އޮޕަރޭޝަންގައި އަތުލައިގަތީ މާލޭގައި ބޮން ގޮއްވަން އުޅުނުކަމަށް ބެލެވޭ ބައެއް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ ---

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނަކީ މާލޭގައި ބޮމެއް ގޮއްވަން އުޅުނު ބައެއްކަމަށް ތުހުމަތުކުރެވޭ ބައެއްކަން ސަން އަށް އެނގިއްޖެ އެވެ.

އެރޭ ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން މއ. އެނބޫގޭގައި ހުރި އެޓިކް އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ކިނާރާ ހައުސްގެ އިތުރުން މއ. ނަމޫނާގެ ވެސް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ބޮންތަކެއް ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން ވަނީ ބަލައި ފާސްކުރި ތަންތަނުން އެފަދަ ތަކެތި ވެސް ހޯދައިފަ އެވެ.

ފުލުހުން އެކަމުގައި ވަކި އެއްޗެއް އަދި ހާމަކުރަން ބޭނުމެއްނުވެ އެވެ.

އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފުލުހުން ބަލައި ފާސްކުރަން ނެރެފައިވާ ކޯޓް އަމުރުގައި ވަނީ އެ އޮފީހުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަށް ރާވަމުންދާ ކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ، އެ މައްސަލައިގައި ހެއްކާއި ގަރީނާ ހޯދުމަށެވެ.

comment ކޮމެންޓް