ޒޯން ހަތަރެއްގެ ފައިނަލަށް މާޅޮހާއި ކުނބުރުދޫ

މިނިވަން ޗެމްޕިއަންޝިޕްގައި ގުރައިދުއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕް ޒޯން ހަތަރެއްގެ ފައިނަލަށް އއ. މާޅޮސް އަދި އދ. ކުނބުރުދޫ ޖާގަ ހޯދައިފިއެވެ.

ޒޯން ހަތަރެއްގެ ލީގު ބުރުގެ ކުޅުން މިއަދު ހަވީރު ނިމިގެންދިޔައިރު، ފައިނަލަށް ދަތުރުކުރާނީ ތިން ޓީމުގެ ތެރެއިން އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ލީގު ބުރުގެ އެއްވަނައިގައި އޮތް މާޅޮހަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުނބުރުދުއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ޒޯން ހަތަރެއްގައި ދެން ހިމެނޭ ކ. ގުރައިދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޒޯން ހަތަރެއްގެ މެޗުތައް ކުރިއަށްދަނީ ގުރައިދޫ ފުޓްބޯޅަ ދަނޑުގައެވެ.

ޒޯން ހަތަރެއްގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ގުރައިދުއާއި މާޅޮހެވެ. ގުރައިދޫގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގެ 65 ވަނަ މިނެޓުގައި މާޅޮހަށް އަލީ ވަސީމް ލީޑު ހޯދައިދިން ނަމަވެސް، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ގުރައިދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އިކްރާމެވެ.

ޒޯން ހަތަރެއްގެ ފައިނަލުގައި މާޅޮހާއި ކުނބުރުދޫ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. އެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ.

comment ކޮމެންޓް