ދަނޑުވެރިކަމުން ހައްދާ ތަކެތި ހަމަ އަގުގައި ވިއްކޭނެ ގޮތް ހަދައިދޭނަން: އިބޫ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވަނީ --- ފޮޓޯ// ޓްވިޓާ

ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކޮށް ދަނޑުވެރިކަމުން ހައްދާ ތަކެތި ހަމަ އަގުގައި ވިއްކޭނެގޮތް ހަދާދިނުމަކީ އިދިކޮޅު އިއްތިހާދުގެ އިގްތިސާދީ މެނިފެސްޓޯގައި ހިމަނާފައިވާކެމެއްކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން މިއަދު ހދ. ފިނޭއަށް ވަޑައިގެން އެރަށުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ފީވެ ހަލާކުވުމުގެ ކުރިން، ހަމަ އަގުގައި ވިއްކޭނެ ގޮތެއް ދަނޑުވެރިންނަށް ހޯދައިދިނުމަކީ އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯގައި އެކުލަވާލައި ޕްލޭން ކުރެވެމުންދާ އެއް ކަންތައް ކަމަށެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ އަސާސި އެތައް ބޭނުންތަކެއް ނުފުއްދި ވާނެކަމަށާއި އެކަންތައްތައް ފޯރުކޮށްދީ، ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަކީ އޭނާގެ ވެރިކަމުގައި ކޮށްދޭނެ ކަމެއްކަމަށް އިބޫ ވިދާޅުވިއެވެ.

އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަކީ އޭނާގެ ވެރިކަމެއްގައި ކުރާނެ ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުން ތަނެއްގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް އޭނާގެ ސިޔާސަތެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވިގޮތުގައި އިންސާފު ގާއިމުކޮށް ޖަޒީރާވަންތަ ތަނެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރުމަކީ އިއްތިހާދުގެ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާނެ ފުރަތަމަ ކަމެވެ.

comment ކޮމެންޓް