ސައޫދީ ވަލީއުލްއަހްދުގެ ބާރުތައް ކުޑަކުރާ އިދާރާއެއް ސަލްމާން ރަސްގެފާނު އުފައްދަވައިފި

ސަލްމާން ރަސްގެފާނާއި ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް

ރިޔާޒް (އެޕްރީލް 23): ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެގައުމުގެ ކެބިނެޓްގެ ބައެއް މަގާމުތަކަށާއި ސަރުކާރުގެ އިސް ބައެއް މަގާމު ތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އިތުރު ބައެއް އިދާރާތައް އުފެއްދެވުމަށް ނިންމަވައިފިއެވެ.

ސަލްމާން ރަސްގެފާނު ސޮއިކުރައްވައި އިއްޔެ ނެރުއްވި ޝާހީ އަމުރުގައި އިންފޮމޭޝަން މިނިސްޓަރު އާދިލްއައްތަރީފީ މަގާމުން ވަކިކޮށް ބައެއް ސަރަހައްދުތަކުގެ އަމީރުން (ގަވަރުނަރުން)ގެ މަގާމުތަކަށް ބަދަލުތައް ގެންނަވާފައިވެއެވެ. މީގެއިތުރުން ސައޫދީ ދާޚިލީ ވުޒާރާއާ އެއްވަރުގެ ބާރުތައް ލިބޭ އެހެން އިދާރާއެއް އުފައްދަވައި ދާޚިލީ ވުޒާރާގެ ބައެއް ބާރުތައް އެ އިދާރާގެ ދަށަށް ބަދަލުކުރެއްވިއެވެ.

ސައޫދީ ދާޚިލީ ވުޒާރާއާ އެއްވަރުގެ ބާރުތައް ލިބޭ އިދާރާއެއްގެ ގޮތުގައި އުފެއްދެވީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނަމުން ނަންދީފައިވާ އިދާރާއެކެވެ. އެ އިދާރާގެ ވެރިއަކީ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި ރަސްގެފާނަށް ލަފާދޭ މުސްތަޝާރެކެވެ. މިމަގާމަށް އައްޔަން ކުރެއްވީ މިހާރުގެ ދާޚިލީ ވަޒީރު އަދި ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް އާ ޚިޔާލު ތަފާތު ބޭފުޅެއްކަމަށްވާ މުހައްމަދު ބިން ސާލިޙް އަލްޣުފައިލީއެވެ.

މިއީ ވަލީއުލްއަހްދު އަދި ދާޚިލީ ވަޒީރު މުހައްމަދު ބިން ނާޔިފްގެ ބާރު ކަނޑުވާލައި އޭނާ އެކަހެރިކޮށްލުމުގެ ފިޔަވަޅެއްކަމަށް މުރާސިލުން ސިފަކުރެއެވެ. ސައޫދީ ވިރާޘީ ރަސްކަމުގެ އުސޫލުތައް މިހާތަނަށް އޮންނަ ގޮތުން ސަލްމާން ރަސްގެފާނަށްފަހު ސައޫދީ ރަސްކަން ލިބިވަޑައިގަންނަވާނީ ވަލީއުލްއަހްދުގެ މަގާމުގައި ހުންނެވި އޭނާއަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ބިން ނާޔިފްއަށެވެ. ނަމަވެސް ސަލްމާން ރަސްގެފާނު ގެންދަވަނީ އޭނާއަށްފަހު ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ރަސްކަން ލިބިވަޑައިގަންނަވާގޮތަށް ހުރިހާކަމެއް ބަދަލުކުރައްވަމުންނެވެ.

މިބަދަލުތަކާއެކު ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް ވަނީ އޭނާގެ މަގާމުގެ ހައިޘިއްޔަތާއި ލިބެންޖެހޭ ބާރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އެކަހެރި ކޮށްލާފައެވެ. އަދި ވަލީއުލްއަހްދުގެ ބަދަލުގައި ސައޫދީ ދައުލަތުގެ ހުރިހާ ކަމެއްގައިވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ރަސްގެފާނުގެ ދަރިކަލުން ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާނެވެ.

ސަލްމާން ރަސްގެފާނު ކުއްލި ގޮތަކަށް އިއްޔެ ނެރުއްވި ޝާހީ އަމުރުގައި ރަސްގެފާނުގެ ދަރިކަލެއްކަމުގައިވާ ޚާލިދު ބިންސަލްމާން އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާއި ރަސްގެފާނުގެ އެހެން ދަރިކަލެއްކަމަށްވާ އަބްދުލްއަޒީޒް ބިން ސަލްމާން ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާއި ރަސްގެފާނުގެ ކާފަދަރިކަލެއްކަމަށްވާ އަހްމަދު ބިން ފަހުދު ސައޫދީ އިރުމަތީ ސަރަހައްދުގެ އަމީރުގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވުންވެސް ހިމެނެއެވެ.

ޝާހީ އަމުރުގެ ދަށުން އިންފޮމޭޝަން މިނިސްޓަރު އާދިލްއައްތަރީފީ ވަކިކޮށް އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަން ކޮށްފައިވަނީ ޢަވާދު ބިން ސާލިޙް އެވެ. މީގެއިތުރުން ސައޫދީ އެއްގަމު ސިފައިންގެ ވެރިޔާގެ މަގާމަށް އަމީރު ފަހްދު ބިން ތުރުކީ އައްޔަން ކުރެއްވުމާއި ސައޫދީ ސިފައިންގެ ތެރޭގައި ހިމެނޭ ޔަމަންގެ ހަނގުރާމައިގާ ބައިވެރިވާ ސިފައިންނާއި އޮފްސަރުންގެ މުސާރަ ބޮޑުކުރެއްވުންވެސް އިއްޔެ ނެރުއްވި ރިޔާސީ އަމުރުގައި ހިމެނެއެވެ.

ސައޫދީ އިދިކޮޅު ފަރާތްތައް ބުނާގޮތުން ޔަމަނާ ދެކޮޅަށް ސައޫދީ އިސްވެ އޮވެގެން ކުރިޔަށްގެންދާ ހަނގުރާމަ ދިގުލައިގެން ދިޔުމާއި އެހަނގުރާމައިގާ މަރުވާ ސައޫދީ ސިފައިންނާއި އޮފްސަރުގެ އަދަދު އިތުރުވަމުން ދިޔުމުގެ ސަބަބުން ސިފައިންގެ މުއައްސަސާގެ ތެރޭގައިވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ޔަމަންގެ ހޫޘީންނާއި އެގައުމުގެ ކުރީގެ ރައީސް އަލީ ސާލިޙްގެ ބާރުތައް ދެއަހަރު ވީއިރުވެސް ބަލި ނުކުރެވޭތީ ޔަމަނާ ދެކޮޅަށް ސައޫދީ އިސްވެ އޮވެގެން ކުރާ ހަނގުރާމަވަނީ ދިގުލައިގެން ގޮސްފައެވެ. ދާދި ފަހުންވަނީ ސައޫދީ ހެލިކޮޕްޓަރެއް ޔަމަނަށް ވެއްޓި އޭގައިތިބި ސައޫދީ ސިފައިންގެ އޮފްސަރުންނާއި ސިފައިންގެ ބައަކު މަރުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް