އަލިފާނުން ރައްކާތެރިވާނެ އުސޫލެއް އެކުލަވާލުމަށް ޑިފެންސް މިނިސްޓްރީން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި އެދިއްޖެ އެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން މިއަދު ބޭއްވި މަހާސިންތާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލިފާނުން ރައްކާތެރިވާނެ އުސޫލެއް އެކުލަވާލުމަށް އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ރާއްޖޭގައި ހިނގައި އެތައް ބަޔަކަށް ގެއްލުންވުން އާންމުވެފައިވާއިރު ގޭގޭ އިމާރާތް ކުރަމުންދަނީ އަލިފާނުން ސަލާމަތްވާން އެންމެ ރައްކާތެރި ގޮތަށް ނޫންކަމަށް ސިފައިން ވަނީ ބުނެފައެވެ.
ރައްކާތެރިކަމަށްޓަކައި އަޅާނެ ފިޔަވަޅު ހުރި ނަމަވެސް އެކަންކަން ދިވެހިން ބޭނުން ނުކުރުމަކީ ގިނަ ފަހަރު ދިމާވާ މައްލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާންމު ރައްކާތެރި ކަމަށް މަސައްކަތް ކުރަން ޖެހިފައިވާތާ އެތައް ޒަމާނެއްވެފައިވާ ކަމަށެވެ.
"ސަލާމަތީ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް، ވަރަށް ގިނަ ފަހަރު ރައްކާތެރިކަމުގެ ފިޔަވަޅު ހުރި ނަމަވެސް ދިވެހިން އެކަންކަން ބޭނުން ނުކުރާ ފަހަރު އާދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަލާމަތީ ފިޔަވަޅުތައް ނާޅާތީ ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް އިތުރުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ރައީސް މުހައްމަދު އަލީ ޖަނާހް ކޮންސްޓުރަކްޝަން ދާއިރާގެ ބައިނަލްއަގުވާމީ ރައްކާތެރި ދުވަސް ފާހަގަ ކުރުމަށް އަންނަ އަހަރުން ފެށިގެން މަސައްކަތްކުރާ ސައިޓްތަކުގައި ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ކޮންމެ ކުންފުންޏެއްގައި ވެސް ސޭފްޓީ ޕޮލިސީއެއް އޮންނަންޖެހޭ ކަމަށްވެސް ޖަނާހު ވިދާޅުވިއެވެ. ހިތާމަވެރި ހާދިސާތައް ހިނގާއިރު ރަނގަޅު ސޭފްޓީ ނިޒާމެއް ގާއިމްކޮށްފައި ނުހުންނަ ކަން ޖަނާހު ފާހަގަ ކުރެއްވިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކޮންސްޓުރަކްޝަން ދާއިރާ ކުރިއެރުވުމަށާއި ރައްކާތެރިވުމަށް ސަރުކާރާއި ގުޅިގެން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.