މިއަހަރު ނިމޭއިރު ހުރިހާ ސްކޫލަކަަށް ހާއްސަ އެހީގެ ޓީޗަރުން ހަމަޖެހޭނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ހަމަޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް 217 ޓީޗަރުން ތަމްރީނުކޮށްފައިވާ ކަމަށެވެ.

އެ ޓީޗަރުން ތަމްރީން ކޮށްފައި ވަނީ އޯޓިޒަމް ކުދިންނަށް ކިޔަވަދޭނެ މޮޑިއުލެއް ވެސް އިތުރުކޮށްގެނެވެ.

މިނިސްޓަރު އިތުރަށް ވާހަކަދައްކަމުން ވިދާޅުވީ، އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އިތުރު 23 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭ ތައުލީމާ ބެހޭ ގޮތުންނާއި ހުރިހާ ކުދިން ބައިވެރިކޮށްގެން ތައުލީމް ފޯރުކޮށް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ސްކޫލުތައް ބައިވެރިކޮށްގެން ތިން ދުވަހުގެ މަހާސިންތާއެއް ބާއްވާނެ ކަމަށެވެ.

މަދުރަސީ ތައުލީމު ފަށާއިރު، ކުދިންނަށް އުނގަންނައި ދިނުމުގައި އެ ކުއްޖެއްގެ ފެންވަރަށް ބަލައި ތައުލީމު ދިނުމާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިން ފާހަގަ ކުރާނެ ގޮތާއި އެ ކުދިންނަށް ތައުލީމް ފޯރުކޮށް ދިނުމަށް ބޭނުންވާ އުކުޅުތައް ދަސްކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ސްޓޭންޑާޑްތަކުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ފޯރުކޮށް ދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ. އަދި އެ ހިދުމަތުގެ ފެންވަރު މަތިވެގެން ދާނެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސްޕެޝަލް އެޑިއުކޭޝަން ސެންޓަރުތަކެއްވަނީ ގާއިމްކޮށްފައި. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މިފަދަ ސެންޓަރުތައް ގާއިމްކުރެވުނު ފުރަތަމަ ފަހަރު." މިިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ 193 ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގަމުންދާއިރު 39 ސްކޫލެއްގައި އިންކްލޫސިވް ޔުނިޓްތައް ހަދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރަށް ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ، މިިދިޔަ އަހަރުގެ ތެރޭގައި ލޯފަން ކުދިންނަށް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ހަތް ޓީޗަރުން ވަނީ ތަމްރީނުކޮށް، ފުރަތަމަ ފަހަރަށް ލޯފަން ކުއްޖަކު އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 54 ޕަސެންޓް ސްކޫލަކީ އާބާދީގެ ގޮތުން 250 އަށް ވުރެ މަދު ކުދިން ކިޔަވަމުންދާ ސްކޫލްތައް ކަމަށެވެ. އަދި އެ ސްކޫލަތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޒަމާނީ ފެނަވަރުގައި ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި، އާބާދީ ކުޑަ ނުވަ ސްކޫލެއްގައި މަލްޓިގްރޭޑް ސިޔާސަތަށް ކިޔަވައިދެމުން އަންނަ ކަމަސް ވެސް މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

"މަލްޓްގްރޭޑް އަށް ކިޔަވައިދިނުމަކީ ދުނިޔޭގެ ފެންވަރު ރަނގަޅު ގިނަ ގައުމުތަކުގައި ބޭނުންކުރާ ޕްރެކްޓިސްއެއް. ރާއްޖޭގައި ވެސް އެ ސިސްޓަމް ހިންހަމަޖެހޭ މިންވަރަކަށް ހިންގެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސަރުކާރުން ގެންގުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ބީޓެކް، ޓިވެޓް އަދި ދަސްވާރު ޕްރޮގްރާމަށް ލިބެމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުވައި، ވާހަކަފުޅު ދައްކަވާފަ އެވެ.

comment ކޮމެންޓް