މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަނީ

އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް --- ސަން ފޮޓޯ: ފަޔާޒު މޫސާ

މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން ސަރުކާރުން ގަސްދުކޮށްފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި، ހޮޓެލްއަޔަރ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ޖީއެމް ފޯރަމްގެ މެންދުރުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ބ. އަތޮޅުގައި ގާއިމްކޮށްފައިވާ ބައޮސްފިއާ ރިޒާވްގެ ކޮންސެޕްޓަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ފައިދާތަކެއް ކުރަމުން އަންނަ ތަނެއް ކަމަށެވެ. އެގޮތުން އެ ކޮންސެޕްޓު މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެވެސް ބައޮސްފިއާ ރިޒާވެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބ. އަތޮޅުގެ ބައޮސްފިއާ ރިޒާވްގެ ސަބަބުން ވާ ފައިދާގެ ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ސަރުކާރުން މަސައްކަތްކުރަމުން ދަނީ މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން. މިކަން ވަރަށް އަވަހަށް ތަންފީޒު ކުރެވިގެންދާނެ. ބައޮސްފިއާ ކޮންސެޕްޓަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކޮންސެޕްޓެއް،" ޠާރިޤު ވިދާޅުވިއެވެ.

އެކަން ކުރާ އެންމެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުމާއި ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީ ގުޅިލާމެހިފައި ރާއްޖޭގެ ގުދުރަތީ މުދާ ރައްކާތެރިކޮށް ހިމާޔަތް ކުރުމާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހެދުމާ އެކު ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އަދި އެ މަސައްކަތައް އެއްބާރުލުން ދީ އެއްބައިވުމަށް ރާއްޖޭގެ ރިސޯޓުތަކަށް ފުރުސަތު އޮތް ކަމަށް ވިދާޅުވެ އޭނާ ވަނީ ދައުވަތުވެސް އަރުވާފައެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގައި ހިންގާ 30 ރިސޯޓަކުން ވަނީ ރާއްޖެ ބައޮސްފިއާ ރިޒާވަށް ހެދުމުގެ މަސައްކަތުގައި އެހީތެރިވެދޭނެ ކަން ހާމަކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގައި އެހީތެރިވެރިވެ، އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަށް ގިނަ ފަރާތްތަކަކުން ހުށަހަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް މިމަސައްކަތުގެ ދަށުން ނުވަ ރިސޯޓެއްގެ ސާވޭ މަސައްކަތް ވަނީ ނިމިފަ. އަދި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ވަނީ ކަނޑައެޅިފައި. މި މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުން ލިބެމުން ދަނީ. އެކަމަކު އަދިވެސް މަސައްކަތް އޮތީ ކުރިއަށް. މި މަސައްކަތުގައި ބައިވެރިވުމަށް ހުރިހާ ރިސޯޓުތަކަށް ގޮވާލަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ހުޅުލޭ އައިލެންޑް ހޮޓަލުގައި ފެށި އެ ފޯރަމަކީ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ މެނޭޖަރުންގެ ލެވެލްގެ މީހުން އެއްތަނަކަށް ގެނެސް އެ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މަގްސަދުގައި ބޭއްވި ފޯރަމެކެވެ. ފޯރަމް ކުރިއަށް ދިޔައީ އެކި ކަންކަމާ ގުޅޭ ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާ އެކު އެވެ.

comment ކޮމެންޓް