އުފަން ބިމުގައި ސެމްސަންގް އެސް8 އަށް އެއް މިލިއަނަށްވުރެ ގިނަ ޕްރީއޯޑަރު

ސެމްސަންގް ގެލެކްސީ އެސް8 އައި އެސް8 ޕްލަސް: މާދަމާ މި ދެ ފޯނު އެމެރިކާ، ސައުތު ކޮރެއާ އަދި ކެނެޑާގައި ބާޒާރަށް ނެރޭނެ --- ފޮޓޯ/ ސެމްސަންގް

ސެމްސަންގް ކުންފުނި އުފަންވި ސައުތު ކޮރެއާ އިން ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ސްމާޓް ފޯން "ސެމްސަންގް ގެލެކްސީ އެސް އެއިޓް / ސެމްސަންގް ގެލެކްސީ އެސް އެއިޓް ޕްލަސް" އަށް އެއް މިލިއަނަށްވުރެ ގިނަ ޕްރީއޯޑަރު ލިބިއްޖެ އެވެ.

ސެމްސަންގް ކުންފުންޏަކީ ސައުތު ކޮރެއާގެ ކުންފުންޏެއް ކަމުގައި ވިޔަސް، އެ ކުންފުނިން މިދިޔަ އަހަރު ތެރޭގައި ރިލީޒް ކުރި އެ ކުންފުނީގެ ނޯޓް ސީރީޒްގެ ފޯނު، "ސެމްސަންގް ގެލެކްސީ ނޯޓް ސެވަން" ގެ ބެޓެރީގެ މައްސަލައާ ހުރެ އެ ގައުމުން ވެސް ސެމްސަންގަށް ވަނީ ބޮޑު މާކެޓެއް ގެއްލިފަ އެވެ.

ނަމަވެސް ސެމްސަންގް ކުންފުނީގެ ސްޕޯކްސްޕާސަން އެރިކް ސޯހްން ވިދާޅުވެފައި ވަނީ، މީގެ ތިން ހަފްތާކުރިން އެ ފޯނު ލޯންޗްކޮށްފައިވާ އިރު، މިއަދާ ހަމައަށް އެއް މިލިއަނަށްވުރެ ގިނަ ޕްރީއޯޑަރު އެ ފޯނުގަތުމަށް ހަމައެކަނި ސައުތު ކޮރެއާ އިން ވެސް ލިބިފައިވާ ކަމަށެވެ. އެއީ ތާރީހުގައި ރެކޯޑެއް ކަމަށާއި އެއީ ސެމްސަންގަށް އުފަންބިމުން އަލުން އިތުބާރު ލިބުނުކަމުގެ ހެއްކެއް ކަމަށް އެނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އުފެއްދި ނޯޓް7 ގެ ހިތި ތަޖުރިބާ އަށްފަހު އެ ކުންފުނިން އެސް8 އަދި އެސް8+ އުފައްދާފައި ވަނީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ. އަދި ނޯޓް7 ގެ ބަދަލުގެ ގޮތުގައި އެ ކުންފުނިން ފަސް ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.

ޕްރެޝާ ސެންސިޓިވް ބަޓަނެއް ގޮތަށް އެ ފޯނުގައި ވަނީ ހޯމްބަޓަން ހިމަނާފަ އެވެ. މިއީ ނުފިއްތޭގޮތަށް ހޯމްބަޓަން ލައިގެން އެ ކުންފުނިން ނެރުނު ގެލެކްސީ އެސް ސީރީޒްގެ ފުރަތަމަ ސްމާޓް ފޯނެވެ.

އިންޓާނަލް މެމޮރީގައި 64 ޖީބީ ހުންނަ، 4 ޖީބީގެ ރެމް އެއް ހިމެނޭ ފޯނުތައް މާކެޓަށް ނެރޭއިރު، 128 ޖީބީގެ އިންޓާނަލް މެމޮރީއަކާ އެކު ހަ ޖީބީގެ ރެމް ހިމެނޭ ފޯނުތައް ލިބެނީ އަދި ބޭނުންކުރެވެނީ ހަމައެކަނި ޗައިނާ އިންނެވެ. 64 ޖީބީގެ ފޯނު އެސްޑީކާޑު ލައްވައިގެން 256 ޖީބީގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވެ އެވެ.

ސެކިއުރިޓީ ފީޗާއެއްގޮތަށް ފޯނުގެ ފިންގަޕްރިންޓް ރީޑަރު ހުންނަނީ ފޯނުގެ ފަހަތުގައި، ކެމެރާއާ ޖެހިގެންނެވެ. މި ފިންގަޕްރިންޓް ރީޑަރު އެތަނުގައި ގާއިމުކޮށްފައި ވަނީ، ފޯނު ހިފަހައްޓައިގެން ހުންނަ އިރު އަތުގެ ޝަހާދަތް އިނގިލި ސްކޭން ކުރާ ގޮތަށެވެ. މީގެ އިތުރުން ސެކުއިރިޓީ ފީޗާއެއްގެ ގޮތުގައި ލޮލުގެ ކަޅިވެސް ސްކޭން ކުރެވެއެވެ.

ލޮލުގެ ކަޅި ސްކޭން ކުރެވޭގޮތަށް އެ ކުންފުނިން އެންމެ ފުރަތަމަ ސެކިއުރިޓީ ގާއިމްކުރީ ނޯޓް7 ގައެވެ. ނަމަވެސް ނޯޓް ހަތަކަށްވުރެ އެސް8 ގައި އައިރިސް ސްކޭނިންގެ ޓެކްނޮލޮޖީ މާ ފުރިހަމަ އެވެ. ގާތްގަނޑަކަށް އެއް ސިކުންތު ތެރޭގައި ލޮލުގެ ކަޅި ސްކޭންކޮށް ފޯނު ހުޅުވާލައިދެ އެވެ. މިއީ އައިޕީ68 ސެޓިފައިޑް، ޑަސްޓް އަދި ވޯޓާޕްރޫފް ފޯނެކެވެ. އެއް މީޓަރު ފުނަށް، 30 މިނިޓް ވަންދެން މި ފޯނު ފެނުގައި ގެންގުޅެވެ އެވެ.

ގެލެކްސީ އެސް8ގައި ހުންނަނީ ލޯ-ލައިޓް އިސްލާހުކޮށްފައިވާ 12 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއަކާއި، ކުރިމަތީގައި ސްމާޓް އޮޓޯފޯކަސްއަކާ އެކު އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ. ފާސްޓް ޗާޖިން ޓެކްނޮލޮޖީއާ އެކު މި ފޯނުގެ ބެޓެރީ ކެޕޭސިޓީއަކީ 3500 އެމްއޭއެޗް އެވެ.

ސެމްސަންގް ގެލެކްސީ އެސް އެއިޓް އަދި އެސް އެއިޓް ޕްލަސް މިމަހު 21ގައި ސައުތު ކޮރެއާ، އެމެރިކާ އަދި ކެނެޑާގައި މާކެޓަށް ނެރޭނެ އެވެ.

comment ކޮމެންޓް