މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސްކަމުގެ މަގާމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިތުރު ފަރާތެއް ކުރިމަތި ނުލެއްވުމުން މުހައްމަދު ޝަވީދާއި އަހްމަދު މަރްޒޫގު (މަރޭ)އަށް މަގާމު ކަށަވަރުވެއްޖެއެވެ.
އެމްއޯސީގެ ރައީސްކަމުގެ މަގާމުގައި ކުރިން ވެސް ހުންނެވި ޝަވީދު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުންނެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ކުރިން ވެސް ހުންނެވި މަރޭ ކުރިމަތިލެއްވީ ސާފިން އެސޯސިއޭޝަންގެ ފަރާތުންނެވެ.
އެމްއޯސީގެ ރައީސްކަމުގެ މަގާމަށް ޝަވީދު ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިއިރު، މިއީ ޖެނެރަލް ސެކްރެޓަރީގެ މަގާމު މަރޭ ފުރުއްވާ ތިންވަނަ ދައުުރެވެ.
އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން ދެ މެންބަރުން ފިޔަވާ ދެން ހިމެނޭ މަގާމުތައް މިހާރު ވަނީ ކަށަވަރުވެފައެވެ. އެ މަގާމުތަކަށް މެންބަރުން އިންތިހާބުވެވަޑައިގެންނެވީ އިތުރު ފަރާތްތަކަކުން އެ މަގާމުތައް ކުރިމަތިލާފައި ނުވުމުންނެވެ.
ނައިބު ރައީސްގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ކުރީގެ ރައީސް އަހްމަދު ލަތީފް ހޮވިވަޑައިގެންނެވިއިރު، ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގެންނެވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ހުސައިން ރަޝީދެވެ.
އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ މަގާމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އާއި ހޭންޑްބޯލް މޯލްޑިވްސް ހޮވުނުއިރު، ނޮން އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމަށް ހޮވުނީ ސްވިމިން އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަން އަދި ބެޑްމިންޓަން އެސޯސިއޭޝަނެވެ. އަދި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމަށް ހޮވުނީ ޕޫލް ބިލިއާޑް އެސޯސިއޭޝަނާއި ބޮޑީބިލްޑިން ފެޑެރޭޝަނެވެ.
އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން ދެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލައްވާފައިވަނީ ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ޔާސްމީން އަބްދުﷲއާއި، ޝޫޓިން އެސޯސިއޭޝަންގެ ފަރާތުން މޯނާ އަހްމަދު އައްބާސް އަދި ނެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން އައިމިނަތު އަލީއެވެ.