ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މެދު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޅުއްވާ ކަރުނަޔަކީ އިހުލާސްތެރިކަމެއް ނެތް، "ކިނބޫ ކަރުނަ" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ ވެސް ތަމްސީލު ކުރައްވާ، ގާސިމްގެ ގެ މާފަންނުވިލާ އާއި އަދި އޭނާގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ޗެކުކުރުމުން ނަޝީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި އުމަރު ނަސީރު ސިފަކުރެއްވީ އެއީ އެއްވެސް އިހުލާސްތެރިކަމެއް އޮވެގެން ނަޝީދު ދައްކަވާ ވާހަކައެއް ނޫން ކަމަށެވެ.
Shedding 'Crocodile Tears' for Qasim. https://t.co/BoIUQ1C9H4
— Umar Naseer (@UmarNaseerPPM) April 16, 2017
ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގާސިމް އިބްރާހީމްގެ ގެއާއި އަދި އެ މަނިކުފާނުގެ އޮފީހަށް ފުލުހުން ރެއިޑް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ގާނޫނާ ހިލާފު ސިޔާސީ "ހެރެސްމެންޓް" ކަމަށާއި އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ނަޝީދުގެ ޓުވީޓާ ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓް އިބްރާހީމް ލުތުފީ( ސަންދާނު ލުތުފީ) ވެސް ވަނީ ނަޝީދަށް ރައްދުދެއްވައި ޓުވީޓެއް ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ވިލާ ގްރޫޕް ރިސޯޓްތަކުގެ ސުޕާތަކާއި އަދި ގާސިމް އިބްރާހިމް ހައްޔަރު ކުރެއްވުމާއި ކުރީގެ ޑެޕިއުޓީ ސުޕީކަރު އަހުމަދު ނާޒިމު ދަންވަރު ހައްޔަރު ކުރުމަކީ ގާނޫނާ އެއްގޮތަށް ކުރެއްވި ކަންތައްތައްތޯ އެވެ.
އަދި ލުތުފީގެ އެހެން ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ މިއަދު މިހާލަތަށް ވެއްޓުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށާއި ނަޝީދުގެ ވެރިކަމުގައި އޭނާ ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހައިޖެކޮށްފައި ކަމަށެވެ.