނޫމަރާ ހުކުރު މިސްކިތް ކައިރީގައި ހުރި ގެއެއްގެ ގޯތިތެރޭގައި އެބަ އޮތެވެ.

ނޫމަރާގެ މަގެއްމަތިން މީހަކު ހިނގާފައި އަންނަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނޫމަރާއަކީ 1821 ވަނަ އަހަރު، މުޙައްމަދު މުޢީނުއްދީން 1ގެ ރަސްކަމުގައި، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އެރި ބާރުގަދަ ތޫފާން ނުވަތަ "ކޭލަކުނު ތަޅާލި" ވިއްސާރައިގައި ބޮޑެތި ގެއްލުން ލިބުނު ރަށްރަށުގެ ތެރެއިން ރަށެކެވެ.
އާސާރީ ގޮތުން ފާހަގަކޮށްލެވޭ އެއްވެސް ތަނެއް މިޖީލުގެ ޒުވާނުންނަށް ފެންނާނެހެން މި ރަށުގައި ނެތެވެ.

ށ. ނޫމަރާ ސިހްހީމަރުކަޒު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރަށުގެ ސިއްހީ ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ހިންގަމުން އައި ހެލްތުޕޯސްޓް ސިއްހީ މަރުކަޒަކަށް ބަދަލު ކުރެވުނީ 2008 ގައެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އާ އިމާރާތެއް ބިނާކޮށް ހުޅުވާފައި ވަނީ 2008 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން މި ޚިދުމަތް ދެމުން ގެންދިޔައީ ރަށު އޮފީހުގަ އާއި ރައްޔިތުންގެ އިދާރާއެއްގަ އެވެ.

ނޫމަރާ ސުކޫލް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސުކޫލް ކުދިންތަކެއް ދުވަހުގެ ކިޔުވުން ނިންމާލުމަށް ފަހު އެނބުރި ގެއައްދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނޫމަރާގައި ފުރަތަމަ ކިޔަވައިދޭން ފަށާފައި ވަނީ 1986 ވަނަ އަހަރުގެ ފެބުރުއަރީ މަހުގަ އެވެ. އޭރުގެ ނަމުން ނަމަ ނޫމަރާ މަކްތަބުގަ އެވެ. މިރަށުގައި ރާއްޖޭގެ ރަސްމީ މުގައްރަރަށް ކިޔަވައިދޭން ފެށީ 1991 ސެޕްޓެމްބަރުގަ އެވެ. މިރަށުގެ ގިނަ މީހުންނަކީ އަސާސީ ތައުލީމުގެ ފެންވަރަށް ތަކެތި ދަންނަ ބައެކެވެ.

ނޫމަރާ ސުކޫލްގައި ދަރިވަރުން ތަކެއް ކިޔަވަނީ: ނޫމަރާގައި ފުރަތަމަ ކިޔަވައިދޭން ފަށާފައިވަނީ 1986 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ---ސަން ފޮޓޯ/ މުހައްމަދު އަފްެރާހް
ދެހާސް ހަ ވަނަ އަހަރާ ހަމައަށް މިސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގަ އެވެ. ނަމަވެސް 2006 ވަނަ އަހަރުން ފެށިގެން މިސްކޫލަކީ ސަރުކާރުގެ ސްކޫލެކެވެ. މިހާރު މިސްކޫލުގައި 95 ދަރިވަރުން ކިޔަވަމުން ގެންދެ އެވެ. މި ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 10 ހަމައަށެވެ.

ނޫމަރާގައި ދަނޑުވެރިން ކުރުމަށް ހުސްކޮށްފައި އޮތް ބިމެއް: ބިމުގެ ގޮތުން ކުޑަރަށެއް ކަމުގައި ވީނަމަވެސް ނޫމަރާގައި ދަނޑުވެރިކަުމުގެ މަސައްކަތް ކުރޭ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނޫމަރާގެ މަގެއްމަތީ ކުކުޅާއި ހާ ތަކެއް: ނޫމަރާގައި ގިނަ އަދަދަކަށް ކުކުޅު ހާ ގެންގުޅޭ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނޫމަރާގައި އެންމެ ގިނައިން ހެދޭ ބާވަތަކީ ރުކެވެ. ދެން އެންމެ ގިނައިން ހައްދަނީ ފަތްކޭލެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހައްދަ އެވެ. މީގެ އިތުރުން ހައްދާ ތަފާތު ބާވަތްތަކުގެ ތެރޭގައި މިރުސް، އަންނާރު، ކުންނާރު، ފޭރު، އަތަ، ބަށި، ކަރާ، ކިއުކަންބާ، ޖަނބުރޯލް، ޓޮމާޓޯ، މުރަނގަތޮޅި، ފާގަ، ފަޅޯ، ބަރަބޯ، ބޮނޑިކޮޕީ، ބަނބުކެޔޮ، ކައްޓަލަ، އަލަ ފަދަ ބާވަތްތައް ހިމެނެ އެވެ.

ށ. ނޫމަރާ އިންޖީނުގެ: ނޫމަރާގެ އިންޖީނުގެ ހިންގަނީ ފެނަކައިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޫމަރާ ބަނދަރު. އެތައް އަހަރެއްގެ ދަތިއުނދަގޫތަކަށް ފަހު މިހާރު ވަނީ ލަފާފުރުމަށް އިތުރު ފަސޭހަތަކެއް ލިބިފައި: މި ބަނދަރު ހެދުމަށް ދައުލަތުން 27.6 މިލިއަން ރުފިޔާ ހަރަދުކުރި---ސަން ފޮޓޯ/ މުހައްމަދު އަފްރާ