ބަންގްލަދޭޝްގެ ތަކްފީރީ ޖަމާއަތެއްގެ ބަޔަކު ފުލުހުންގެ އަތްދަށު ނުވާންވެގެން އަމިއްލައަށް މަރުވެއްޖެ

ބަންގްލަދޭޝްގެ ފުލުހުން އަމަނާބެހޭ އޮޕަރޭޝަނެއްގައި

ދާކާ (އެޕްރީލް 28): އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނަޅާފައިވާ ފިކުރު ގެންގުޅޭ ތަކްފީރީ ޖަމާއަތެއްގެ ހަތަރު މީހުން އެމީހުންގެ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވެއްޖެކަން ބަންގްލަދޭޝް އިން ހާމަކޮށްފިއެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނީ ޖަމާއަތޭ މުޖާހިދީ ބަނގްލަދޭޝް އަށް ނިސްބަތްވާ ހަތަރު ހަނގުރާމަވެރިން އެމީހުންގެ އަމިއްލަ ހަށިތައް ގޮއްވާލައިގެން އަމިއްލައަށް މަރުވީ މިއަދު ހެނދުނު އެގައުމުގެ އުތުރުގެ ޝިބްޣާނީގައި ފުލުހުންނާއި އެމީހުންނާ ދެމެދު ހަމަލާތަކެއް ބަދަލުކުރަމުން ގެންދިޔަ ވަގުތުގައި ކަމަށެވެ.

އެ ހަތަރު މީހުން އަމިއްލައަށް މަރުވީ ފުލުހުންގެ އަތްދަށުގައި ވެދާނެކަމުގެ ބިރު ހީވުމުން، ނޫނީ ފުލުހުންގެ ހަމަލާތަކުގައި އެމީހުން މަރުވާނެކަމަށް ހީވެގެންކަމަށް ބަންގްލަދޭޝް ފުލުހުންގެ އެންޓި ޓެރަރިޒަމް ޑިޕާޓްމަންޓްގެ ވެރިޔާ މުޖާހިދުލްއިސްލާމް އޭއެފްޕީ އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވިއެވެ.

" އެމީހުން އަމިއްލައަށް މަރުވީ އެމީހުންގެ ކުރިމަތީގައި އޮތީ އަމާންދިނުން ނޫނީ ފުލުހުންގެ ހަމަލާތަކުގައި މަރުވުން މިދެގޮތުންކުރެ ގޮތެއްކަން އަޑުގަދަކުރާއިން އެމީހުންނަށް އެންގުމުން. އެމީހުން ތިބީ ފުލުހުންގެ އަތްދަށުން ސަލާމަތް ނުވެވޭފަދަ ގޮތަކަށް ހުރިތަނެއްގައި ފިލައިގެން،" މުޖާހިދުލްއިސްލާމް ވިދާޅުވިއެވެ.

ޖަމާއަތޭ މުޖާހިދީ ބަނގްލަދޭޝް އަކީ އައިއެސް ޖަމާއަތުގެ ފިކުރުގައި ޖެހިފައިވާ ބަޔަކު އުފައްދައިގެން ހިންގާ ޖަމާއަތެއްކަމަށް ފުލުހުން ޝައްކު ކުރެއެވެ.

ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ދީނީގޮތުންނާއި ނަސްލީގޮތުން ބައިމަދު ޖަމާއަތްތަކުގެ މީހުންނަށާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ލާދީނީ ފިކުރު ޕްރޮމޯޓްކުރަން އުޅޭ ފަރާތްތަކާ ދެކޮޅަށް ހިންގާ މަރުގެ ހަމަލާތަކުގެ ފަހަތުގައިވާ ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ތުހުމަތުކުރާ ތަކްފީރީ ޖަމާއަތްތަކުގެ ލިސްޓުގެ ކުރީގައިވެސް މިޖަމާއަތް ހިމެނެއެވެ.

ބަންގްލަދޭޝްގެ ފުލުހުން އިއްޔެވަނީ އެގައުމުގެ އުތުރުގެ ވިލެޖެއްކަމަށްވާ ޝިބްޣާނީގައި ޖަމާއަތޭ މުޖާހިދީ ބަނގްލަދޭޝް ޖަމާއަތުގެ މެންބަރުންނާ ދެކޮޅަށް ވަރުގަދަ އޮޕްރޭޝަނެއް ހިންގައި އެޖަމާއަތުގެ ބައެއް މަރުކަޒުތައް ހަލާކުކޮށްލާފައެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގެ ދާކާގެ ކެފޭއަކަށް ޓެރަރިސްޓް ހަމަލާއެއްދީ 22 މީހުންމަރާލި ޖަރީމާ ހިންގީވެސް މިޖަމާއަތްކަމަށް ބަނގްލަދޭޝްގެ ފުލުހުން ބުނެއެވެ. ނަމަވެސް އެހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. (އޭއެފްޕީ)

comment ކޮމެންޓް