މި އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ދޭން ފަށާނަން: މިނިސްޓަރު

މާސްޓާ ޕްލޭންގެ ދަށުން ސިއްހީ ދާއިިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ: މިނިސްޓަރު ނާޒިމް

ހުޅުމާލޭ ހޮސްޕިޓަލުގައި މި އަހަރުގެ ތެރޭގައި އެމްއާރުއައިގެ ހިދުމަތް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މި އަހަރު ތެރޭގައި އެމްއާރުއައިގެ ހިދުމަތް ދޭން ފަށާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ވެސް މި އަހަރު ތެރޭގައި ގިނަ ސިއްހީ ވަސީލަތްތަކެއް ފޯރުކޮށްދީ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ފެންވަރު ރަނގަޅު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.

ސިއްހީދާއިރާ އާ ގުޅޭ މަުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބަށްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ފަޔާޒު މޫސާ

އަދި އޭގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުން ބިނާ ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތެލެސީމިއާ ސްކްރީނިންގެ ހިދުމަތް ފެށުމުގެ މަސައްކަތް ވެސް ހިންގާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ލެބޯޓަރީތަކަށް ބޭނުންވާ އެކި ވަސީލަތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ އެކި މެޝިންތައް ވެސް މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށާއި ސިއްހީ ދާއިރާއަކީ ހަމައެކަނި ބަލި މީހުންނަށް ޚިދުމަތްދޭ ދާއިރާއެއް ނޫން ކަމަށާއި އެއަށް ވުރެ ބޮޑަށް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސިއްހީ ދާއިރާއިން މިހާރު އަޅާ ކަމަށެވެ.

ސަރުކާރުން އުފައްދައިފައިވާ މާސްޓާ ޕްލޭންގެ ދަށުން ސިއްހީ ގިނަ ހިދުމަތްތަކަކާ އެކު ސިއްހީ ދާއިިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް