ވިހައެއް ކެވިގެން ފިނޭ ކުއްޖަކު މަރުވެއްޖެ

ފިނޭގެ ކުޑަކުދިންތަކެއް --- ފޮޓޯ/ އެޗްޕީއޭ

ވިހަލަގޮނޑިއެއް ކެވިގެން ހދ. ފިނޭ ކުއްޖަކު މަރުވެއްޖެ އެވެ.

ފިނޭ ކައުންސިލް މެމްބަރަކު ސަން އަށް މިއަދު ބުނި ގޮތުގައި ވިހަލަގޮނޑިއެއް ކެވިގެން އެރަށު ކުއްޖަކު މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ. މަރުވެފައި ވަނީ އެރަށު އަސްރަފީ، އުމުރުން ހަތަރު އަހަރުގެ ޒަޔާން އަހުމަދު ޒައިދު ނަމަކަށް ކިޔާ ކުއްޖެކެވެ.

ކައުންސިލުން ބުނި ގޮތުގައި، މަރުވި ކުއްޖާއަށް ވިހަލަގޮނޑިއެއް ކެވުނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަދި ފިނޭ ހެލްތު ސެންޓަރުން ފުރަތަމަ ފަރުވާ ދިނުމަށް ފަހު ވެސް ހާލު ސީރިއަސް ވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.

ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެންނަން ފުރުވާލެވުނީ ހޯމަ ދުވަހު ކަމަށާއި ކުއްޖާ މަރުވީ މާލެ ގެނައުމުގެ ތެރޭގައި ފްލައިޓް މަތީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލް މެމްބަރު ސަން އަށް މައުލޫމާތު ދިނެވެ.

ވިހަލަގޮނޑިއަކީ ފަތްޕިލާވެލީގެ ތެރޭ ހިމެނޭ ވެލެއްގެ ގޮނޑިއެކެވެ. އޭތީގެ ވިހަނުފިލުވައި ކައިފި ނަމަ ވިހަވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް