އުމުރުން ސާދަ އަހަރުގައި ލިޔުންތެރިކަމުގެ ތެރެއަށް ވަނެވެ. ސްކޫލް ދައުރުގައި އުޅެމުން ވާހަކަ ލިޔަން ފެށީއެވެ. އެންމެ ފަހުން ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުގައި ވެސް ވާހަކަ ލިޔެ ވަނަ ތައް ހޯދަން ފެށީއެވެ. ދިވެހި ފިލްމުތަކާއި ޑްރާމާތައް އުފައްދާ ފަރާތްތަކަށް ވެސް މިދެންނެވި ވާހަކަތައް ކަމުދާން ފެށީއެވެ. މިދައްކަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ވާހަކައެވެ.
މަރީގެ ގިނަ ވާހަކަތަކަށް ޑައިރެކްޓަރުން ފިލްމު އަދި ޑްރާމާ ހަދައެވެ. ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ބައެއް ޑްރާމާ ތަކާއި ފިލްމުތަކުގެ ވާހަކަ ލިޔެފައިވަނީ މަރީ އެވެ. ނަމަވެސް ފިލްމެއް ނޫނީ ޑްރާމާއެއް ހަދައި ނިމޭ އިރު ގިނަ ފަހަރު އޮންނަނީ ވާހަކަ ލިޔާ މީހާ ލިޔުނު ވާހަކަ މުޅިން ބަދަލުވެފައެވެ. މަރީ ވެސް ހިތްހަމަ ނުޖެހެނީ އޭނާ ލިޔާ ވާހަކަަތައް ފިލްމެއްގެ ގޮތުގައި އަންނަ އިރު މުޅިން ތަފާތުވެފައި އޮންނާތީއެވެ.
"އަޅުގަނޑު ލިޔެފަ ދިނީމަ އެ ފިލްމަކަށް ނުވަތަ ޑްރާމާ އަކަށް ހަދާއިރު ބައެއް ޑައިރެކްޓަރުން އޮންނަނީ ވާހަކަ އެއްކޮށް ބަދަލުކޮށްފަ. އަސްލު ވަރަށް ހިތްހަމަ ނުޖެހޭ އެހެންވެ. އަޅުގަނޑު ކުރާ މަސައްކަތް އަޅުގަނޑު ގާތު އަހާފަ ނޫންތޯ ބަދަލު ކުރަން ވާނީ،" މިހާތަނަށް 15 އަށް ވުރެ ގިނަ ޑްރާމާއަށް ވާހަކަ ލިޔެދީފައިވާ މަރީ ބުންޏެވެ.
"ސަން" އަށް ދިން އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން މަރީ ބުނީ، އޭނާގެ ވާހަކައަކަށް ފިލްމެއް ނޫނީ ޑްރަމާއެއް ހަދާއިރު ވާހަކަ ބަދަލުކުރާނަމަ އޭނާއަށް އެންގުމަށްފަހު ބަދަލު ކުރުމުން އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެފަދަ ހާލަތުގައި އެ ވާހަކައެއް ޑައިރެކްޓަރަކު ބޭނުންވާ ގޮތަށް ބަދަލުވެސް ކޮށްދޭނެ ކަމަށެެވެ.
"އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑަކީ އެންމެ ގާބިލް މީހެއް ނޫންކަން. އެކަމަކުވެސް އަޅުގަނޑުގެ ވާހަކައަކަށް ބަދަލެއް ގެންނަ ނަމަ ގުޅާލާފަ ވެސް ބުނެވޭނެ ދޯ. އޭރުން އަޅުގަނޑު އެ ޑައިރެކްޓަރަކު ބޭނުން ގޮތަކަށް އަލުން ވާހަކަ ފެންވަރު ރަނގަޅު ކުރާނަން،" މަރީ ބުންޏެވެ.
މަރީ ބުނީ، ގިނަ ޑައިރެކްޓަރުން އޭނާގެ ވާހަކަތަކަށް ހަދާފައި ހުންނަ ޑްރާމާ ތަކަށާއި ފިލްމު ތަކަށް ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެ މަސައްކަތްތައް އަބަދުވެސް ބަލައިގަންނަ ކަމަށެވެ.
ޓީވީ މޯލްޑިވްސްއިން ދެއްކި ކުރު ޑްރާމާ "މަލަކާ"ގެ ވާހަކަ ލިޔުނު މަރީ ބުނީ، ފިލްމަކަށް ނުވަތަ ޑްރާމާ އަކަށް ވާހަކައެއް ލިޔާއިރު އެއީ ވަރަށް ބުރަ އަދި ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށެވެ. އަދި ފިލްމަށް އަދި ޑްރާމާއަށް ލިޔާ ވާހަކަ ތަފާތު ވާނެ ކަމަށް މަރީ ބުންޏެވެ.
އަބްދުލް ފައްތާހް ޑައިރެކްޓް ކުރި ޑްރާމާ ސިލްސިލާ " ސިއްރު ސިއްރުން"ގެ ވާހަކަ ލިޔުނު މަރީ ބުނީ، ވާހަކައެއް ލިޔާ އިރު ބަލަނީ އޭރެއްގައި މުޖުތަމައު ތެރޭގައި ހިނގާ ކަންތައްތަކެއް ހިމަނައިގެން ލިޔެވޭތޯ ކަމަށެވެ. ނަމަވެސް ގިނަ ފަހަރު ވާހަކަ ލިޔެ ނިމޭ އިރު އޮންނަނީ ލޯބީގެ ވާހަކައަކަށް މުޅިން ބަދަލުވެފައި ކަމަށް ވެސް މަރީ ބުންޏެވެ.
"ގުރްބާނީ" އާއި " މަޖްބޫރު ލޯބި" ފަދަ ފިލްމު ތަކަށް ވާހަކަ ލިޔެދީފައިވާ މަރީގެ ވާހަކަތަކަށް ބިނާކޮށް ހަދާ އިތުރު ތިން ޑްރާމާއެެއް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ. އެއީ އަލީ ރަޝީދު (ގޮޅާ) ޑައިރެކްޓް ކުރާ "ޝަކުވާ އަކާ ނުލާ" އާއި ކުޅަދާނަ ޑައިރެކްޓަރު އަހްމަދު ނިމާލް ޑައިރެކްޓް ކުރާ، "ލޯބީގެ ހިޔަނި" އަދި އެކްޓަރު އަހްމަދު ސައީދު ޑައިރެކްޓްކުރާ، "މީހޭ މަށަށް ދިން މަގާމް" އެވެ. މި ތިން ޑްރާމާގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. ޑްރާމާތައް ދައްކާނީ އަލަށް ތައާރަފް ކުރާ ޗެނަލަކުންނެވެ.
ކޮންމެ ވާހަކައެއްވެސް ލިޔަން ވަރަށް ގިނަ ވަގުތު ބޭނުން ވާނެއެވެ. މޮޅެތިި ވާހަކަ ލިޔެވެނީވެސް ގިނަ ދުވަހުންނެވެ. މަރީ ބުނީ ގިނަ ފަހަރު ޑައިރެކްޓަރުން ދެނީ ވަރަށް ކުޑަ މުއްދަތެއް ކަމަށެވެ. އެހެން ވިޔަސް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކަމަށް މަރީ ބުންޏެވެ.
މަރީ އާއި އޭނާގެ އާއިލާ މިހާރު ދިރިއުޅެމުންދަނީ އަވައްޓެރި ސްރީ ލަންކާގައެވެ. ފިރިމީހާ ހުސެއަިން އާދިލް އަކީ ވެސް ފިލްމީ ކަންކަމުގައި އިސްކޮށްއުޅޭ މީހަކަށް ވުމުން ގިނަ ކަންކަމުގައި މަރީއަށް އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އާދިލް ވަނީ މަރީގެ ގިނަ ވާހަކަތަކަށް ޑްރާމާ ވެސް ހަދާފައެވެ.
ކުރިޔަށް އަންނަން މިއޮތް ތިން ޑްރާމާއަށް ފަހު މަރީ މި މަސައްކަތުން ދުރަކަށް ނުދާނެއެވެ. އޭނާ ހުރީ ޑައިރެކްޓަރުންނަށް މޮޅެތި ވާހަކަތައް ލިޔެދޭން ތައްޔާރަށެވެ. ނިންމާލަމުން ވެސް މަރީ ދިނީ އުފާވެރި ހަބަރެކެވެ. އޭނާ އަމިއްލައަށް ޑައިރެކްޓް ކޮށްފައިވާ ލަވައެއް ވެސް ވަރަށް އަވަހަށް ރިލީޒް ވާނެއެވެ.