ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށްދަނީ

ފަރަންސޭސި ރިޔާސީ އިންތިޚާބުގައި މިއަދު ހެނދުނު ވޯޓުލަނީ

ޕެރިސް (އެޕްރީލް 23): ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް ދާއިރު ސަލާމަތީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަން އެގައުމުން ހާމަކޮށްފިއެވެ.

ފަރަންސޭސި އަމަނާބެހޭ ފަރާތްތަކުން ބުނީ ވޯޓުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށްދާކަމަށާއި ސަލާމަތީ އެއްވެސް ކަމެއް ކުރިމަތިނުވާ ކަމުގައެވެ.

ފަރަންސޭސިވިލާތުގެ މައިބިމުގައި ވޯޓުލުމުގެ ކަންތައް ފެށިފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެގައުމުގެ އެހެން ސަރަހައްދުތަކުގައި ވޯޓުލާން ފެށިތާ އެއްދުވަސް ފަހުންނެވެ. ފަރަންސޭސިވިލާތުގެ މައިބިމުގައި ވޯޓުލުމުގެ ކަންތައް ކުރިޔަށްދަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކަކާ އެކުގައެވެ.

ވޯޓުލުމުގެ ދެދުވަސްކުރިން ޕެރިހުގެ ޝާންޒްލީޒޭ ސަރަހައްދަށް މީހަކު ބަޑިން ހަމަލާދީ ސިފައިންގެ މީހަކު މަރާލާފައިވުމާއި އެހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލުމަކީ ވޯޓުލާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މައިގަނޑު ސަބަބު ކަމަށް ޚަބަރުތައް ބުނެއެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ފަރަންސޭސި ސަރުކާރުންވަނީ ވޯޓުލާ ސަރަހައްދުތަކުގެ ކައިރީގައާއި ބޮޑެތި ސިޓީތަކުގެ މުހިއްމު ތަންތަނުގައި ސިފައިންނާއި ފުލުހުން ރުކުރުވާލާފައެވެ. މިގޮތުން ބައިލައްކައެއްހާ ފުލުހުންނާއި އެތަށް ހާސް ސިފައިންނެއް ޕެރިހާއި އެނޫންވެސް ބޮޑެތި ސިޓީތަކުގައި ހަރަކާތްތެރިވަމުންދާކަމަށް ވެއެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބުގައި އެގާރަ ކެންޑިޑޭޓުން ވާދަކުރައްވާއިރު މީގެތެރޭގައި މިހާރުގެ ރައީސް ފޮންސުވާ އޮލާންދް ހިމެނި ވަޑައިނުގަންނަވައެވެ.

ފަރަންސޭސި ރިޔާސީ އިންތިޚާބުގައި އެގައުމުގެ ހަރުކަށި ޚިޔާލުގެ އިދިކޮޅު ލީޑަރު މޭރީ ލޮޕޭންވެސް ވާދަކުރައްވައެވެ. ލޮޕޭންއަކީ ފަރަންސޭސިވލާތުން މުސްލިމުން ބޭރުކުރުމަށާއި ފަރަންސޭސިވިލާތަށް އެހެންގައުމުތަކުން މީހުން ހިޖްރަކުރުމުގެ ފުރްސަތު ނުދިނުމަށް ފާޅުގައި ވަކާލާތު ކުރައްވާ ހަރުކަށި އަންހެން ބޭފުޅެކެވެ.

ފަރަންސޭސިވިލާތަށް ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކުގެ ސަބަބުން ލޮޕޭންއަށް ކުރިޔަށްވުރެ ބޮޑު ތާއީދެއް މިފަހަރު އޮތްކަން ޚިޔާލު ހޯދުމުގެ ވޯޓްތަކުން ހާމަވެފައިވެއެވެ.

އެގާރަ ކެންޑިޑޭޓުން ރިޔާސީ ރޭހުގައި ވާދަކުރައްވާއިރު ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށްވުރެ މަތިން ވޯޓު ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގައި ވޯޓުލުން އޮންނާއެވެ. ދެވަނަ ބުރު އޮންނާނީ އަންނަ މޭމަހުގެ ހަތެއްގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް