ދެވަނަ އޮޓޮޕްސީއެއް ހެދުމަށް ރައުދާގެ ގަބުރު ނަގައިފި

ރައުދާ އާތިފް ---

ބަންގާޅުގައި މިދިޔަ މަހުގެ ފަހުކޮޅު މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ދެވަނަ އޮޓޮޕްސީއެއް ހެދުމަށްޓަކައި އޭނާގެ ގަބުރު ކޮނެގެން ހަށިގަނޑު ނަގައިފިއެވެ.

ދެވަނަ އޮޓޮޕްސީއެއް ހަދަން، ގަބުރު ކޮނެގެން ރައުދާގެ ހަށިގަނޑު ނެގީ، ބަންގްލަދޭޝްގެ ރާޖްޝަހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓު ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.

ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ ދާކާޓްރިބިއުން އިން ރިޕޯޓުކޮށްފައިވާގޮތުން އޮޓޮޕްސީ ހެދުމަށް ރައުދާގެ ހަށިގަނޑު ނަގާފައި ވަނީ، މިއަދު ބަންގާޅު ގަޑިން ހެނދުނު 10:00 ކަންހާއިރުއެވެ.

ރާޖްޝާހީގެ ހަތިމް ޚާން ޤަބުރުސްތާނުގައި ވަޅުލާފައިވާ ރައުދާގެ ހަށިގަނޑު ކޮނެގެން ނަގާފައި ވަނީ، އެގްޒެކެޓިވް މެޖިސްޓްރޭޓް ޑރ. ރަކްތިމް ޗޯދަރީ އާއި ރާޖްޝާހީ ސީއައިޑީ އިންސްޕެކްޓަރު އަސްމުލް ހައްޤާއި ރައުދާގެ ބައްޕަ ޑރ. މުޙައްމަދު އާތިފްގެ ހާޒިރުގައެވެ.

"ރައުދާގެ ހަށިގަނޑު ވަނީ، ފްރެޝް އޮޓޮޕްސީއެއް ހެދުމަށްޓަކައި ރާޖްޝާހީ މެޑިކަލް ކޮލެޖްގެ މޯޗަރީއަށް ފޮނުވާފައި،" ރައުދާގެ މަރުގެ ތަހުގީގާވެސް ހަވާލުވެ ހުންނެވި، ސީއައިޑީ އިންސްޕެކްޓަރު އަސްމުލް ހައްޤު ވިދާޅުވިއެވެ.

އަލުން އޮޓޮޕްސީއެއް ހެދުމަށް ރައުދާގެ ހަށިގަނޑު ކަށްވަޅުން ނެގުމަށް ރާޖްޝާހީ ކޯޓުން އަމުރުކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ރައުދާގެ އާއިލާގެ ފަރާތުން ބައްޕަ ޑރ. މުހައްމަދު އާތިފް، ރާޖްޝާހީ މެޖިސްޓްރޭޓު ކޯޓަށް އޭޕްރިލް 10 ވަނަ ދުވަހު ވަނީ ރައުދާ މަރައިލީ ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްދިނުމަށް އެދި މައްސަލައެއް ވައްދައިފައެވެ. އެ މައްސަލަ ކޯޓުން ބަލައިގަނެ، ރަނގަޅަށް ތަހުގީގުކުރުމަށް ކޯޓުން އަމުރުކުރި އިރު، އެ މައްސަލަ ބެލުމަށް މިހާރު ހަވާލުކޮށްފައިވަނީ ބަންގާޅުގެ ސީއައިޑީއާއެވެ.

ރައުދާގެ ހަށިގަނޑު ވަޅުލީ އޭޕްރިލް އެއްވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ވަޅުލި އިރު، އޮޓޮޕްސީއެއް ވަނީ ހަދައިފައެވެ. އާއިލާއިން އިތުރު އޮޓޮޕްސީއެއް ހަދަން އޭރު ބޭނުންވި ނަމަވެސް، އިތުރު އޮޓޮޕްސީއެއް ހެދޭނެ ސަރަހައްދަކަށް ހަށިގަނޑު ގެންދިއުމަކީ ކުރަން އުނދަގޫ ކަމަކަށް ވުމުން ހަށިގަނޑު ވަޅުލީއެވެ.

comment ކޮމެންޓް