ހިއްސާ ގަތުމުގެ ދައުވަތާ އެކު، އުރީދޫގެ ޕްރޮސްޕެކްޓަސް އިއުލާންކޮށްފި

އުރީދޫ މޯލްޑިވްސް ޕލކގެ ހިއްސާ ވިއްކުމުގެ އިނީޝަން ޕަބްލިކް އޮފަރިންގް (އައިޕީއޯ) ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ރަސްމީކޮށް ލޯންޗުކޮށް، އެކުންފުނީގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދީފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ލޯންޗުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމާއި، ގަތަރުގެ އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ވަލީދު އަލް ސައީދެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައިވާ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތުގައި، އުރީދޫ މޯލްޑިވްސްގެ ހިއްސާގެ 15 ޕަސަންޓު، ނުވަތަ 22،170،060 ހިއްސާ އާންމުންނަށް ވިއްކާނެއެވެ. އަދި ތަރުހީބު އޮތް މިންވަރަށް ބަލައި، ކުންފުނީގެ 40 ޕަސަންޓާ ހަމައަށް، ނުވަތަ 59،120،160 ހިއްސާ ވިއްކުމަށް ހަމަޖެހިފައިވެއެވެ.

އުރީދޫގެ ހިއްސާ ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 30 ވަނަ ދުވަހުއެވެ. ހިއްސާއެއްގެ އަގަކީ 30 ރުފިޔާއެވެ. އަދި ކޮންމެ މީހަކުވެސް މަދުވެގެން 50 ހިއްސާ ގަންނަން ޖެހެއެވެ. އެއީ 1،500 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

އުރީދޫ މޯލްޑިވްސްއިން ރާވާފައިވަނީ ހިއްސާ ވިއްކައިގެން 1.77 ބިލިޔަން ރުފިޔާގެ ރައުސުލްމާލެއް ރެއިޒްކުރުމަށެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ބަދަލުކޮށް، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސް ޕލކގެ މެނޭޖިންގް ޑިރެކްޓަރު ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫގެ ހިއްސާ ވިއްކުމުގެ ބޭނުމަކީ ދިވެހީންނަށް އިންވެސްޓްމެންޓުގެ ރަނގަޅު ފުރުސަތެއް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އައިޕީއޯގެ ބޭނުމަކީ ރަނގަޅު އިންވެސްޓްމެންޓް ފުރުސަތެއް ފޯރުކޮށްދިނުން. އުރީދޫއިން ރާއްޖޭގައި ކުރާ ދަތުރުގައި ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދިނުން،" ވިކްރަމް ވިދާޅުވިއެވެ.

comment ކޮމެންޓް