ކިލޯ އަކަށްވުރެ ގިނަ ހެރޮއިން އަތުލައިގެންފި، އަގު ހަ މިލިއަން ރުފިޔާއަށް އަރާ

އިއްޔެ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި --- ސަން ފޮޓޯ

ކިލޯއަކަށް ވުރެ ގިނަ ހެރޮއިންނާއެކު ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އިންޓެލިޖެންސަށް ލިބުނު އިންޓަލިޖެންސް މައުލޫމަތާ ގުޅިގެން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ.

އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެއްސަކާއި 26 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

އެމީހުން ފުރަތަމަ އަތުލައިގަތީ މަގުމަތިން ސައިކަލެއްގައި ދަނިކޮށެވެ. އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ސިލިކޯން ހުސްކުރި ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައިހުރި 100 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ހިންގި އޮޕަރޭޝަންއާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ

އަދި ހައްޔަރުކުރި ދިވެހި މީހާ އުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެގޭގައި ހުރި އުދުނެއްގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި އަޅާފައިހުރި 26 ޖޫސްޕެޓީ ކޮތަޅު ވަނީ ފެނިފައެވެ.

އޭގެ އިތުރުން ކޮތަޅު ބަންދުކުރުމަށް ބޭނުންކުރާ މެޝިނަކާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ޑިޖިޓަލް ކައްޓާއެއްގެ އިތުރުން ރަބަރު ކޮތަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިީ، އިއްޔެގެ އޮޕަރޭޝަންގައި އަތުލައިގަތް 1.3 ކިލޯގެ މަސްތުވާތަކެތި ޓެސްޓުކޮށް ލިބުނު ވަގުތީ ނަތީޖާ އިން އެއީ ހެރޮއިންކަން ދައްކާ ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި --- ސަން ފޮޓޯ

އަދި ވިދާޅުވީ، އިއްޔެގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި، ދިވެހި މީހާގެ ގެއިން ފެނުނު ތަކެއްޗާއެކު ހައްޔަރުކުރި ދިވެހި މީހާއަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންގެ ޕޮލިސް ރެކޯޑެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ހިންގި އޮޕަރޭޝަން ފުލުހުން ތަހުގީގު ކުރަމުންދާތީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިތުރު ތަފްސީލެއް ނުދެއްވައެވެ.

comment ކޮމެންޓް