ރާއްޖޭގައި ފުރަތަމަ ފަހަރަށް އެތުލީޓުންގެ ފޯރަމެއް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބާއްވާ އެތުލީޓުންގެ ފޯރަމް ފެށުން -- ފޮޓޯ/ އެމްއޯސީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެތުލީޓުންގެ ފޯރަމެއް ފަށައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބާއްވާ އެ ފޯރަމް ކުރިއަށްދާނީ އިއްޔެ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ. އެ ފޯރަމްގައި އެތުލީޓުންގެ އިތުރުން އެސޯސިއޭޝަންތަކުގެ އިސް ވެރިންނާއި އޮލިމްޕިކް ކޮމިޓީގެ އިސް ވެރިން އަދި ކުޅިވަރުގެ އެކިއެކި ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބާއްވާ އެތުލީޓުންގެ ފޯރަމްގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު -- ފޮޓޯ/ އެމްއޯސީ

އެތުލީޓުންގެ ފޯރަމް ފެށުމަށް އިއްޔެ ބޭއްވި ސެޝަންގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ ޕެނަލިސްޓުންގެ ގޮތުގައެވެ.

އިއްޔެގެ ސެޝަންގައި އެތުލީޓުންނާއި ކުޅިވަރު އެސޯސިއޭޝަންގެ އިސްވެރިންގެ ސުވާލުތަކަކަށް މިނިސްޓަރު ރާފިއު ވަނީ ޖަވާބުދެއްވައިފައެވެ. އަދި އެތުލީޓުން ވަނީ އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އެ ސެޝަންގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ޗެއާޕާސަންގެ މެސެޖަކާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެސެޖެއް އެތުލީޓުންނަށް ވަނީ ދީފައެވެ.

comment ކޮމެންޓް