ރާއްޖެއަކީ އުރީދޫގެ އޮޕަރޭޝަންތައް އެންމެ ބާރަށް ކުރިއަރާ އެއް ގައުމު

އުރީދޫ މޯލްދިވްސްގެ ޕްރޮސްޕެކްޓަސް އިއުލާންކުރުމުގެ ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ވަލީދު އަލް ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްއަކީ އުރީދޫގެ ގްރޫޕުގެ އޮޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުންފުނިކަމަށް ގަތަރުގެ އުރީދޫ ގްރޫޕުން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި، އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި، ގަތަރުގެ އުރީދޫ ގްރޫޕުގެ ސީއީއޯގެ ނައިބު ވަލީދު އަލް ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫގެ ޚިދުމަތް އޭޝިއާގެ ފަސް ގައުމު، މެދުއިރުމަތީގެ ފަސް ގައުމު އަދި އުތުރު އެފްރިކާގެ ދެ ގައުމެއްގައި ދެއެވެ.

އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ވަލީދު ވިދާޅުވި ގޮތުގައި، އުރީދޫއިން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކީ، އުރީދޫގެ ޚިދުމަތްދޭ ގައުމުތަކުގެ ތެރެއިން އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ޚިދުމަތެވެ.

"އުރީދޫ މޯލްޑިވްސްއަކީ އުރީދޫ ގްރޫޕުގެ ހުރިހާ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ ޚިދުމަތް،" ވަލީދު ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން 2013 ވަނަ އަހަރު އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 702 މިލިޔަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރު އެކުންފުނީގެ އާމްދަނީ 1.6 ބިލިޔަން ރުފިޔާއަށް އަރައެވެ.

އުރީދޫއިން ރާއްޖެއަށް އިންޓަނެޓް ޕްރޮޓޮކޯލް ޓެލެވިޜަން (އައިޕީޓީވީ) މިއަހަރު ތަޢާރަފުކުރާނެކަން ހާމަކުރައްވަމުން، ވަލީދު ވިދާޅުވީ އުރީދޫ ގްރޫޕުން ދަނީ ރާއްޖޭގައި އަދިވެސް އިންވެސްޓު ކުރަމުން ކަމަށެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އުރީދޫ މޯލްޑިވްސް ލިސްޓުކޮށް، ހިއްސާ ވިއްކަން ފެށުމަކީ ތާރީޚީ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އުރީދޫ މޯލްޑިވްސްއަށް ލިބުނު ފައިދާއަށް ބައްލަވައި، ވަލީދު ވިދާޅުވީ އުރީދޫ މޯލްޑިވްސްއަކީ ބޮޑު ފައިދާއެއް ލިބޭނެ ކުންފުންޏެއް ކަމަށާއި، އެކަން އެކުންފުނީގެ ހިސާބުތަކުން ވެސް ދައްކާ ކަމަށެވެ.

comment ކޮމެންޓް