ރާއްޖެ އިން އަތުލައިގަތް ރަޝިއާގެ ހެކަރަށް 27 އަހަރުގެ ޖަލު ހުކުމެއް

ރާއްޖެއިން ހައްޔަރު ކުރި ރަޝިޔާގެ ހެކަރު ރޯމަން ވެލެރިޗް ސެލެޒްނޭވް (މ) --

މޮސްކޯ (އޭޕްރިލް 22): ދެހާސްސާދަ ވަނަ އަހަރު އެމެރިކާގެ ސީކްރެޓް ސާވިސް އޭޖެންޓުން ރާއްޖެ އިން ހައްޔަރު ކުރި ރަޝިޔާގެ ހެކަރު ރޯމަން ވެލެރިޗް ސެލެޒްނޭވްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއްކޮށްފި އެވެ.

އެމެރިކާގެ ރެސްޓޯރެންޓުތަކުން ކްރެޑިކް ކާޑު މައުލޫމާތު ނެގި މައްސަލާގައި ސެލެޒްނެވްގެ މައްޗަށް ކުށް ސާބިތުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހެވެ.

ސެލެޒްނެވް ވަނީ ހެކިންގް ސޮފްޓްވެއާއެއް ބޭނުންކޮށްގެން ޕީއޯއެސް ކޮމްޕިއުޓަރު ސިސްޓަމްތަކުން ކްރެޑިޓް ކާޑު ނަމްބަރުތައް ވަގަށް ނެގުމަށް ފަހު އެތައް މިލިއަން ޑޮލަރަށް އެތަކެތި ވިއްކާފައި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.

އެމެރިކާގެ ޖަސްޓިސް މިނިސްޓްރީން ބުނި ގޮތުގައި ސެލެޒްނެވް ވަނީ އޭނާގެ ސޮފްޓްވެއާ ބޭނުންކޮށްގެން އެމެރިކާގެ 500 ވިޔަފާރިއަކާއި 3،700 މާލީ އިދާރާއަކުން އެތައް މިލިއަން ކްރެޑިޓް ކާޑު ނަމްބަރު ވަގަށް ނަގައިފަ އެވެ. އޭގެ ސަބަބުން އެ ވިޔަފާރިތަކަށް ގާތްގަނޑަކަށް 170 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ސެލެޒްނެވް އަކީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ވެލެރީ ސެލެޒްނެވްގެ ދަރިއެކެވެ. މެމްބަރު ސެލެޒްނެވް ވިދާޅުވި ގޮތުގައި އޭނާގެ ދަރިފުޅު "ވަގަށް ނެގުމަށް ފަހު" އޭނާގެ މައްޗަށް ހުކުމް ކުރީ "އިންސާނުން ކައި އުޅޭ ބަޔެކެވެ." އަދި އޭނާގެ ދަރިފުޅު ކުށެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރޯމަން ސެލެޒްނެވް ރާއްޖެ އިން ހައްޔަރުކުރީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި އެތަނުންނެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން ބުނާ ގޮތުގައި އޭނާގެ ލެޕްޓޮޕްގައި، ވަގަށް ނަގާފައިވާ 1.7 މިލިޔަނަށް ވުރެ ގިނަ ކްރެޑިޓް ކާޑު ނަމްބަރާއި މައުލޫމާތު ރައްކާ ކޮށްފައި ހުއްޓެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް