"ތާޑް" ނިޒާމުގެ އަގު ދައްކަންޖެހޭނީ ދެކުނު ކޮރެޔާއިން ކަމަށް ޓްރަމްޕް ވިދާޅުވުމުން އެގައުމުން ރުޅިއައިސްފި

ތާޑް ނިޒާމު

ސޯލް (އެޕްރީލް 27): ދެކުނު ކޮރެޔާގެ ދިފާއުގައި އެގައުމުގައި އެމެރިކާ ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމް "ތާޑް"ގެ އަގު ދައްކަންޖެހޭނީ ދެކުނު ކޮރެޔާއިންކަމަށް އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އެގައުމުން އެކަމަށް ދެކޮޅު ހަދައިފިއެވެ.

ދެކުނު ކޮރެޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ "ތާޑް"ގެ އަގު ދައްކަންޖެހޭ އެއްވެސް އެއްބަސްވުމެއްގައި އެމެރިކާއާއެކު އެގައުމުން ސޮއިކޮށްފައި ނުވާނެކަމަށާއި ޓްރަމްޕަށް ވަނީ ކަންކަން އޮޅި ވަޑައިގެންފައި ކަމުގައެވެ. ދެކުނު ކޮރެޔާގައި އެމެރިކާ ބިނާކުރާ ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިޔާ ޑިފެންސް ސިސްޓަމް ނުވަތަ "ތާޑް" އަކީ އަވަށްޓެރި އުތުރުކޮރެޔާއިން ދީފާނެ ހަމަލާތަކަކުން ދެކުނު ކޮރެޔާ ދިފާއުކޮށްދިނުމުގެ ނަމުގައި އެމެރިކާ ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމެކެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވާގޮތުން މިނިޒާމު ގާއިމް ކުރުމަށް ދެކުނު ކޮރެޔާއިން ދޭންޖެހޭނީ ބިމާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އެވެ. އެނިޒާމު ގާއިމްކޮށްދިނުމާއި އޭގެ ބެޓެރިތައް އިންސްޓޯލް ކުރުމާއި އެނިޒާމު ހިންގުމުގެ ޚަރަދަކީ އެމެރިކާއިން ކުރަންޖެހޭނެ ޚަރަދުތަކެކެވެ.

ދެކޮރެއާގެ ދެމެދުގައި 1950 ން 1953 އަށް ހިނގި ހަނގުރާމައަށްފަހު ދެކުނު ކޮރެޔާވަނީ 1953 ގައި އެމެރިކާއާއެކު ދިފާއީ މުއާހަދާއެއްގައި ސޮއިކޮށްފައެވެ. މި މުއާހަދާގައިވާގޮތުން އުތުރުކޮރެޔާއިން ދީފާނެ ހަމަލާއަކުން ދެކުނު ކޮރެޔާގެ ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެމެރިކާގެ ކަމެކެވެ. މި މުއާހަދާގެ ދަށުން ދެކުނު ކޮރެޔާގައި އެމެރިކާގެ 28 ހާސް ސިފައިންގެ ލަޝްކަރެއް ރުކުރުވާލައި އަސްކަރީ ބޭހެއް ގާއިމްކޮށްފައިވެއެވެ.

ދެކުނު ކޮރެޔާގެ މަސްއޫލުވެރިޔާ ވިދާޅުވީ "ތާޑް" ނިޒާމުގެ އަގު ދައްކަން އެގައުމަށް ނުޖެހޭނެކަމަށާއި އެކަން އެގައުމުން ނުކުރާނެކަން އެމެރިކާ ދަންނަންޖެހޭނެ ކަމުގައެވެ. ދެކުނު ކޮރެޔާގެ ބައެއް އާންމުން އިއްޔެ ސޯޝަލް މީޑިޔާގައިވަނީ ޓްރަމްޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. މިގޮތުން ޓްރަމްޕް އުޅުއްވަނީ "ތާޑް" ނިޒާމު ދެކުނު ކޮރެޔާގައި ގާއިމް ކޮށްގެން އުތުރުކޮރެޔާއާ ހަނގުރާމަ ކުރައްވަން ކަމަށާ އަދި ޓްރަމްޕް ކުރައްވާ ހަނގުރާމައިގެ އަގު ދެކުނު ކޮރެޔާއިން ދައްކަން އޭނާ އެންގުމަކީ ބޮޑު ޖޯކެއްކަމަށް ބުނެ ދެކުނު ކޮރެޔާގެ ބައެއް އާންމުންވަނީ ޓްރަމްޕަށް ނުރުހުން ފާޅުކޮށްފައެވެ.

އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ "ތާޑް" ނިޒާމުގެ އަގު ކަމަށްވާ އެއްބިލިޔަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނީ ދެކުނު ކޮރެޔާއިންކަމަށް ވިދާޅުވެ ރޮއިޓާސް އަށް ބަޔާނެއް ދެއްވާފައެވެ. މިބަޔާނުގައި ޓްރަމްޕް ވަނީ ސައޫދީ އަރަބިޔާ ދިފާއުކޮށް ދިނުމަކީވެސް އެމެރިކާއަށް ކުރަން ދަތިވާފަދަ ޚަރަދު ބޮޑުކަމެއްކަމަށް ވިދާޅުވެ ސައޫދީގެ ދިފާއުގައި އެމެރިކާ ކުރާ އަސްކަރީ ކަންކަމުގެ ޚަރަދުތައް ސައޫދީ ސަރުކާރުން ދިނުމަށް ގޮވާލައްވާފައެވެ.

ޓްރަމްޕްވަނީ އެމެރިކާގެ ރިޔާސަތަށް ކޭންޕޭން ކުރެއްވި ދުވަސްވަރުގައިވެސް މިމޭރުމުން ވާހަކަ ދައްކަވާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް