ނުބައިބައި ރޯލު ކުޅޭ ރިއްޕެގެ ތަފާތުކަން "ނޯޓީ 40"އިން ފެންނާނެ!

ދިވެހި ފިލްމުތަކުގައި ނުރައްކާތެރި، "ވިލަން" ކެރެކްޓަރުގެ ގޮތުގައި މިފަހުން އެންމެ ގިނައިން ފެންނަ މުހައްމަދު ރިފްޝާން (ރިއްޕެ) -- ސަން ފޮޓޯ

ދިވެހި ފިލްމުތަކުގައި ނުރައްކާތެރި، "ވިލަން" ކެރެކްޓަރުގެ ގޮތުގައި މިފަހުން އެންމެ ގިނައިން ފެންނަ އެއް އެކްޓަރަކީ މުހައްމަދު ރިފްޝާން (ރިއްޕެ)އެވެ. ވިލަން ނުވަތަ ނުބައިބައި ކުޅޭ ރޯލުތަކަށް އޭނާ އެކްޓް ކޮށްފައި ހުންނަނީ ފިސާރި މޮޅަށެވެ. ނަމަވެސް ކުރިޔަށް އޮތް ފިލްމު "ނޯޓީ 40"އިން ރިއްޕެއަކީ ހަމައެކަނި ނުބައިބައި ރޯލު ކުޅޭ މީހެއް ނޫންކަން ފެންނާނެއެވެ.

"އާންމުކޮށް ރިއްޕެ ފެންނާނީ ނުބައިބައި ރޯލުތަކުން ގިނަ ފިލްމު ތަކުގައި. އެކަމު ނޯޓީ 40ގައި ފެންނާނެ އެ ކެރެކްޓާގެ އިތުރުން އެހެން ތަފާތު ރޯލަކުން،" ރިއްޕެ ބުންޏެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ނޯޓީ 40"ގައި ރިއްޕެގެ "ނުބައިބައި" ކެރެކްޓަރުގެ މަންޒަރުތައް ފެނިގެންދާނެ އިރު އެ ފިލްމުގައި އެމޯޝަނަލް ރޯލައަކުންވެސް ރިއްޕެ ފެންނާނެއެވެ. އެއީ މިހާތަނަށް ރިއްޕެ ކުޅުނު ފިލްމުތަކުގައި އޭނަގެ ފަރާތުން ފެނިފައިވާ މަންޒަރަކަށް ނުވާނެއެވެ.

"ފިލްމީ ދާއިރާގައި އުޅެނީ އަސްލު ވަރަށް ޝައުގުވެރިކަން ހުންނާތީވެ. އަސްލު ނުބައިބައި ރޯލުތައް ކުޅެފައި އެހެން ކަހަލަ ރޯލެއް ކުޅެން ޖެހޭތީ ކުޑަކޮށް އުނދަގޫވި. އެކަމު ފަހުން ފަހުން ވަރަށް ރަނގަޅަށް ކުޅެވުން. ރިއްޕެގެ ބެސްޓް ދައްކާފަ އިންނާނީ،" ތަފާތު ރޯލެއް ކުޅެން ޖެހުމުން ކުރެވުނު ތަޖުރިބާ ރިއްޕެ ކިޔައިދިނެވެ.

ރިއްޕެގެ ކެރެކްޓަރު ތަފާތުވާ ގޮތުގެ މާ ބޮޑު ތަފުސީލެއް ނޭނގެއެވެ. ނަމަވެސް އެނގިފައިވާ މިންވަރަށް ބަލާއިރު، ރިއްޕެގެ ކެރެކްޓަރުގެ ލޮލުން ކަރުނަ އޮހޮރޭ މަންޒަރު ފިލްމުގެ ކޮންމެވެސް ހިސާބަކުން ފެންނަން ޖެހެއެވެ.

ރިއްޕެ އަކީ މިހާތަނަށް ގިނަ ފިލްމު ތަކަކާއި ޑްރާމާ ތަކުން ފެނިގެންގޮސްފައިވާ ފަންނާނެކެވެ. އޭގެތެރެއިން ދިވެހި ފިލްމު "އިންސާފް"، "އެކެއް ޖެނުއަރީ"، "4426" ،"ލޯތްބައްޓަކައި" އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ. އެ ފިލްމުތަކުގައިވެސް އޭނާ ދައްކުވައިދީފައިވަނީ ނުބައިބައި ކުޅޭ މީހެއްގެ ރޯލްތަކެވެ.

އިސްމާއިލް ޝަފީގާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ގުޅިގެން ޕްރޮޑިއުސްކުރާ "ނޯޓީ 40" ގައި އެކްޓް ކުރުމުގެ ފުރުސަތެއް ރިއްޕެއަށް ދިނީ ޔޫއްޕެއާއި ޕްރޮޑިއުސަރު ޝަފީގްއެވެ. އެ ފިލްމަކީ މިހާތަނަށް ދިވެހި ފިލްމަކުން ނުފެންނަ ތަފާތު ގިނަ ރަހަތައް ފިލްމަކުން ފެންނާނެ އެއް ފިލްމެވެ.

އުމުރުން 30 އަހަރުގެ މި ފިލްމީތަރި ގަބޫލުކުރާ ގޮތުގައި އޭނާ ފިލްމުތަކުން ފެނުނު ނަމަވެސް އާންމުންގެ ލޯތަކުން އޭނާ ހުންނަނީ "ގެއްލިފައެވެ".

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި ވަޒީފާ އަދާކުރަމުން އަންނަ ރިއްޕެ ވަޒީފާއަށް އިސްކަން ދިނުމުގެ ގޮތުން ބައެއް ފަހަރު ފިލްމު ކުޅުމަށް ލިބޭ ފުރުސަތުތައް ދޫކޮށް ވެސް ލައެވެ.

" ޖޮބްގެ ގޮތުން ބައެއް ފަހަރު އެބަ ޖެހޭ ފިލްމުތައް ދޫކޮށްލަންވެސް. މިދޭތެރެއަކު ނަހުލާ ވެސް ގުޅި ރޯލެއް ދޭންވެެގެން. ނޭނގެ ކޮން ފިލްމަކުން ކަމެއް. ބުނި ޗުއްޓީ ހަމަޖައްސަން ވީނުހޭ. ރިއްޕެ ބުނިން ނޯޓީ 40 އަށް ގޮސް އައީމަ މިހާރު ރިއްޕެގެ ޗުއްޓީ ހަމަވެއްޖެ އޭ،" ރިއްޕެ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރު ފިލްމެއް ކުޅެން ލިބުމުން އެންމެ ބޮޑަށް ބަލަނީ ރަނގަޅު އަދި މޮޅު މީހުންނާ އެކީ އުޅެން ޖެހޭ ފިލްމަކުން ފުރުސަތެއް ލިބޭތޯއެވެ.

ނޯޓީ 40 އަކީ ގިނަ އަދަދެއްގެ ތަޖުރިބާކާރު ތަރިންތަކެއް އުޅޭ ފިލްމެކެވެ. އޭގެ ތެރޭގައި ނިއުމާ މުހައްމަދު، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން، މަރިޔަމް އައްޒަ އަދި ފާތިމަތު އާޒިފާވެސް ހިމެނެއެވެ.

ފިލްމީ ދާއިރާގައި ތިބި ތަޖުރިބާ ކާރުންނާއި އަރަމުން އަންނަ ފަންނާނުންގެ އިތުރުން ފިލްމު އިންޑަސްޓްރީ އަށް އަލަށް ތައާރަފްވެގެންދާ ތަރިންތަކަކާ އެކު ނޯޓީ 40 ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ރިއްޕެއަށް ލިބޭ އުފަލެއް ކަމަށް އޭނާ ބުނެއެވެ.

ށ. މިލަންދޫގައި ޝޫޓް ކޮށްފައިވާ "ނޯޓީ 40" އާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ރިއްޕެ ބުނީ، ފިލްމުގައި މިހާރު ނަގާ ނިމިފައިވާ ބައިތައް ޝުޓް ކުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. އެ ފިލްމުގައި ރިއްޕެ ހަރަކާތްތެރިވަނީ ހަމަ އެކަނި އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. ފިލްމުގެ ފޭސްބުކް ޕޭޖަށް ލާ ހުރިހާ ފޮޓޯ އެއްގެ އިތުރުން މޭކިން މަންޒަރުތައް ނަގައި، އެޑިޓް ކުރަނީ އޭނާއެވެ.

"ނޯޓީ 40" ގައި ރިއްޕެ ކޮށްފައިވާ މަސައްކަތާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ފިލްމުގެ ޕްރޮޑިއުސަރު ޝަފީގުވެސް ބުނަނީ ރިއްޕެގެ އެކްޓިންގް ވަރަށް ފުރިހަމަ ކަމަށެވެ.

ކޮންމެއަކަސް "ނޯޓީ 40" އަށް ފަހު ރިއްޕެގެ ފިލްމީ ދާއިރާއަކަށް ދުރަކަށް ނުދާނެއެވެ. ރިއްޕެ ހުރީ ފިލްމު ކުޅެން ތައްޔާރަށެވެ. ރިއްޕެ އެދެނީ "ނޯޓީ 40" އިން އޭނާގެ ތަފާތު އެކްޓިން ބަލާލުމަށް އަންނަ އޯގަސްޓް ދެވަނަ ދުވަހަށް އިންތިޒާރު ކޮށްލުމަށެވެ.

comment ކޮމެންޓް