ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީގެ ކުރިން ގާސިމް ހައްޔަރުކުރި އިރު ސަބަބު ހާމަކުރި ނަމަވެސް، މިފަހަރު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެންކަން ހާމަކުރެވެން ނެތްކަމަށެވެ. އޮފިޝަލް ވިދާޅުވީ، މީޑިއާއަށް ފުލުހުން ހަމައެކަނި މިވަގު ހާމަކޮށްދެވެން އޮތީ، ގާސިމް ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމެވެ.
Thahgeegu kuramundha massalaakai gulhigen court amurehge dhashun M. Maafannuvilla, Qasim Ibrahim fuluhunge belumuge dhashahvany genevifai.
— Maldives Police (@PoliceMv) April 20, 2017
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ޞާލިހު، ވިދާޅުވީ، މިރޭ 12:00 ކަންހާއިރު ފުލުހުން ވަނީ ގާސިމް އިބްރާހީމްގެ ގެކޮޅުކަމަށްވާ، މ. މާފަންނުވިލާއަށް ވަދެ، ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައި ކަަމަށެވެ.
"ގާސިމް ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރު ބަލާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭ. އެހެންކަމުން ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެންކަން އަދި ނޭނގެ،" އަލީ ޞާލިޙް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހިސާން ހުސެއިން ސަންއަށް ވިދާޅުވީ، ގާސިމް ހައްޔަރުކުރި އިރު، ލޯޔަރުންނަށް އެމަނިކުފާނު ހައްޔަރުކުރި ސަބަބު އޮޅުންފިލުވުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
"ގާސިމް އިބްރާހީމް ހައްޔަރުކުރުމުން އަޅުގަނޑުމެން ވަކީލުން ފުލުހުންގެ އިދާރާއަށް ދިއުމުން އެތަނަށް ނުވެއްދި. އެ ސަރަހައްދުގެ މަގުތައް ވަނީ ބަންދުކޮށްފައި. ފުލުހުން އެންގީ އެސަރަހައްދަށް ނުވަދެވޭނޭކަމަށް. މިއީ ގާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ކަމެއް،" ހިސާން ވިދާޅުވިއެވެ.
ފުލުހުން ވަނީ، މިމަހުގެ ހަވަނަ ދުވަހުވެސް ކޯޓުއަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައެވެ. ނަމަވެސް، އޭނާ ދޫކޮށްލީ ހައިކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމުގެ އަމުރަށް ކޯޓުގައި އެދެން ޖެހޭނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައި ވާ ކަމަށެވެ. ނަމަވެސް އޭރު، ގާސިމް ހައްޔަރުކުރުމުގެ އަމުރަށް ކޯޓުގައި އެދުނީ، ފުލުހުން ކަމަށް ވާތީ، އެއީ ގާނޫނާ ޚިލާފު އަމަލެއް ކަަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)
އަދި ގާސިމް ހައްޔަރުކުރުމަށް އޭރު ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށްވެސް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އޭރު ފުލުހުން، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އެމައްސަލައިގައި ގާސިމްގެ މައްޗަށް ވަނީ، ތިން ދައުވާއެއް އުފުލައިފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ގާސިމްގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ރެކޯޑިން ފިޔަވައި އެތިން ދައުވާގައި ގާސިމާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތްކަމަށެވެ.
ދައުވާ އުފުލިފަހުން ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ގާސިމް ދިރިއުޅުއްވާ، މ. މާފަންނުވިލާއާއި، ވިލާޝިޕިންގެ ބައެއް އޮފީސްތައް ފުލުހުން ވަނީ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ. އަދި އެއިން އެއްވެސް ތަނަކުން ގާސިމާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައި ނުވާކަމުގެ ލިޔުމެއް ފުލުހުން ވަނީ، ގާސިމަށް ދީފައެވެ.