އދ. މާމިގިލީ ކައިރި އޮންނަ އަރިޔަދޫ ނަމަކަށް ކިޔާ ފަޅުރަށް، އެ ރަށް ހިންގަން ހަވާލުކޮށްފައިވާ ފަރާތުގެ އަތުން ސަރުކާރަށް ނަގައިފި އެވެ.
ފިޝްރީޒް އެންޑް އެގްރިކަލްޗާ މިިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ރަށް ސަރުކާރަށް ނެގީ، އެ ރަށް ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަރާތުން އެގްރިމެންޓާ އެއްގޮތަށް އެރަށް ނުހިންގާތީ ކަމަށެވެ.
އެރަށް ދެން ދޭނެ ބަޔަކު އަދި ނުނިންމަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ މާމިގިލީ ޑިވެލޮޕްމެންޓް ސޮސައިޓީ (އެމްޑީއެސް) އިން އެރަށް މާމިގިލީ ރައްޔިތުންގެ ބޭނުމަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދަންނަވައިފަ އެވެ.
ގާތްގަނޑަކަށް 5000 އެއްހާ މީހުން ދިރިއުޅޭ މާމިގިލީގެ ބިމުގެ ދަތިކަން ބޮޑުވެ، ދަނޑުވެރިކުރުމާއި މޫދަށް އެރި އުޅޭނެ ސަރަހައްދެއް އެ ރަށަކު ނޯވެ އެވެ.
އަރިޔަދުއަށް އެ ޖަމިއްޔާގެ މެމްބަރުންތަކެއް ގޮސް ބެލިބެލިމުން އެ ރަށުން ކުރާ މަސައްކަތަކަށް ފާހަގަކުރެވެނީ ކާށި މާލެ ފޮނުވައިގެން ވިއްކުން ކަމަށާއި އެއަށް ވުރެ ރަނގަޅަށް، 27 ހެކްޓަރުގެ އެ ރަށް ބޭނުން ކުރުމަށް މާމިގިލީ ރައްޔިތުންނަށް އެ ރަށް ހަވާލުކޮށްދިނުމަށް އެ ޖަމިއްޔާ އިން އެދިފައިވެ އެވެ.