އިތުރު ފުލުހުން މަގުމައްޗަށް ނެރެ، ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ފުލުހަކު މަގުމަތީގައި ފޯރިމަރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރު ނުކުރެވި އުޅެނިކޮށް، މާލެ ތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެ، ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިރޭ ކުރި ދެ ޓްވީޓެއްގައި ބުނެފައި ވަނީ، މާލެތެރެ ބެލެހެއްޓުމުގައި އިތުރު ފުލުހުން މިރެއިން ފެށިގެން ހަރަކާތް ތެރިވަމުންދާނެ ކަމަށާއި އެ އޮޕަރޭޝަންގައި މީހުންނާއި ސުވާލު ކުރުމާއި ސާމްޕަލް ނަގާނެ ކަމަށެވެ.

މާލެ ތެރޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުން އަންނަނީ އާދައިގެ ޔުނީފޯމްގައި ހަރަކާތްތެރިވާ ފުލުހުންނެވެ. އަދި އެ ފުލުހުން ގެންދަނީ މާލޭގެ އެކި މަގުތަކާއި ގޯޅިތަކުގެ އިތުރުން މަގުގެ ކަންމަތިތައް ޕެޓްރޯލްކުރަމުންނެވެ.

ފުލުހުން މާލެތެރެ ބަލަހައްޓަން ފަށާފައި މި ވަނީ އިއްޔެގެ ދަންވަރުގެ ވަގުތެއްގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު، 29،ގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަ ގޮތަކަށް މަރާލާގައި އޮއްވާ ފެނިފައިވަނިކޮށެވެ.

އަދި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، ފުލުހުން ވަނީ ޔާމީންގެ މަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެގޮތުން، ޔާމީނަށް ދިން ހަމަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައި އޮތްނަމަ، އެކަން ވީ އެންމެ އަވަހަށް އަންގައިދީ، އެ މަރާ ގުޅޭ ސާބިތު ނުހިފޭ ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދިފައިވެއެވެ.

ނަމަވެސް ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލެތެރެ ބެލެހެއްޓުމަށް ނެރެފައިވާ ފުލުހުންނަކީ ފުލުހުންގެ ޓްރެއިނިން ބެޗްގެ ދަރިވަރުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް